ލެޕަޑްގެ ނުރައްކާ އޮތުމުގެ ސަބަބުން އިންޑިއާގެ 129 ސްކޫލް ބަންދުކޮށްފި

މިހަފްތާގެ އާދިއްތަ ދުވަހު ބެންގަލޯރުގެ ސްކޫލަކަށް ވަން ލެޕަޑެއް ހިފަން އުޅުމުގެ ތެރޭގައި ހަ މީހަކަށް އަނިޔާވި -- ފޮޓޯ: ޕީޓީއައި

ބެންގަލޯ (ފެބްރުއަރީ 11): އިންޑިއާގެ ބެންގަލޯގެ ސްކޫލްތަކަށް ބުޅާ އާއިލާގެ ޖަނަވާރެއް ކަމަށްވާ ލެޕަޑް ވަނުމުގެ ނުރައްކާ އޮތުމުގެ ސަބަބުން 129 ސްކޫލެއް ބަންދުކޮށްފި އެވެ.

މިހަފްތާގެ އާދިއްތަ ދުވަހު ބެންގަލޯރުގެ ސްކޫލަކަށް ވަން ލެޕަޑެއް ހިފަން އުޅުމުގެ ތެރޭގައި ހަމީހަކަށް އަނިޔާވި އެވެ. އަނިޔާވި މީހުންގެ ތެރޭގައި ސައިންސް އެންޑް ފޮރެސްޓްރީގެ މުވައްޒަފަކާއި ކޮންޒަވޭޝަން ސައިންޓިސްޓެއް ހިމެނުނެވެ.

އޭގެ ފަހުން އިއްޔެވެސް ބެންގަލޯރުގެ އިމާރާތެއްގެ މަސައްކަތް ކުރަމުންދިޔަ ސަރަހައްދަކުން ލެޕަޑެއް ފެނިފައިވާ ކަމަށް މަސައްކަތް ކުރަމުންދިޔަ ފަރާތްތަކުން ބުންޏެވެ.

އެހެންކަމުން، މިއަދު ކަމާ ބެހޭ ފަރާތްތަކުން ވަނީ ބެންގަލޯރުގެ 129 ސްކޫލެއް ބަންދު ކުރަން އަންގާފަ އެވެ. އޭގެ ތެރޭގައި 53 ސަރުކާރު ސްކޫލްވެސް ހިމެނެ އެވެ. އަދި ލެޕަޑް ހިފެން ދެން އާއްމުން ގެއިން ބޭރަށް ނުދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

"އަޅުގަނޑުމެން ވަނީ ފޮރެސްޓްރީ އަދި ފުލުހުންގެ އޮފިޝަލުންގެ ޓީމެއް އެކުލަވާލާފަ. ނަމަވެސް އަދި ލެޕަޑްވެސް އަދި އޭގެ މާކެއްވެސް ފެނިފައި ނުވޭ،" ކަރްނާޓަކާގެ އިސް ވައިލްޑްލައިފް ވާޑެން ރަވީ ރަލްފް ވިދާޅުވި އެވެ.

އިންޑިއާގެ ޖަނަވާރުތަކުގެ އާބާދީ ބެލުމަށް ދާދީ ފަހުން ހެދި ސެންސަސްއަކުން ދެއްކި ގޮތުގައި އެ ގައުމުގައި ލެޕަޑްގެ އާބާދީ އުޅެނީ 12،000އާ 14،000އާ ދެމެދު އެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް