"ޕޮޕޯފަށް އިތުރު ވަގުތު ދޭން ޖެހޭ"، ހާބަޓަށް ވަގުތު ދޭން ނުޖެހެނީތަ؟

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް ރިކީ ހާބަޓް: ކޯޗް ބުނީ ފާޑުކިޔުން ތަކާ މެދު ނުވިސްނާކަމަށް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގައުމީ ޓީމުގެ ކުރީގެ ކޯޗު ވެލިޒާ ޕޮޕޯފް މަގާމުން ވަކި ކުރުމުން، ގައުމީ ޓީމުގެ ބައެއް ސީނިއާ ކުޅުންތެރިން ދެއްކި އެއް ވާހަކައަކީ ގައުމީ ކޯޗު ކަމުގައި ޕޮޕޯފަށް އިތުރު ވަގުތު ދޭން ޖެހޭ ވާހަކަ އެވެ. ކޯޗު ކަމުން ޕޮޕޯފް ވަކި ކުރުމުން ސީނިއާ ބައެއް ކުޅުންތެރިން ވަނީ އެފްއޭއެމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.

ގައުމީ ޓީމުގެ އެންމެ ސީނިއާ ދެ ކުޅުންތެރިން ކަމުގައިވާ ކެޕްޓަން ޢަލީ އަޝްފާޤް (ދަގަނޑޭ) އާއި ގޯލް ކީޕަރު ޢިމްރާން މުހައްމަދު ވެސް ވަނީ ޕޮޕޯފަށް އިތުރު ވަގުތު ދޭން ޖެހޭ ކަމަށް ބުނެފަ އެވެ. ގައުމީ ޓީމުގެ ސީނިއާ ކުޅުންތެރީންގެ ގޮތުގައި "އޭރު" އެ ދެކުޅުންތެރީން ދެއްކި ވާހަކަ ގޯހެއްވެސް ނޫނެވެ. ސަބަބަކީ، އިމާރާތްކުރާ ސާމާނު "ތަދު ތަނެއް"ގައި ވީރާނާވަމުންދާ އިމާރާތެއް އަލުން ކޮޅަށް ޖަހައި، ނުވަތަ، އެ އިމާރާތް އިހުނަށްވުރެ ވަރުގަދަކުރާން، ވަގުތާއި، އާލާތްތަކާއި، ފުރިހަމަ ރޭވުންތެރިކަމެއްވެސް ބޭނުންވާނެ ކަމީ ހަމަ ބުއްދި ގަބޫލުކުރާ ކޮންމެ މީހަކުވެސް އެކަމާ ދެކޮޅު ނުހަދާނޭ ކަމަކަށް ވާތީއެވެ.

ގައުމީ ޓީމުގެ ކެޕްޓަން ޢަލީ އަޝްފާޤް (ކ) އާއި ގައުމީ ޓީމްގެ ކުރީގެ ކޯޗް ވެލިޒާ ޕޮޕޯޕް --- ފޮޓޯ/ ފޭސްބުކް

އެހެންކަމުން ޕޮޕޯފަށް ވެސް އެކަށޭނަ ވަގުތު ދިނުން މުހިއްމުކަމަށް އެ ކުޅުންތެރީންގެ ތަޖުރިބާގެ އަލީގައި ހިޔާލުތައް ބަންޑުންކޮށްލީއެވެ. ދެން އޮތީ އެހެން ވާހަކައެކެވެ. ގައުމީ ކޯޗު ކަމުން ޕޮޕޯފް ވަކި ކުރީ ކޯޗާއި ކުޅުންތެރިންނާ އޮންނަން ޖެހޭ ގުޅުމުގެ ތެރެއިން 'އެކްސްޕްލިސިޓް ކޮންޓެންޓެއް' އުފެދި އޭނާގެ ފަރާތުން ޑީގްރޭޑް ޑިސްޕްލިން މައްސަލަތަކެއް ފާހަގަ ކުރެވުމުންކަމަށް، އޭނާ މަގާމުން ދުރުކުރުމުގެ ކުރީން ފުޓްބޯޅައާ ބެހޭ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ކޮންމެއަކަސް ޕޮޕޯފް ވަކިކުރީ އެވެ. ދެން ގައުމީ ޓީމުގެ ކޯޗު ކަމަށް އެފްއޭއެމުން ގެނައީ 2010 ވަނަ އަހަރު ވޯލްޑްކަޕަށް ނިއުޒިލެންޑް ކޮލިފައި ކޮށްދީ ވޯލްޑްކަޕްގައި، ވަރުގަދަ އިޓަލީއާ ދެކޮޅަށް ކުޅެ އެޓީމާ އެއްވަރު ކުރި، އަދި އެތަކެއް ބަޔަކު ހައިރާންކޮށްލި ކޯޗް ރިކީ ހާބަޓެވެ.

