ކަރަންޓް އަގުބޮޑުކުރުމުން އަދާލަތުން ކަންބޮޑުވުން ފާޅުކޮށްފި

އަދާލަތު ޕާޓީގެ ބައެއް އިސްބޭފުޅުން. ސަން ފައިލް ފޮޓޯ

މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަރަންޓްގެ އަގަށް ސަރުކާރުން ގެނައި ބަދަލާ ގުޅިގެން އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ އާމްދަނީ ދަށްވެ، ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައި މިފަދަ ބޮޑު ބުރައެއް ރައްޔިތުންނަށް އުފުލަން ޖެހޭ ގޮތަށް ސަރުކާރުގެ ސިޔާސަތު ކަނޑައެޅުމަކީ އަދާލަތު ޕާޓީން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެއް ކަމަށެވެ.

"...މިނިނިންމުގެ ސަބަބުން ގޭބިސީތަކުގެ ކަރަންޓް ބިލު މަހެއްގެ މައްޗަށް 60 ރުފިޔާ އާއި 243 ރުފިޔާއާ ދެމެދުގެ މިންވަރަކަށް އިތުރުވާނެ އެވެ. މިއީ އެވްރެޖްގޮތެއްގައި 20 ޕަސެންޓްގެ އިތުރުވުމެކެވެ. ރާއްޖޭގެ އިގުތިސާދު ހީނަރުވުމުގެ ސަބަބުން އެތައް ރައްޔިތުންނެއްގެ އާމްދަނީ ދަށްވެ، ދިރިއުޅުމުގެ ހަރަދުތައް ފޫބެއްދުމަށް ދަތިވެފައިވާ މިދަނޑިވަޅުގައި މިފަދަ ބޮޑު ބުރައެއް ރައްޔިތުންނަށް އުފުލަން ޖެހޭ ގޮތަށް ސަރުކާރުގެ ސިޔާސަތު ކަނޑައެޅުމަކީ އަދާލަތު ޕާޓީން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެކެވެ،" އަދާލަތު ޕާޓީގެ ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައި ވަނީ 2013 ވަނަ އަހަރާއި އަޅާ ބަލާއިރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 70 ޕަސެންޓް އަގުހެޔޮވެފައިވާ ކަމަށެވެ. އެހެން އެކަން އޮއްވައި ކަރަންޓް އަގުހެޔޮކުރުމުގެ ބަދަލުގައި އަގުބޮޑުކުރުމަކީ ސަރުކާރުގެ އިގުތިސާދީ ސިޔާސަތުގެ ހަރުދަނާ ކަމާއި މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އަދި އެއީ ސަރުކާރުގެ އިޚުލާސްތެރިކަމާއި މެދު ސުވާލުއުފެދޭ ކަމެއް ކަމަށެވެ.

comment ކޮމެންޓް