ލެސްޓާ ސިޓީގެ ފޯވަޑް ޖެމީ ވާޑީ ދިގު މުއްދަތަކަށް ޓީމުގައި ބަހައްޓަން އެކުލަބުން އޭނާއަށް އިތުރު އެއްބަސްވުމެއް ހުށަހަޅަން ތައްޔާރުވެއްޖެއެވެ.
އާ އެއްބަސްވުމުގެ މުއްދަތަކީ މިހާރު އޮތް ކޮންޓްރެކްޓަށް އިތުރަށް އަހަރެއްހާ ދުވަސް އިތުރު ކުރުމެވެ. އެހެންވެއްޖެނަމަ 2019 ވަނަ އަހަރުގެ ހޫނު މޫސުމާ ހަމަޔަށް ވާޑީ ލެސްޓާގައި މަޑުކުރާނެއެވެ.
މިދިޔަ ސީޒަންގައި ދެ ވަނަ ފަހަރަށް އާކުރި ކޮންޓްރެކްޓްގައި ވާގޮތުން އޭނާގެ ކޮންޓްރެކްޓް މުއްދަތު ހަމަވާނީ 2018 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ.
ވާޑީ ވަނީ 2013 ވަނަ އަހަރު ލެސްޓާއާ ގުޅި ލީގް ޗެމްޕިއަންޝިޕް (ދެ ވަނަ ޑިވިޝަން) ޗެމްޕިއަން ކަން ހޯދައިދީ ޕްރިމިއާ ލީގަށް އެޓީމު ކޮލިފައި ކޮށްދީފައެވެ.
'ދަ ގާޑިއަން' ނޫހުން ބުނީ، އާ ކޮންޓްރެކްޓްގައި ވާޑީ ސޮއި ކުރަނީ މިހާރު އާމްދަނީގެ ގޮތުގައި އޭނާއަށް ހަފުތާ އަކު ލިބޭ 40000 ޕައުންޑަށްވުރެ ބޮޑު އަދަދެއްގެ މުސާރައެއް ދިނުމަށް ކުލަބުން އެއްބަސްވުމުންނެވެ.
މިވަގުތު ޕްރިމިއާ ލީގްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީވެސް ވާޑީއެވެ. އޭނާ ވަނީ މިސީޒަންގައި މިހާތަނަށް 16 ގޯލް ކާމިޔާބު ކޮށްފައެވެ.
އަދި އޭނާ ވަނީ ޕްރިމިއާ ލިގްގައި ޖެހިޖެހިގެން 11 މެޗުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް ހަދާފައެވެ.
ވާޑީ ހޯދުމަށް ޗެލްސީއާ ލިވަޕޫލުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.