މިނިވަން 50 ޗެމްޕިއަންޝިޕްގެ ރެފްރީންނަށް އަދިވެސް މެޗް އެލަވަންސް ނުލިބޭ

މިނިވަން 50 ޗެމްޕިއަންޝިޕްގައި މެޗްގެ ރެފްރީންނާއި ޓީމެއްގެ ކުޅުންތެރިން ދަނޑު މަތީގައި މަޑުކޮށްލައިގެން --- ފައިލް ފޮޓޯ

މިނިވަން 50 ޗެމްޕިއަންޝިޕްގައި ރެފްރީކަން ކުރި ރެފްރީންނަށް އެމުބާރާތުގެ މެޗް އެލެވެންސް ނުލިބޭ ކަމަށް އެމުބާރާތުގެ މެޗްތަކުގައި ރެފްރީކަން ކުރި ބައެއް ރެފްރީން ބުނެފިއެވެ.

އެ މުބާރާތުގައި ރެފްރީކަން ކުރި ބައެއް ރެފްރީން ސަންއާ ވާހަކަ ދައްކަމުން ބުނީ، މުބާރާތް ނިމި ދެ ހަފުތާ ވެގެން ދިޔައިރުވެސް މެޗް އެލެވަންސް ރެފްރީންނަށް ނުލިބުމުން ރެފްރީން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

އަދި އެކަމުގެ ކަންބޮޑުވުން އެފްއޭއެމްގެ ރެފްރީސް ޑިޕާޓްމެންޓަށްވެސް ރެފްރީން ހުށަހަޅާފައިވާ ކަމަށް އެމުބާރާތުގައި ރެފްރީކަން ކުރި ރެފްރީއެއް ބުންޏެވެ.

މިކަމާ ބެހޭގޮތުން އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް ޢަދީލް ޖަލީލް ވިދާޅުވީ، ރެފްރީންނަށާއި އެމުބާރާތުގެ ބައެއް އެހެން ކަންކަމަށްވެސް ފައިސާ ދެއްކިފައި ނުވަނީ މުބާރާތަށް ސްޕޮންސާއެއް ދިނުމަށް ހުށަހަޅާފައިވާ ފަރާތަކުން ލިބެންޖެހޭ ފައިސާ އެފްއޭއެމްއަށް ނުލިބޭތީ ކަމަށެވެ.

އޭނާ ވިދާޅުވީ، މިމަސްތެރޭގައި ރެފްރީންނަށް ލިބެންޖެހޭ އެލެވަންސް ފޯރުކޮށްދޭނެ ކަމަށެވެ.

"އެފަރާތުން އަޅުގަނޑުމެންނަށް މައުލޫމަތު ދެއްވާފައި އޮތީ ފައިނަލް މެޗްގެ ކުރިން ފައިސާ ފޮނުއްވައިދެއްވާނެ ކަމަށް، ނަމަވެސް އެފައިސާ އެފްއޭއެމްއަށް އަދި މިހާތަނަށް ލިބިފައެއް ނެތް. އެކަން ހަމަޖެހުނުހާ އަވަހަކަށް ރެފްރީންގެ އެލެންވަންސް ހަމަޖެހިގެންދާނެ. އިރާދަ ކުރެއްވިއްޔާ މިމަސްތެރޭ އެފައިސާ ރެފްރީންނަށް ފޯރުކޮށްދޭނަން،" ބައްސާމް ވިދާޅުވިއެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި މިނިވަން 50 ޗެމްޕިއަންޝިޕަށް ސްޕޮންސާއެއް ދިނުމަށް ވިދާޅުވެފައިވަނީ މިނިވަން 50 އޮފީހުންނެވެ.

މިނިވަން 50 އޮފީސް ހިންގެވި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މާޒު ސަލީމް ސަންއަށް ވިދާޅުވީ، މިނިވަން 50 ޗެމްޕިއަންޝިޕަށް އެހީތެރިކަމެއް ފޯރުކޮށްދެއްވުމަށް އެފްއޭއެމްއިން ހުށަހެޅުއްވުމުން ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތިން، މިނިވަން 50 ގެ އޮފީހުގެ ބަޖެޓުން 1.5 މިލިއަން ރުފިޔާ އެފްއޭއެމްއަށް ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ހުށަހަޅުއްވާފައިވާނެ ކަމަށެވެ.

ނަމަވެސް ފިނޭންސް މިނިސްޓަރު ޢަބްދުﷲ ޖިހާދަށް އިއްޔެއާއި މިއަދު ގުޅުމުންވެސް މިނިސްޓަރުގެ ފަރާތުން އެކަށީގެންވާ ޖަވާބެއް ލިބިފައެއް ނުވެއެވެ.

އަދި އެމިނިސްޓްރީގެ މީޑިއާ ޑިޕާޓްމެންޓަށް ގުޅި ނަމަވެސް އެޑިޕާޓްމެންޓުން ފޯނަށް ޖަވާބު ނުދެއްވާތީ އެމިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

comment ކޮމެންޓް