ސިއްހީ ދާއިރާގައި ކުރިއެރުން އައިސްފައި ވަނީ ހަމައެކަނި މާލެއަށް ނޫން ކަމަށާއި، އަތޮޅު ތެރޭގައި ހުރި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނުންވެސް ފާހަގަކޮށްލެވޭ ފަދަ ކުރިއެރުންތަކެއް ފެންނަމުންދާ ކަމަށް ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.
އިންޑިއާ ހެލްތު އެކްސްޕޯ 2016 އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގައި މިނިސްޓަރު ވިދާޅުވީ، އައިޖީއެމްއެޗް އަށް އައިސްފައިވާ ކުރިއެރުން ކޮންމެ ދިވެއްސަކަށްވެސް ފެންނާނެ ކަމަށެވެ.
އެގޮތުން އައިޖީއެމްއެޗް ގައި ފެށިގެން ދިޔަ ހިދުމަތްތައް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފަ އެވެ. ދާދި ފަހުން އައިޖީއެމްއެޗް ގައި ވަނީ ކެންސަރު ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް ކީމޯތެރަޕީ ދިނުމަށް ކީމޯތެރަފީ ސުއިޓެއް ހުޅުވާފަ އެވެ. އަދި ނިންޖާ ގުޅިފައިވާ ބައްޔެއް ހުރިތޯ ބެލުމަށް ހަދަން ޖެހޭ ޓެސްޓްތައް ހަދާ "ސްލީޕް ސްޓަޑީ ލެބެއް"ވެސް އެ ހޮސްޕިޓަލުގައި ވަނީ ގާއިމުކޮށްފަ އެވެ.
"ރާއްޖޭގެ ރައްޔިތުންނަށް ފެންނާނެ އައިޖީއެމްއެޗަށް އައިސްފައިވާ ކުރިއެރުން. އަޅުގަނޑު ބުނާހިތެއް ނެތް ކުރިއެރުން ލިބުނީ ހަމައެކަނި މާލެ އަށް ކަމަކަށް. ރާއްޖޭގެ އަތޮޅުތަކަށްވެސް މިވަނީ ހިދުމަތްތައް ފުޅާކުރެވިފައި. ފާހަގަކޮށްލެވޭ ފަދަ ކުރިއެރުންތަކެއް އަތޮޅުތެރެއިންވެސް ދަނީ ފެންނަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ސިއްހީ އަސާސީ ހުރިހާ ހިދުމަތެއް މިހާރު ރާއްޖެއިން ލިބޭނެ ކަމަށެވެ. ނަމަވެސް ރާއްޖެ އުފެދިފައިވާ ގޮތުން އަތޮޅުތަކަށް ހުރިހާ ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.
"ބައެއް ފަހަރު ވަރަށް ނުރައްކާތެރިވެސް ކަމެއް. އަދި ވަރަށް ބޮޑެތި ހަރަދުތަކެއްވެސް ހިނގާ ރައްޔިތުންނަށް ރަނގަޅު ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް،" އިރުތިޝާމް ވިދާޅުވި އެވެ.
ރާއްޖެއަށް ސިއްހީ ދާއިރާއިން ލިބިފައިވާ ކުރިއެރުންތައް ފާހަގަ ކުރަމުން މިނިސްޓަރު ވިދާޅުވީ، މިދިޔަ އަހަރުގެ ނިޔަލަށް 21 ސީ އެމްބިއުލާންސް އެކި ހިސާބުތަކަށް ފޮނުވިފައިވާ ކަމަށާއި، ހަތަރު ޕެރަމެޑިކް އެމްބިއުލާންސް ހިމެނޭ ގޮތުން 54 އެމްބިއުލާންސް އެކި ހިސާބުތަކަށް ފޮނުވިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސިއްހީ ހިދުމަތްތައް އެއްގަމާ ކަނޑުމަގުން އަދި ވައިގެ މަގުން ގުޅާލާފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ސިއްހީ ދާއިރާއިން ރާއްޖެއަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ މެލޭރިއާ އެއްކޮށް ނައްތާލެވިފައިވާ ގައުމަކަށް ވެގެންދިއުން ކަމަށާއި، ކައިރި މުސްތަގުބަލެއްގައި ފައިލޭރިއާ މުޅިން ނައްތާލެވިފައިވާ ގައުމަކަށް ރާއްޖެ ވެގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.