މަކަރާއި ހީލަތުގެ މައްސަލަ ސާބިތުވެ، 25 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ކުރީގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް އިއްޔެ ދެ ވަނަ އޮޕަރޭޝަނެއްކޮށްފި އެވެ.
ނާޒިމުގެ އާއިލާގެ މެމްބަރަކު މިއަދު ސަން އަށް ވިދާޅުވީ ނާޒިމު އިއްޔެ ކުރީ މައި ބަދައިގެ އޮޕަރޭޝަނެއް ކަމަށާއި ﷲގެ ރަހުމަތްފުޅާ އެކު އޮޕަރޭޝަން ކާމިޔާބު ކަމަށެވެ. ނަމަވެސް އޮޕަރޭޝަނަށް ފަހު ހަތަރު ވަރަކަށް ދުވަހު ހޮސްޕިޓަލުގައި އޮންނަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނާޒިމުގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރީ ސިންގަޕޫރުގެ ރެފަލްސް ހޮސްޕިޓަލްގަ އެވެ. އެ އޮޕަރޭޝަން އިއްޔެ ކުރުމުގެ ކުރިން އޭނާ ވަނީ މި މަހު ހަތަރު ވަނަ ދުވަހު ވެސް އޮޕަރޭޝަނެއް ކޮށްފަ އެވެ. އެއީ ކަނާތުގެ ބޮޑުވާ އިނގިލީގެ އޮޕަރޭޝަނެއް ކަމަށް އާއިލާ އިން ބުންޏެވެ.
ސަން އަށް މައުލޫމާތު ދިން އާއިލާގެ މެންބަރު ވިދާޅުވީ ނާޒިމުގެ މައި ބަދައިގެ އޮޕަރޭޝަނެއް ކުރަން ފުރަތަމަ އޮތީ މި މަހު 16 ވަނަ ދުވަހު ކަމަށާއި ނަމަވެސް ދެ އޮޕަރޭޝަނަކީ ވެސް ހޭނައްތައިގެ ކުރި އޮޕަރޭޝަނަކަށްވާތީ، އެ ދޭތެރެ ކައިރިވުމުމުން އިއްޔެ އަށް ފަހުގެ އޮޕަރޭޝަން ފަސް ކުރީ ކަމަށެވެ.
އަދި އިއްޔެ އޮޕަރޭޝަން ކުރީ ބޭސް ފަރުވާ ކުރުމަށް އޭނާ އަށް ކަރެކްޝަނަލް ޑިޕާޓްމަންޓުން ދިން މުއްދަތު ދެ މަސް ދުވަސް އިތުރު ކުރިތާ ދެ ދުވަހެއްގެ ތެރޭގަ އެވެ.
ނާޒިމު ބޭސް ފަރުވާ ކުރުމަށް ދިން އިތުރު މުއްދަތު ހަމަވާނީ އަންނަ މާޗު މަހުގެ ނިޔަލަށެވެ. އަދި އެނބުރި ޖަލަށް ރުޖޫއަވާން ޖެހޭނީ އެޕްރީލް މަހުގެ ފުރަތަމަ ދުވަހު އެވެ.
ނާޒިމް ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ވަޑައިގަތީ މަހަކަށް ވުރެ ގިނަ ދުވަހު އައިޖީއެމްޗުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯއްދެވުމަށް ފަހު އެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ ނާޒިމް އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ އެޓޯލްސް މިނިސްޓްރީ އަށް 15،000 ގައުމީ ދިދަ ގަތުމަށް އެ މިނިސްޓްރީ އިން 31 ޑިސެމްބަރު 2003 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުން ބޭނުންކޮށްގެން ވުޖޫދުގައި ނެތް ހަތަރު ކުންފުންޏެއްގެ ނަމުގައި އެސްޓިމޭޓް ހުށަހަޅައި މަކަރާއި ހީލަތުން އެ ބިޑު ކާމިޔާބު ކުރި މައްސަލައަކާ ގުޅިގެންނެވެ.