ޑިމޮކްރަސީ ވީކްގެ އޮފިޝަލް ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި

ޑިމޮކްރަސީ ވީކްގެ އޮފިޝަލް ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ފޮޓޯ: ދިރާގު

އިލެކްޝަންސް ކޮމިޝަންގެ ފަރާތުން، ފެބްރުއަރީ 14ން 20ށް ހއ. ހޯރަފުށީގައި ކުރިއަށް ގެންދާ ޑިމޮކްރަސީ ވީކްގެ އެކްސްކްލޫސިވް ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ ޑިމޮކްރަސީ ހަފްތާގެ ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ހަފްލާއެއްގައެވެ.

މިއަދު ސޮއިކުރި އެއްބަސްވުމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ، މިފަދަ ބޮޑު ހަރަކާތެއް ކުރިއަށް ގެންދެވެނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކުގައި ކަމަށެވެ. އަދި ދިރާގަކީ މިފަދަ ބޮޑު ހަރަކާތެއްގެ ޓެލެކޮމް ޕާޓްނަރަކަށް އެންމެ އެކަށީގެންވާ ފަރާތްކަމަށެވެ.

"ޓެލެކޮމް ޕާޓްނަރެއްގެ ގޮތުގައި މިއަދު ރަސްމީ ސިފައެއްގައި ވެގެން މި ދިޔަ ދިރާގާއި، މީޑިޔާ ޕާޓްނަރު ޕީއެސްއެމްގެ އެހީތެރިކަން ފާހަގަކުރަން. ގަނޑުމެން ޤަބޫލުކުރާގޮތުގައި ދިރާގަކީ މިހާ ފުޅާ ދާއިރާއެއްގައި ހިންގޭ މިފަދަ ބޮޑު ހަރަކާތެއްގެ ޓެލެކޮމް ޕާޓްނަރަކަށް އެންމެ އެކަށީގެންވާ ފަރާތް،" އަކްރަމް ވިދާޅުވިއެވެ.

"މި ހަރަކާތުގައި ބޭނުންވާ ޓެލެކޮމްގެ ހުރިހާ ހިދުމަތެއް ދިރާގުގެ އެހީތެރިކަމާއެކު އަޅުގަނޑުމެންނަށް ލިބިގެންދިޔުމާއެކު، ދިރާގަށް މި ފުރުސަތުގައި އަޅުގަނޑުމެން ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން."

އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދާ ޑިމޮކްރަސީ ވީކްގައި، ޑިމޮކްރަސީ އާއި ބެހޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވާ މައުލޫމާތު ފޯރުކޮށްދިނުމުގެ ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ވަނި ނިންމަވާފައެވެ.

އެގޮތުން ބަހުސް މުބާރާތްތަކާއި، ސްކޫލްތަކުގެ ދަރިވަރުންނާއި ކުދިބޮޑު އެންމެނަށް މިފަދަ މައުލޫމާތުތައް ހިއްސާ ކުރުމުގެ އެކި ހަރަކާތްތައް، މާލެ އާއި ހއ. ހޯރަފުށީގައި ކުރިޔަށް ގެންގޮސް ރާއްޖޭގެ ގިނަ ބަޔަކަށް މި މައުލޫމާތުތައް ފޯރުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.

މިއަދުގެ އެއްބަސްވުމާ ގުޅޭގޮތުން ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލު ވިދާޅުވީ، ގައުމީ ފެންވަރުގައި ބޭއްވޭ މިފަދަ ބޮޑު ހަރަކާތްތަކުގައި ބައިވެރިވެވެން އޮތް އެންމެ ފުޅާދާއިރާއެއްގައި ބައިވެރިވުމަކީ ދިރާގުން އަބަދުވެސް ވަރަށް އިސްކަން ދޭކަމެކެވެ.

"ޑިމޮކްރަސީއާއި ބެހޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަގްސަދުގައި، ހަފްތާއަކަށް ދެމިގެން ދާނެހެން އިލްކެޝަންސް ކޮމިޝަނުގެ ފަރާތުން ފުރަތަމަ ފަހަރަށް ކުރިއަށް ގެންދަވާ މި ބޮޑު ގައުމީ ހަރަކާތުގައި ބައިވެރިވުމަކީ ދިރާގަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް. އަދި މިހަރަކާތް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިޔުމަށް ދިރާގަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން،" އިމްޖާދު ވިދާޅުވިއެވެ.

comment ކޮމެންޓް