"އަސްލު ވެސް އަހަރުމެން ވަރަށް ކުރާ ހިތްވާ މަސައްކަތެއް އެއީ. އެކަމަކު އެއްޗެއް ނުލިބެންޏާ ކިހިނެއް އެ މަސައްކަތް ކުރާނީ"، މިއީ ގދ. ގައްދު އަށް ނިސްބަތްވާ، އަންހެނެއް ކައިރިން "ދައްތަ ކުނާ ވިޔަންހޭ" ސުވާލުކުރުމުން އެންމެ ފުރަތަމަ ވެސް ދިން ޖަވާބެވެ.
ތެދެކެވެ. ގައްދުއަކީ ޒަމާނުއްސުރެ ކުނާ ވިޔުމުގެ މަސައްކަތް ކުރަމުން އަންނަ ރަށެކެވެ. އެ މަސައްކަތަކީ ބުރަ ނަމަވެސް ވަރަށް ރަނގަޅު އާއްމުދަނީއެއް ލިބޭ މަސައްކަތެކެވެ. އެ މަސައްކަތްކޮށްގެން ލިބޭ އާމްމުދަނީ އިން ގޭގެ ހަރަދު ބަރަދު ބެލެހެއްޓޭ ކަމަށް އެ ރަށު އަންހެނުން ބުނެ އެވެ.
"ގޭގައި އިނދެގެން ފިނީގައި އިނދެގެން އަންހެންވެރިން ކުރަން ވަރަށް ރަނގަޅު މަސައްކަތެއް އެއީ. ބުރަ، އެކަމަކު މާކެޓު ލިބެންޏާ ވަރަށް ރަނގަޅު މަސައްކަތެއް އެއީ،" އެރަށުގައި ކުނާ ވިޔުމުގެ މަސައްކަތް ކުރާތާ 22 އަހަރުވެފައިވާ އައިމިނަތު ފާނު ބުންޏެވެ.
އެހެންނަމަވެސް، "ކުނާ މާކެޓު" ނުކުރެވުމަކީ ގައްދޫގައި ކުނާ ވިޔުމުގެ މަސައްކަތް ކުރަމުން އަންނަ އަންހެނުންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ގައްދޫ ކައިރި ސަރަހައްދުގައި ރިސޯޓެއް އޮތް ނަމަވެސް، ގައްދޫ އަންހެނުން ވިޔާ ކުނަލަށް އެއްގޮތަކަށް ވެސް ނުވިކޭ ކަމަށް އެ ރަށު މީހުން ބުނެ އެވެ.
"އެއްގޮތަކަށް ވެސް މާކެޓެއް ނުލިބޭ. މާކެޓު ލިބެންޏާ ވަރަށް ފޯރީގައި ކުރާ ހިތުން ވެސް ކުރާނަން." ގައްދޫގައި ކުނާ ވިޔުމުގެ މަސައްކަތް ކުރަމުން އަންނަ ސަކީނާ ހުސައިން ބުންޏެވެ.
ކުނާ މާކެޓު ކުރުމަށް އެއްވެސް މަސައްކަތެއް ކުރަންތޯ ސުވާލު ކުރުމުން އެރަށު އަންހެންވެރިން ބުނީ، "މިތަނަށް އަންނަ މީހުން ގާތު އަބަދު ވެސް އެވާހަކަ ދައްކާ" ކަމަށެވެ. އެގޮތުން އެމީހުންގެ ކުނާ މާކެޓު ކުރުމަށް ސަބާ މޯލްޑިވްސްގައި ވެސް ރަޖިސްޓްރީކޮށްފައިވާ ކަމަށް އެ ރަށު ބައެއް އަންހެނުން ބުނެ އެވެ.
"ސަބާ މޯލްޑިވްސް އިން އައިސް އަޅުގަނޑުމެން ރަޖިސްޓްރީ ވެސް ކޮށްގެން ދިޔައީ. ހިއްސާތަކެއް އަހަރުމެން ލައްވާ ގަނެގެން. އަދި އަދަށް ދާން ވެސް އެއްވެސް ހަބަރެއް ނުވޭ. ގުޅާވެސް ނުލާ،" ސަކީނާ ބުންޏެވެ.
ގައްދޫގައި ވިޔާ ކުނާ މާކެޓު ނުކުރެވުމުގެ މައްސަލައާ ގުޅޭ ގޮތުން އެ ރަށު ކައުންސިލާ ވާހަކަ ދެއްކުމުން، ކައުންސިލުގެ ރައީސް މުހައްމަދު އަހުމަދު ވިދާޅުވީ، ގައްދޫގައި ވިޔާ ކުނާ މާކެޓު ނުކުރެވެނީ ގައްދޫ ކައިރި ހިސާބުތަކުގައި ރިސޯޓުތައް ގާއިމު ކުރެވިފައި ނެތުމުން ކަމަށެވެ.
