ހުޅުމާލޭ ކަރަންޓް މައްސަލަ ވަރަށް އަވަހަށް ހައްލުވާނެ: ސްޓެލްކޯ

ހުޅުމާލޭ ފެރީޓާމިނަލް ސަރަހައްދު: ހުޅުމާލޭގެ ބޮޑު ބަޔަކުން މިއަދުވެސް ވަނީ ކަރަންޓް ކެނޑިފައި -- ސަން ފައިލް ފޮޓޯ

ހުޅުމާލޭން ދޭތެރެ ދޭތެރޭން ކަރަންޓު ކެނޑެމުންދަނީ އެރަށުގައި ބޭނުންކުރާ ޖަނަރޭޓަރަކަށް ދިމާވި ޓެކްނިކަލް މައްސަލައަކުން ކަމަށާއި އެމައްސަލަ ވަރަށް އަވަހަށް ހައްލުކުރެވިގެން ދާނޭކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ހުޅުމާލޭން ތިން ފަހަރެއްގެ މަތިން ވަނީ ކަރަންޓު ކެނޑިފަ އެވެ. ހުކުރު ދުވަހުގެ ރެޔާއި ރޭގެ ދަންވަރުގެ ވަގުތެއްގައިވެސް ކަރަންޓު ކެނޑުނު އިރު، އަލުން ކަރަންޓު ލިބިފައި ވަނީ ގާތްގަނޑަކަށް 45 މިނިޓެއްހާ އިރު ފަހުންނެވެ.

މިއަދުވެސް ހުޅުމާލެ ބޮޑު ބަޔަކުން ވަނީ ކަރަންޓު ކެނޑިފަ އެވެ.

ސްޓެލްކޯގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ، ހުޅުމާލެއިން ކަރަންޓް ކެނޑެނީ އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އިންޖީނެއް ނިވޭތީ ކަމަށެވެ.

އަދި މިހާރު އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް މައްސަލަ އެއްކޮށް ހައްލުވެގެންދާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

comment ކޮމެންޓް