ރައީސް ޔާމީނަށް ލަންކާ މީހަކު ސިހުރު ހަދައިދިން ކަމަށް ބުނާ ވާހަކައަކީ ދޮގެއް: މައުމޫނު

ރައީސް މައުމޫނު ނޫސްވެރިންނާ މިއަދު ވާހަކަފުޅު ދައްކަވަނީ. ސަން ފޮޓޯ: އިސްބާހު އިސްމާއީލް

ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުދުލް ޤައްޔޫމަށް ސްރީލަންކާގެ ސިހުރުވެރިއަކު ސިހުރު ހަދައިދިން ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވާ ވާހަކަތަކަކީ ދޮގެއް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ވެރިކަން ކުރާ ޕީޕީއެމްގެ ރައީސް އަދި ރައީސް ޔާމީނުގެ ބޭބޭފުޅު މައުމޫނު ޢަބުދުލް ޤައްޔޫމު ވިދާޅުވެއްޖެއެވެ.

ރ. އިނގުރައިދޫން ޕީޕީއެމްއަށް ސޮއިކުރި 100 މީހެއްގެ ފޯމް ރައީސް މައުމޫނާ ހަވާލު ކުރުމަށް ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މައުމޫނު ވިދާޅުވީ، ސިހުރު ހެދުމަކީ އޮތް ކަމެއް ވެސް ނޫން ކަމަށާއި ސިހުރުން ކަމެއް ނުވެސް ވާނެ ކަމަށެވެ.

"...އަޅުގަނޑު ދަންނަވާނީ ދެން އެހެންވިއްޔާ ކޮބައިތޯއޭ އަޅުގަނޑުމެން ކުރި މަސައްކަތް؟ ސިހުރުވެރިއަކު ކުރި މަސައްކަތުން ރައީސް އިންތިހާބުވި ކަމަށް ވަންޏާ އަޅުގަނޑުމެން ކުރީ ކޮންކަމެއް؟ ރާއްޖޭގެ އެތަން މިތަނަށް އަޅުގަނޑުވެސް ދަތުރުކުރިން. ޢަބުދުއް ރަޙީމް ދަތުރުކުރެއްވި. އަޅުގަނޑުމެންގެ ކެންޑިޑޭޓް ޢަބުދުﷲ ޔާމީނު ޢަބުދުލް ޤައްޔޫމު ދަތުރުކުރެއްވި. ޕީޕީއެމްގެ އެންމެން ވަރަށް އިޚުލާސްތެރިކަމާއި އެކު ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން އަޅުގަނޑުމެން މި އިންތިހާބު ކާމިޔާބު ކުރީ. އޭގެ ތެރެއަކު އަޅުގަނޑު ނުދެކެން ތިޔަ ވިދާޅުވާ މީހަކު. އޭނާގެ އެއްވެސް ކަހަލަ ބައިވެރިވުމެއް ނެތް. އެ ހަމަ ހުސް ދޮގު،" މައުމޫނު ވިދާޅުވިއެވެ.

އަސޭލާ ނަމަކަށް ކިޔާ ލަންކާ މީހާއާ ރައީސް ޔާމީނާ އެއްވެސް ކަހަލަ ގުޅުމެއް އޮތްކަން ދެނެވަޑައިގަންނަވަންތޯ ނޫސްވެރިއަކު ދެންނެވުމުން ރައީސް މައުމޫނު ވިދާޅުވީ އޭނާގެ ނަން ވެސް އަޑު އެއްސެވީ އެ ވީޑީއޯ ދެއްކީމައި ކަމަށެވެ.

"... އަޅުގަނޑު ތިމީހާގެ ނަން އެހީ ވެސް އިހަށްރޭ ތިޔަ ވީޑިއޯ ދެއްކީމާ. އޭގެ ކުރިން ތިޔަ އަސޭލާއޭ ކިޔާމީހަކު އުޅޭކަން ނުވެސް ދެނަހުރިން. އަޅުގަނޑާ ބައްދަލުވެފައެއް ވެސް ނޯންނާނެ. އެކަހަލަ މީހެއްގެ ވާހަކަ މީގެ ކުރިން އަހާފައެއް ވެސް ނެތް،" ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް ޔާމީނަށް އަސޭލާ ނަމަކަށް ކިޔާ ސިހުރުވެރިއަކު ސިހުރު ހަދައިދިން ކަމަށާއި އެމީހާއަށް ސްރީލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ވަޒީފާ ދީފައިވާ ކަމަށާއި އޭނާއަށް ވަޒީފާ ދީފައި ވަނީ ދިވެހި ރައްޔިތެއްގެ ގޮތުގައި ކަމަށް ރާއްޖެ ޓީވީން ދެއްކި ޑޮކިއުމެންޓްރީއެއްގައި ވަނީ ބުނެފައެވެ. އެމީހާއަށް ވަޒީފާ ދީފައި ވަނީ ދިވެހި ރައްޔިތެއްގެ ގޮތުގައި ކަމަށް ބުނާ މައްސަލަ ޕީޕީއެމުން ބައްލަވާނަންތޯ ނޫސްވެރިއަކު ދެންނެވުމުން މައުމޫނު ވިދާޅުވީ، އޭނާއަށް ވަޒީފާ ދީފައި ވަނީ ދިވެހި ރައްޔިތެއްގެ ގޮތުގައި ނޫން ކަމަށެވެ.

"... ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ވަޒީފާގައި ހުރިވާހަކަ، ރަނގަޅުވާހަކައެއްނޫން ކަންނޭނގެ ދެއްތޯ؟ އަޅުގަނޑުވެސް އަޑު އަހަން އޭނާ ވަޒީފާގައި ހުރި ވާހަކަ. އެކަމަކު ސްރީލަންކާ ރައްޔިތެއްގެ ހައިސިއްޔަތުން. އެއީ އެމްބަސީތަކުގައި ތިބޭނެ ދިވެހި ނޫން މުވައްޒަފުން. ސްރީލަންކާގައި ވެސް އިންޑިއާގައި ވެސް. ސިންގަޕޫރު، ހުރިހާ ތަނެއްގައި ވެސް،" މައުމޫނު ވިދާޅުވިއެވެ.

މައުމޫނު ވިދާޅުވީ، އަސޭލާއަކީ އެއްވެސް އިރެއްގައި ދިވެހި ރައްޔިތެއް ނޫން ކަމަށާއި އޭނާ އަށް މަސައްކަތެއް ހަވާލުކޮށްފައި ބަހައްޓާފައި ހުރީ ކޮންމެވެސް މިނިސްޓްރީއަކުން ކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.

comment ކޮމެންޓް