ސާފު ޗެމްޕިއަންޝިޕުގައި ހާބަޓްގެ ކޯޗު ކަމުގެ ދަށުން ދިވެހި ޓީމު ކެޓީ ސެމީ ފައިނަލުންނެވެ. އެއަށް ފަހު ޓީމުގެ މުހިންމު ސީނިއާ ކުޅުންތެރިންންތަކެއް ނުލައި ކުރިމަތިލީ ބަންގު ބަންދު ގޯލްޑް ކަޕަށެވެ. އެ މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖެ ބަލިވީ ނޭޕާލް އަތުންނެވެ. އެއަށް ފަހު ކުރިމަތިލީ ނިމިގެންދިޔަ ސައުތު އޭޝިއަން ގޭމްސްއަށެވެ. މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖެ ކެޓީ ސެމީ ފައިނަލުންނެވެ.

އެހާހިސާބުން ޓީމުގެ ސީނިއާ ބައެއް ކުޅުންތެރިންނާއި ފުޓްބޯޅައިގެ ބައެއް ޓެކްނިކަލް މީހުންގެ ފަރާތުން ހާބަޓަށް ފާޑު ކިޔުން އަމާޒުވި އެވެ. އެފަރާތްތަކުގެ ޝުއޫރު ސޯޝަލް މީޑިއާއަށް ބަނޑުންކޮށްލި އެވެ.

ބައެއް ސީނިއާ ކުޅުންތެރިންގެ ނަޒަރުގައި ހާބަޓްގެ ފަރާތުން ދިވެހި ފުޓްބޯޅައަކަށް ދެން ކާމިޔާބެއް ނުލިބޭނެ އެވެ. އަދި ބައެއް ކުޅުންތެރިން 'ނުސީދާކޮށް ގޮވަމުން' ދިޔައީ ހާބަޓް މަގާމުން ވަކި ކުރުމަށެވެ.

މިފަހަރު ގޯސްވީ ކޯޗެވެ. ކުރިން ހުރި ކޯޗަށް ވަގުތު ދޭން ޖެހޭ ކަމަށް ވާހަކަ ދެއްކި ކުޅުންތެރިންގެ ވިސްނުން ވެސް މިފަހަރު ހުރީ ހާބަޓާ އެކު ކުރިއަށް ނުދެވޭނެ ކަމަށް ބުނެއެވެ. އޭނާއަށް ވަގުތު ދިނުމުގެ މުހިންމު ކަމުގެ ވާހަކަ ދައްކާނެ ކުޅުންތެރިޔަކު މިހަރަކު ނެތެވެ.

މީޑިއާ އިންޓަވިއުތައް ނުދިން ނަމަވެސް ސޯޝަލް އެކައުންޓްތަކުގައި ބޮޑެތި ސްޓޭޓްމެންޓް ނެރެ އޭރުގެ ކޯޗް ދިފާއުކޮށް ވާހަކަ ދެއްކި ކުޅުންތެރިން މިހަފަރު ހާބަޓުގެ ދިފާއުގައި ހަމަ އެއްވެސް ވާހަކައެއް ނުދެއްކިއެވެ. ދޫތައް ވަނީ ބަންދުވެ ހިމޭންވަފަ އެވެ.

ގައުމީ ފުޓްބޯޅަ ޓީމް މީގެ ކުރިން ތަމްރީނު ދަތުރެއްގައި މެލޭޝިއާއަށް ފުރުމުގެ ކުރިން އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީގެ މެމްބަރު އަލީ އުމަރާއި ކޯޗް ރިކީ ހާބަޓް ސަލާމް ކުރަނީ --- ސަން ފޮޓޯ: އަލީ ނަސީރު

ފުޓްބޯޅައިގައި ވަގުތު ދިނުމުގެ ވާހަކައަކީ އޮންނަ ފޯމިއުލާއެއް ކަމެއް ކޯޗާ ބެހޭ ގޮތުން ވާހަކަ ދެއްކި ކުޅުންތެރިންނަކަށް ނޭނގުނެވެ. ކުރިން ހުރި ކޯޗަށް ވަގުތު ދޭން ޖެހޭ ކަމަށް ބުނެ، މިހާރުގެ ކޯޗަށް "އިތުރު ވަގުތު ދޭން ނުޖެހޭ ކަމަށް" ސިފަވާގޮތަށް ވާހަކަތައް ދައްކަން ޖެހުމުގައި ކޮންމެވެސް ސަބަބެއް ހިމެނެ އެވެ.

"އެއީ ތެދެއް. ހާބަޓްގެ ކޯޗު ކަމުގައި ޖެހިޖެހިގެން ތިން ސެމީން ރާއްޖެ މި ބަލިވީ. އެކަމަކު އެ ތިން ސެމީއާ ހަމައަށް ރާއްޖެ ދަތުރުކުރި ކުރު މުއްދަތާއި، ޓީމެއް ރަނގަޅަށް ބިލްޑްކުރާށާ، ކުޅުންތެރީން ރަނގަޅަށް ދަސްކުރާނޭ ވަގުތު ނުލިބި އެހާ ބައިވަރު މެޗުތަކެއް ކުޅެންޖެހުން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ ކޯޗަށް ލިބުނު އެޑްވާންޓޭޖަކަށްވުރެ ބޮޑަށް ފާޑުކިޔުންތަކާއި ޕްރެޝަރު އިތުރުވުމަށް ހުޅުވުނު ދޮރެއް،" ރާއްޖޭގެ ސީނިއާ އަދި ޖޫނިއާ ގައުމީ ޓިމުތަކާއެކު ވެސް ގިނަދުވަސްތަކެއް ހޭދަކޮށް، ކުޅުންތެރީންނާއި ދިވެހި ފުޓްބޯޅައިގެ އޮއިވަރު ރަނގަޅަށް ދަންނަ ފަރާތަކުން ނަން ހާމަނުކުރުމަށް ޝަރުތުކޮށް ބުންޏެވެ.

"ތިން މުބާރާތް ކުޅުނު ނަމަވެސް، އެއީ ގާތްގަނޑަކަށް ވަރަށް ކައިރިކައިރީ ރެޖިސްޓްރީ ކުރެވިގެން، ކުރު މުއްދަތެއްގެ ތެރޭގައި ބޭއްވުނު ތަފާތު ތިން މުބާރާތް."

ފުޓްބޯޅައިގެ ޓެކްނިކަލް ތަޖްރިބާހުރި ފަރާތްތަކުގެ ވާހަކަ ހުރި ގޮތަކީ މިއީއެވެ. ކުރިން މި ބުނި، ނަންހާމަކުރަން ނޭދޭ ފަރާތުން ބުނީ، "އަޅުގަނޑު ދެކޭގޮތުގައި ކޯޗު އިވެލުއޭޓް ކޮށްލަންވެސް އަދި ފުރިހަމަ ވަގުތެއް ނުލިބޭ. އެހެން ނަމަވެސް ކުރިއަށް އޮތް ކޮލިފިކޭޝަން މެޗާ ހަމައަށް ދާއިރު ކޯޗަށް ތައްޔާރުވެލާނޭ ވަގުތު އޮންނާނީ ލިބިފައި ކަމަށް ގަބޫލުކުރަން. އަދި އެހިސާބުން ރަނގަޅު ނަތީޖާއެއް ނުނެރެވޭނަމަ ދެން އިތުރަށް ވިސްނަން އެބަޖެހޭ،" ކަމަށެވެ.

ބަންގުބަންދު ކަޕްގައި ވާދަ ކުރި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު މެޗަކަށް ނުކުތުމުގެ ކުރިން ބޭއްވި ޕްރީ މެޗް މީޓިންގައި ގައުމީ ކޯޗް ރިކީ ހާބަޓް ޓީމަށް އިރުޝާދު ދެނީ --- ފޮޓޯ/ ފޭސްބުކް

ރިކީ ހާބަޓް ގައުމީ ޓީމާ ހަވާލުވެ މުޅި ޓީމު އޭނާގެ ކޮންޓްރޯލް ދަށަށް ގެނައެވެ. އަދި ކުޅުންތެރީންގެ ނުފޫޒު އޭނާގެ މައްޗަށް ނުފޯރުވޭނެކަން ހާބަޓް ސާބިތުކޮށްދިނެވެ. ކޯޗު ބަހުން ނަމަ ބައެއް ސީނިއާ ކުޅުންތެރިން އޭނާއާ މެދު އެގޮތަށް ވާހަކަ ދެއްކުމުގައި އެކުޅުންތެރިންނަށް ޓީމުން ޖާގަ ނުލިބުމަކީ ސަބަބަކަށް ވެދާނެ އެވެ.

ފަހަރެއްގައި ކޯޗަށް ވަގުތު ދޭން ނުޖެހޭ ކަމަށް ބުނި ކުޅުންތެރިން އެ ވާހަކަ ދެއްކީ ޓީމުތެރޭގައި "އުއްދަނަ" ކުރި ނުފޫޒު އެކުޅުންތެރިންގެ ކިބައިން ގެއްލެމުންދާތީ ކަމަށް ވެދާނެ އެވެ.

ކޯޗާ ބެހޭ ގޮތުން ބައެއް ކުޅުންތެރިން ދެއްކި ވާހަކައަކީ އޭނާ އަށް ގިނަ މެޗުތަކެއް ލިބި ނަތީޖާ ނުނެރެވުނު ވާހަކަ އެވެ. ފާޅުގައި ނޫނަސް ކުޅުންތެރިން ވަނީ އެ ވާހަކަ ދައްކައިފަ އެވެ.

އެހެން ނަމަވެސް ނިއުރޭޑިއަންޓަށް މިދިޔަ ސީޒަންގެ ބައެއްގައި ކޯޗްކޮށް ދިން ޞޮބާހް މުހައްމަދު (ސޮބާ)ގެ ބަހުން ނަމަ ހާބަޓް ކޯޗް ކަމާ ހަވާލުވީ ދިވެހި ފުޓްބޯޅަ ކުނޑިކުނޑިވެފައިވާ ވަނިކޮށެވެ. ސާދަ އަހަރު ވަންދެން ގައުމީ ޓީމުގެ ދިފާއީ ރޮނގު ބެލެހެއްޓި ޑިފެންޑަރު ބުނީ ހާބަޓްގެ ޕޮރޮފެޝަނަލް ކަމާ މެދު ޝައްކު ނުކުރާ ކަމަށެވެ.

"ފުޓްބޯޅައިގެ އޮނި ގަނޑެއް ނެތް. އަންޑަ އޭޖު ޓީމުތައް ފެންވަރު މަތި ކުރެވޭނެ ރަނގަޅު މެކޭނިޒަމެއް ނެތް. ޔޫތު ޑިވެލޮޕްމެންޓް ޕްރޮގްރާމް ވިއްސި ވިހާލިވެފައި. ފުޓްބޯޅަ ހިންގަން ތިބި ވެރިން ސިޔާސީވެފައި. އެކަހަލަ މާހައުލަކަށް ކޯޗަކު ގެނެސް މަސައްކަތް ހަވާލު ކުރީމާ ކިހިނެއްތޯ ކުރާނީ. މިއުޅެނީ މުޅި ފުޓްބޯޅައިގެ ސްޓަރަކްޗާގެ މައްސަލައެއް،" ސޮބާ ބުންޏެވެ.

