އިންޑިއާގައި މިއަދު ފެށިގެން ކުރިއަށްދާ ސައުތު އޭސިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމް ކުޅުނު ފުރަތަމަ މެޗު 0-0ގެ ނަތީޖާ އަކުން އިންޑިއާއާ އެއްވަރު ވެގެން ނިމެއްޖެއެވެ.
އަފްގާނިސްތާނު ބައިވެރި ނުވާން ނިންމުމުން ލީގު އުސޫލުން ކުރިޔަށްދާ އަންހެން ފުޓްބޯޅަ އިވެންޓްގައި މިއަދު ކުޅުނު އެ މެޗުން އެއްވަރުވެގެން ނިމުނު އިރު މިއީ މި ފަހުގެ ތާރީހުގައި ރާއްޖޭގެ އަންހެން ފުޓްބޯޯޅަ ޓީމުން އިންޑިއާގެ މައްޗައް ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ.
ސައުތު ކޮރެއާގައި 2014 ވަނަ އަހަރު ބޭއްވި އޭޝިއަން ގޭމްސްގައި ރާއްޖެ ކޮޅަށް އިންޑިއާ އިން ވަނީ 15 ލަނޑު ޖަހާފަ އެވެ. ނަމަވެސް އިންޑިއާގެ ޝިލޮންގައި މިއަދު ކުޅުނު މެޗުގައި ރާއްޖޭން ވަނީ އިންޑިއާ އިން ގޯލެއް ޖެހިއަނުދީ ހިފަހައްޓާފައެވެ.
ފަސް ޓީމު ހިމެނޭ މި އިވެންޓްގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ބަންގްލަދޭޝް އާއި ނޭޕާލް އާއި ސްރީ ލަންކާ އަދި މުބާރާތް ބާއްވާ އިންޑިއާއެވެ.
ލީގު އުސޫލުން ކުޅުމަށް ފަހު މުބާރާތުގެ ފައިނަލަށް ދަތުރުކުރާނީ އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެ ޓީމެވެ. އަދި މި އިވެންޓުން ތިންވަނަ ލިބޭނީ ލީގު ބުރުގެ ތިންވަނަ އަދި ހަތަރުވަނަ ޓީމުގެ މެދުގައި ކުޅޭ މެޗުން މޮޅުވާ ޓީމަށެވެ.
ރާއްޖެ އަށް ދެެން އޮންނާނީ ނޭޕާލާ ދެކޮޅަށް ކުޅޭ މެޗެވެ. އެ ޓީމު މިއަދު ވަނީ 3-0ގެ ނަތީޖާ އަކުން ބަންގްލަދޭޝް ބަލިކޮށްފަ އެވެ.