"ގައްދޫ ކައިރީ ރިސޯޓެއް ނެތީމާ މައްސަ ގައްދޫ އާއި ވާދޫ އާ ދޭތެރެ އޮވޭ ރިސޯޓެއް. އެކަމަކު އެ ރަށުން ފަތުރުވެރިންނެއް ގައްދޫ އަކަށް ނާދޭ. ސުވެނިއާ ދަތުރުތަކެއް ނުކުރޭ." ގައްދޫ ކައުންސިލް ރައީސް މުހައްމަދު އަހުމަދު ވިދާޅުވި އެވެ.
އެހެންނަމަވެސް، އޭނާ ވިދާޅުވީ ގައްދޫގައި ވިޔާ ކުނާ މާކެޓު ކުރުމަށް "ކުނަލުގެ އުފެއްދުންތެރިކަމުގެ ސެންޓަރެއް" ގާއިމު ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.
ކޮންމެއަކަސް، ކުނަލަށް އެއްވެސް ވަރެއްގެ މާކެޓެއް ނުލިބޭތީ އެ މަސައްކަތް ކުރާ މީހުންނަށް މިހާރު ވަނީ އާއްމުދަނީ ހޯދުމަށް އެހެން މަސައްކަތްތައް ކުރަން ޖެހިފަ އެވެ. އެގޮތުން އެ މަސައްކަތް ހުއްޓާލުމަށް ފަހު ދަނޑުވެރިކަން ކުރުމަކީ ވެސް މާ "ރަނގަޅު" ކަމެއް ކަމަށް ވެސް އެމީހުން ބުނެ އެވެ.
"އަޅުގަނޑުމެން ގަމަށް ވެސް ދާން މިޖެހެނީ މީގެއިން (ކުނަލުން) މާކެޓެއް ނުލިބޭތީ، ލާރިއެއް ނުލިބެންޏާ ކޮންމެވެސް މަސައްކަތެއް ކުރަން ޖެހޭނެ އެއްނު. އެއަށް ވުރެ މާ ރަނގަޅު ގަމަށް ގޮސްގެން އަލަ ކަނޑައިގެން އައިއްސަ އަލަ ތެލުލިޔަސް،" އެރަށުގައި ކުނާ ވިޔުމުގެ މަސައްކަތް ކުރާތާ 22 އަހަރުވެފައިވާ އައިމިނަތު ފާނު ބުންޏެވެ.
ގައްދޫ ކުނަލުގެ މާކެޓު ގެއްލި އެ މަސައްކަތް ކޮށްގެން އެއްވެސް އާއްމުދަނީއެއް ނުލިބޭތީ އެރަށު އަންހެނުން ތިބީ އެކަމާ ވަރަށް ކަންބޮޑު ވެފަ އެވެ. ކުނާ ވިޔުމުގެ މަސައްކަތް ކުރާ މީހުން މިހާރު އެ މަސައްކަތް އިތުރަށް ކުރިއަށް ގެންދާކަށް ބޭނުމެއް ނުވެ އެވެ.
ރަށު ތެރޭގައި ހިނގާލައި ގޭގެއަށް ވަދެލާ ބަލާލި އިރު ވެސް ކުނާ ވިޔުމުގެ މަސައްކަތެއް ނުފެނެ އެވެ. އެ ރަށު ބައެއް އަންހެންވެރިންނާ ވާހަކަ ދައްކާލުމުން ބުނީ، "މިހާރު ވަރަށް މީހުން ކުނާ ނުވިޔާ" ކަމަށެވެ. އެ މަސައްކަތް ކުރާ މީހުން "ވަރަށް މަދު ވެއްޖެ" ކަމަށެވެ. ވިޔެފައިވާ ކުނަލެއް ފެނޭތޯ ރަށުގެ ބައެއް ގޭގެ އަށް ދިއުމުން ވެސް ފެނުނީ އެންމެ ކުނަލެކެވެ.
ކޮންމެ އަކަސް ކުނާ ވިޔުމުގެ މަސައްކަތަކީ ދިވެހި ރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އަންނަ މަސައްކަތެކެވެ. އެމަސައްކަތަކީ ދިވެހި ވަންތަކަން ދައްކުވައިދޭ ސަގާފީ، ތާރީހީ މަސައްކަތެކެވެ. އެހެންނަމަވެސް، އެ މަސައްކަތް ކޮށްގެން ރަނގަޅު އާމްދަނީއެއް ނުލިބޭތީ، އެ މަސައްކަތް ކުރާ މީހުންގެ އަދަދު ވެސް މިހާރު ވަނީ މަދުވެފަ އެވެ.
އެހެންކަމުން "ގައްދޫ ކުނާ" އުވިހެން ހިނގައިދާނެ ކަމުގެ ބިރު މިހާރު ވަނީ ހީވެފަ އެވެ.