އެމްޑަބްލިއުއެސްސީ އަށް 100 ފޫޓުގެ ކޮޅުވެއްޓިއެއް ގެންނަނީ

މިއަދު އެމްޑަބްލިއުއެސްސީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެއްބަސްވުން ބަދަލުކުރަނީ ---- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މަސައްކަތްތަކުގައި ބޭނުން ކުރުމަށް އެ ކުންފުންޏަށް 31 މީޓަރު ނޫނީ 100 ފޫޓުގެ ލޭންޑިން ކްރަފްޓެއް ނުވަތަ ކޮޅުވެއްޓިއެއް ގެންނަން އެ ކުންފުނިން ނިންމައިފި އެވެ.

އެ ކޮޅުވެއްޓި ގެންނަނީ އަލަށް ބަނދެގެންނެވެ. އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައި ވަނީ މެލޭޝިއާގެ ޖިންހްވަކް ސަރަވަކް ކުންފުންޏާ އެވެ.

އެ ކުންފުންޏަށް ކޮޅުވެއްޓި ގެނައުމުގެ މަސައްކަތް މެލޭޝިއާގެ ޖިންހްވަކް ސަރަވަކް ކުންފުންޏާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އެމްޑަބްލިއުއެސްސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް އެވެ. ކޮންޓްރެކްޓް ކުރި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓާ އެވެ.

އެ ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފަޒުލް ވިދާޅުވީ، ކޮޅުވެއްޓިއެއް ގެނެސްގެން މަސައްކަތްތައް ފެށުމުގެ ސަބަބުން، ސަރުކާރުން އެ ކުންފުންޏާ ހަވާލުކުރާ ތަރައްގީގެ އެކިއެކި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމުގައި ލުއިތަކެއް ލިބޭނެ ކަމަށާއި މަސައްކަތްތަކުގެ ސްޕީޑް އަވަސްވާނެ ކަމަށެވެ.

"މިދިޔަ އަހަރަށް ބަލާލާއިރު އަޅުގަނޑުމެން ފެނާ ނަރުދަމާގެ 30 ޕްރޮޖެކްޓެއް ކުރިއަށް ގެންދިޔަ އިރު އެއިން ގިނަ ޕްރޮޖެކްޓްތައް މިވަނީ ނިމިފައި. ހަމަ އެއާއެކު މިއަހަރު ތެރޭގައި އަޅުގަނޑުމެން ކުރިއަށްގެންދާ ފެނާ ނަރުދަމާގެ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް އައިސް ކަނޑައަޅާފައިވާ ތާރީހަށް ނިންމާލުމަށް އިތުރު ލުއިތަކެއް ލިބިގެންދާނެ މީގެ ސަބަބުން،" ފަޒުލް ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވީ މިހާރު އެ ކުންފުނީގެ މަސައްކަތްތަކުގައި ބޭނުންކުރަނީ ބައެއް ވިޔަފާރިވެރިންނާއި ކުންފުނިތަކުގެ ކޮޅުވެއްޓި ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އެކަން ބަދަލުވާނެ ކަމަށް ފަޒުލް ވިދާޅުވި އެވެ.

"ސަރުކާރުގެ ލަނޑުދަނޑިތައް އަދި އަޅުގަނޑުމެންނާ ހަވާލުކުރެވޭ މަސައްކަތްތައް ބާރު ސްޕީޑެއްގައިކޮށް ނިންމާލުމަކީ އެމްޑަބްލިއުއެސްސީގެ އަބަދު ވެސް އަމާޒު. އަދި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ހަވާލުކުރާ މަސައްކަތްތައް ފުރިހަމަކަމާ އެކު ކޮށް ނިންމާނެ ކަމުގެ ޔަގީންކަން މި ފުރުސަތުގައި ހުރިހާ ފަރާތްތަކަށް އަރުވަން،" ފަޒުލް ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވީ އެ ކޮޅުވެއްޓި ރާއްޖެ އަށް ގެނައުމަށް ގާތްގަނޑަކަށް ހަތް ވަރަކަށް މަސް ނަގާނެ ކަމަށެވެ.

comment ކޮމެންޓް