ސޮބާ ނިއުގެ ނިއުސް ކޮންފަރެންސެއްގައި ވާހަކަ ދައްކަނީ --- ސަން ފޮޓޯ/ ޢަލީ ނަޞީރު

ސޮބާ ބުނީ އެންމެ އެދެވިގެންވާ ގޮތެއްގައި ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރު ކުރުމަށް ކޯޗަށް ވަގުތު ނުލިބޭ ކަމެވެ. އެއަށް ފަހު ވެސް މުބާރާތްތައް އޮތީ ފުލުފުލުގައި ކަމަށް، 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދިއިރު ގައުމީ ޓީމުގެ ޑިފެންސްގައި މުހިންމު ދައުރެއް އަދާކުރި ސޮބާ ބުންޏެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ޓީމު ދިޔައީ މިދިޔަ ސީޒަންގައި ދިވެހި ފުޓްބޯޅައަށް ކުރިމަތިވި ގިލަންވެރި ކަމުގެ ތެރެއިން ސީޒަން ދިގުލައިގެން ގޮސް ޑިސެމްބަރު މަހާ ހަމަޔަށްވެސް ސީޒަން ނުނިމި ގައުމީ ޓީމަށް ތައްޔާރުވާން ވަގުތު ނެތިއެވެ.

ޑިސެމްބަރު މަހު 23 ގައި އޮތް ސާފް ޗެމްޕިއަންޝިޕް ފެށެން އޮތްއިރު ދިގުލައިގެން ދިޔަ ސީޒަން ނިމުނީ ޑިސެމްބަރު މަހު ދެ ވަނަ ދުވަހުއެވެ.

ގައުމީ ޓީމާ ހަވާލުވާން ޖެހުނު ވަގުތަކީ ހާބަޓަށް ވަރަށް ބަދު ނަސީބު ވަގުތެއް. ސީޒަން ދިގުލައިގެން ގޮސް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާކަށް ވަގުތެއް ނެތް. ޑިސެމްބަރު މަހު ސާފް ޗެމްޕިއަންޝިޕް ފެށެން އޮތްއިރު، ސީޒަން ނިމުނީވެސް ޑިސެމްބަރު މަހު. ކިހިނެތް ތޯ މުބާރާތަށް ތައްޔާރުވާނީ. މުބާރާތްތައް ފުލުފުލުގައި އައިރު އެއްވެސް ވަރަކަށް އެކަށީގެންވާ ވަގުތެއް ނެތް، ޞޮބާހް މުހައްމަދު

އޭނާއަށް ފާޑު ކިޔަމުންދާ ފަރާތްކަށް ހަބަޓް ދިނީ 'ސިމްޕަލް' ޖަވާބެކެވެ. އޭނާ ބުނީ، ފާޑު ކިޔުން އަމާޒު ނުވާނެ ކޯޗެއް ނުހުންނާނެ ކަމަށާއި ދުނިޔޭގެ އެންމެ މޮޅު ކޯޗަށް ވެސް ފާޑު ކިޔުން އަމާޒުވާ ކަމަށެވެ. އަދި އޭނާއަށް ފާޑު ކިޔަސް އޭނާ ކަންބޮޑު ނުވާ ކަމަށާއި އަދި އެފާޑު ކިޔުންތަކާ މެދު ވިސާނާނެ ވަގުތެއް އޭނާއަށް ނެތް ކަމަށެވެ.

-------

ރަދީފް: "އުއްދަނަ" (ބޯދާބަހެއް) - މިބަހުގެ މާނައަކީ އެއްޗެއް ނުވަތަ ކަމެއް އުފައްދާ މީހާ.

comment ކޮމެންޓް