ނ. މިލަދޫ ކައުންސިލް އުވާލަން ފެންނަ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ނިންމައިފި އެވެ.
އެލްޖީއޭގެ ބޯޑުން މިލަދޫ ކައުންސިލް އުވާލަން ފެންނަ ކަމަށް ނިންމާފައި ވަނީ އެ ކައުންސިލާ ބެހޭ ގޮތުން ހުށަހެޅިފައިވާ މައްސަލަތަކުގެ ސަބަބުން ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.
ކައުންސިލް އުވާލަން ފެންނަ ކަމަށް ނިންމުމުގެ އިތުރުން އެ ކައުންސިލް އުވާލުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދުމަށާއި ކައުންސިލް އުވާލަންދެން އެކައުންސިލް އެކަހެރިކޮށްފައި ބޭއްވުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ހައިކޯޓުގައި އެދުމަށް ވެސް އެލްޖީއޭގެ ބޯޑުން ވަނީ ނިންމާފަ އެވެ.
އޭގެ އިތުރުން ކައުންސިލްގައި ހުރި މައްސަލަތައް ބެލުމަށް ސިވިލް ސާވިސް ކޮމިޝަނާއި އެލްޖީއޭގެ ޓީމެއް އަންނަ ހަފުތާގައި އެރަށަށް ދަތުރު ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.
އެރަށު ކައުންސިލް އުވާލަން ފެންނަ ކަމަށް ނިންމާފައިވާ އިރު، މިދިޔަ އަހަރު އެ ކައިންސިލުގެ އެކައުންޓު ފްރީޒްކުރުމަށް ބޭންކް އޮފް މޯލްޑިވްސްގެ މައްޗަށް މިލަދޫ ކޯޓުން އަމުރު ކުރުމާ ގުޅިގެން އެ ކައުންސިލްގެ އެކައުންޓު ވަނީ ފްރީޒްކޮށްފަ އެވެ.