ޕިކްސާގެ "އިންސައިޑް އައުޓް" އަށް އެނީގެ 10 އެވޯޑު ލިބިއްޖެ

އިންސައިޑް އައުޓްގެ މަންޒަރެއް--- ފޮޓޯ: ވެރައިޓީ

އެނިމޭޝަން އުފެއްދުންތަކަށް ދެވޭ އެންމެ ބޮޑު އެއް އެވޯޑު ކަމަށްވާ އެނީ އެވޯޑްސްގެ 10 އެވޯޑެއް ޕިކްސާގެ "އިންސައިޑް އައުޓް" އަށް ލިބިއްޖެ އެވެ.

ރޭގައި ބޭއްވި 43 ވަނަ އަހަރީ އެނީ އެވޯޑްސްގައި މިދިޔަ އަހަރު ނެރުނު އިންސައިޑް އައުޓް އަށް ވަނީ ބޮޑެތި ކެޓަގަރީތަކުން އެވޯޑު ލިބިފަ އެވެ. އެގޮތުން އެންމެ މޮޅު އެނިމޭޓެޑް ފިލްމުގެ އެވޯޑުވެސް ވަނީ އެ ފިލްމު ހޯދައިފަ އެވެ.

ކުޑަ ކުއްޖެއްގެ ސިކުނޑިތެރޭގައި އުޅޭ ބައެއްގެ ވާހަކަ ދައްކައިދޭ އެ ފިލްމަށް ލިބުނު އިތުރު އެވޯޑުތަކުގެ ތެރޭގައި ޑައިރެކްޓަރުގެ އެވޯޑާއި ރައިޓިން އެވޯޑު އަދި އެންމެ މަގުބޫލު އަޑުގެ އެވޯޑު ހިމެނެ އެވެ.

އިންސައިޑް އައުޓްގެ އިތުރުން ވެސް ޕިކްސާއަށް ވަނީ އިތުުރު އެވޯޑެއް ލިބިފަ އެވެ. އެގޮތުން ޕިކްސާ އިން މިދިޔަ އަހަރުގެ ފަހުކޮޅު ނެރުނު އެނިމޭޓެޑް ފިލްމު "ދަ ގުޑް ޑައިނަސޯ" ވަނީ އެނީ އެވޯޑެއް ހޯދާފަ އެވެ. އެ ފިލްމަށް ލިބިފައި ވަނީ އެނިމޭޓެޑް އިފެކްޓްސް ކެޓަގަރީ އިންނެވެ.

އެމެރިކާގެ އެނިމޭޓެޑް ފިލްމުތަކަށް އެވޯޑު ދިނުމަށް ބާއްވާ އެ އެވޯޑު ޝޯގައި އެނިމޭޓެޑް ފީޗާ ފިލްމުގެ ކެޓަގަރީ އިން އެވޯޑު ގެންގޮސްފައި ވަނީ އެމެރިކާ އިން ބޭރުގެ ފިލްމެކެވެ. "ބޯއި އެންޑް ދަ ވޯލްޑް" އެ އެވޯޑަށް ހޮވިފައިވާ އިރު އިންސައިޑް އެންޑް އައުޓްވެސް ވަނީ އެ އެވީޑަށް ހޮވިފަ އެވެ. އެހެން ކަމުން މި މަހުގެ 28ގައި އެ ދެފިލްމުން ކުރެ އެއް ފިލްމެއް ހޮވުމުގެ ރަސްމިއްޔާތު އޮންނާނެ ކަމަށް އެވޯޑު ހިންގާ ފަރާތްތައް ކަމަށްވާ އިންޓަނޭޝަނަލް އެނިމޭޓެޑް ފިލްމް އެސޯސިއޭޝަން އިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް