ލެސްޓާ އެއް ވަނައަށް، ޔުނައިޓެޑާއި ސިޓީ އަށް ވެސް މޮޅެއް

ލެސްޓާ ސިޓީ އާއި ލިވަޕޫލް ރޭ ކުޅުނު މެޗުގައި ލެސްޓާގެ ވާޑީ ގޯލު ޖެހުމަށް ފަހު އުފާ ފާޅު ކުރަނީ --- ފޮޓޯ: ޑެއިލީ މެއިލް

ޖެމީ ވާޑީގެ ދެ ގޯލުން ލެސްޓާ ސިޓީ ތާވަލުގެ އެއް ވަނައަށް އެރިއިރު މެނެޗަސްޓާ ޔުނައިޓެޑާއި މެންޗަސްޓާ ސިޓީ ކުޅުނު ދެ މެޗުން ވެސް ދެ ޓީމް މޮޅުވެއްޖެ އެވެ.

ލެސްޓާއިން ލިވަޕޫލްގެ މައްޗަށް 2-0ގެ ނަތީޖާ އަކުން ކުރި ހޯދައި 50 ޕޮއިންޓާއެކު ތާވަލުގެ އެއްވަނާގައި އޮތް އިރު ސާޖިއޯ އަގުއެރޯގެ ގޯލުން ސަންޑަލޭންޑް ބަލިކުރި ސިޓީ އޮތީ ދެވަނާގަ އެވެ. ސިޓީ އަށް ލިބިފައި ވަނީ 47 ޕޮއިންޓެވެ. ސްޓޯކް ސިޓީގެ މައްޗަށް 0-3ގެ ނަތީޖާ އަކުން ކުރި ހޯދި ޔުނައިޓެޑް އޮތީ 40 ޕޮއިންޓާއެކު ފަސް ވަނާގަ އެވެ.

ލެސްޓާގެ ކިންގް ޕަވާ ސްޓޭޑިއަމްގައި ރޭ ކުޅުނު އެ މެޗުގައި ލިވަޕޫލް އިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ގޯލަށް ނުރައްކާކޮށް ފޮނުވާލެވިފައި ވަނީ މަދު ހަމަލާ އެކެވެ.

ލެސްޓާ އިން އެ މެޗުގައި ލީޑް ލިބިގެން ދިޔައީ 60 ވަނަ މިނެޓުގައި ވާޑީ ޖަހައި ދިން ރީތި ގޯލަކުންނެވެ. މަހްރޭޒް ދިން ބޯޅައަކުން ވާޑީ އެ ގޯލް ކާމިޔާބު ކުރީ ލިވަޕޫލްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއެއް ކީޕަރުގެ ބޯ މަތިން ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

އެ ގޯލަށްފަހު ވެސް ލެސްޓާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު 72 ވަނަ މިނެޓްގައި ވާޑީ ވަނީ ލެސްޓާ އަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފަ އެވެ. ވާޑިގެ އެ ގޯލާއެކު ޖުމްލަ 18 ގޯލް ކާމިޔާބު ކޮށްގެން އޭނާ ވަނީ ލަނޑު ލިސްޓްގެ އެއް ވަނާގަ އެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ކުޅުނު މެޗުގެ 14 ވަނަ މިނެޓްގައި ލިންގާޑްގެ ގޯލްއިން އެ ޓީމް ވަނީ ސްޓޯކްގެ މައްޗަށް ލީޑު ނަގާފަ އެވެ. އަދި ރޫނީ ތަނަވަސް ކޮށްދިން ފުރުސަތަކުން މެޗުގެ 23 ވަނަ މިނެޓްގައި އެންތޮނީ މާޝިއަލް ވަނީ، ޔުނައިޓެޑްގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީފައެވެ.

ޔުނައިޓެޑަށް ލީޑު ފުޅާ ކޮށްދިނީ މެޗުގެ 53 ވަނަ މިނެޓްގައި މާޝިއަލްގެ އެހީތެރިކަމާއި އެކު ވޭން ރޫނީ އެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އާސެނަލް އާއި ސައުތެމްޕްޓަން ކުޅުނު މެޗު ނިމުނީ 0-0ގެ ނަތީޖާ އަކުން އެއްވަރު ވެފައެވެ. އެ ނަތީޖާއެކު އާސެނަލް ވަނީ 45 ޕޮއިންޓާއެކު ހަތަރު ވަނައަށް ވެއްޓިފަ އެވެ.

comment ކޮމެންޓް