އަމާލް ކްލޫނީއަށް ރާއްޖެ ސިފަވަނީ "ބަނާނާ ރިޕަބްލިކް"ގެ ގޮތުގައި: ރައީސް

ރައީސް ޔާމީން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ --- ސަން ފައިލް ފޮޓޯ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައިނަލްއަގްވާމީ ވަކީލާ އަމާލް އާލަމުއްދީން ކްލޫނީއަށް ދިވެހި ރާއްޖެ ސިފަވަނީ "ބަނާނާ ރިޕަބްލިކެއް"ގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ވޮޝިންޓަން ޓައިމްސްގައި ރައީސް ލިޔުއްވި ލިޔުއްވުމެއްގައި އެމަނިކުފާނު ވިދާޅުވީ، ސިއްހީ ފަރުވާ ހޯދެއްވުމަށް އިނގިރޭސި ވިލާތަށް ފޮނުއްވުމުން އެގައުމުގައި ރައީސް ނަޝީދު ގެންދަވަނީ މީޑިޔާ ކެމްޕޭނެއް ހިންގަވަމުން ކަމަށާއި، އެކަމުގެ ފަހަތުގައި ހުރީ އަމާލް ކްލޫނީ ކަމަށެވެ.

އަދި މި ކެމްޕޭނު ހިނގަނީ ވަކީލުންގެ ފަރާތުން ވަރަށް ބޮޑަށް "ސްކްރިޕްޓް" ކުރެވި، ކޮންޓްރޯލު ކުރެވިގެން ކަމަށް ރައީސް ޔާމީން ތުހުމަތު ކުރައްވައި ލިޔުއްވާފައި ވެ އެވެ.

ރާއްޖެއާ މެދު ފިޔަވަޅު އެޅުމަށް އަމާލް ކްލޫނީ ވެސް ވަނީ އެކި ފަރާތްތަކުގެ ކިބައިން ބާރު އަޅުއްވާފަ އެވެ.

"ފިޔަވަޅު އެޅުމަށް އަމާލް ގޮވާލައްވާފައިވާ ވުމަކީ އޭނާ ހަގީގަތާއި ދުރުގައިވާކަން ހާމަކޮށްދޭ ކަމެއް. އޭނާއަށް ދިވެހި ރާއްޖެ ފެންނަނީ "ބަނާނާ ރިޕަބްލިކެއް"ގެ ގޮތުގައި،" ރައީސް ވިދާޅުވި އެވެ.

"އޭނާ އެބަ ވިދާޅުވޭ ދަތިކުރުމުގެ ފިޔަވަޅު އަޅަނީ ދިވެހި ރައްޔިތުންނަށް އަދަބު ދޭން ނޫން ކަމަށް. އެކަމަކު މި ރާއްޖޭގެ ވެރިކަން އިންތިޚާބު ކޮށްފައިވަނީ، ބައިނަލްއަގްވާމީ ގޮތުން ބަލައިގަނެވުނު އިންތިޚާބެއްގައި އެ ދިވެހި ރައްޔިތުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިނގިރޭސި ވިލާތުގައި ރައީސް ނަޝީދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމަށް، އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަނުގެ މަންދޫބަކު ވަނުމަށް ހުރަސް އަޅާފައިވާ ކަމަށެެވެ. އަދި އެ ނޫސްވެރިންގެ ބައްދަލުވުން ކުރިއަށްދަނިކޮށް އޭގެ ލައިވް ފީޑު ކަނޑާލައި، ރާއްޖޭގައި އެ ނިއުސްކޮންފަރެންސް ބަލަމުން ދިޔަ އެތައް ހާސް ދިވެހީންނަށް އެ ނުފެނި ދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއީ ރާއްޖެއަށް ވަކީލުން ވަޑައިގަތް އިރު މާލޭގައި ނޫސްވެރިންނަށާއި އާންމުންނަށް އޯޕަން ފުރުސަތުތަކާ ދިމާ އިދިކޮޅަށް ކުރި ކަމެއް. ސާފުކޮށް އެބަ އެނގޭ ބައެއް ސުވާލުތަކަށް ޖަވާބު ދިނުމަށް ނަޝީދު އުޒުރުވެރި ވަޑައިގެންފާނެތީ ކުރި ކަމެއް ކަން އެއީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، ލަންޑަނުގައި ނިއުސް ކޮންފެރެންސުގައި، ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ގޮތާއި ސަބަބާ ބެހޭ ގޮތުން އެއްވެސް ނޫސްވެރިއަކު ނަޝީދަށް ސުވާލު ނުކުރައްވާ ކަން ފާހަގަވި ކަމަށެވެ.

"ފަހަރުގައި އެއީ ހޮލީވުޑުގެ ތަރީގެ އަވައިގައި ނޫސްވެރިން ޖެހުނީ ކަމަށް ވެސް ވެދާނެ،" ރައީސް ޔާމީން ވިދާޅުވެފައި ވެ އެވެ.

comment ކޮމެންޓް