މިނިވަން 50 މުބާރާތުން ފެންވަރު ރަނގަޅު ކުޅުންތެރިން ފެނިގެން ދިޔަ: އެފްއޭއެމް

މިނިވަން 50 ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފޭދޫ ޓީމް ޓްރޮފީއާ އެކު --- ފޮޓޯ': އައްޑު ލައިވް

މިދިޔަ ބުދަ ދުވަހު ނިމިގެން ދިޔަ މިނިވަން 50 ޗެމްޕިއަންޝިޕުން ހާސިލު ކުރަން ބޭނުންވި ވަރުގެ ބޮޑުބައެއް ހާސިލުވިއިރު ފެންވަރު ރަނގަޅު ކުޅުންތެރިން ފާހަގަ ކުރެވިގެން ދިޔަ ކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

މިދިޔަ އަހަރު މިމުބާރާތް އިއުލާން ކުރިއިރު އެފްއޭއެމްއިން ބުނެފައިވަނީ ގައުމީ ޓީމަށް ކުޅޭނެ ކުޅުންތެރިން ހިމެނުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް ޢަދީލް ޖަލީލު ވިދާޅުވީ އެންމެ ހިތްހަމަޖެހޭ ވަރަށް އެފެންވަރުގެ ކުޅުންތެރިން ފާހަގަ ނުކުރެވުނަސް ގިނަ އަދަދެއްގެ ފެންވަރު ހުރި ކުޅުންތެރިން ތިބިކަން މުބާރާތުގެ ފަހު ބުރުން ފާހަގަ ކުރެވުނު ކަމަށެވެ.

ޚާއްސަކޮށް ސެމީފައިނަލާ ހަމަޔަށް ދިޔަ ޓީމުތަކުގައި ރާއްޖޭގެ އެންމެ މަތީ ފަންތީގައި ވާދަ ކުރެވޭނެ ކުޅުންތެރިން ތިބިކަން ފާހާގަ ކުރެވުނު ކަމަށާއި ގައުމީ ކޯޗް ރިކީ ހާބަޓް ވެސް ފަހު ހަތަރު މެޗް ބެލުމަށްފަހު އެކަން ފާހަގަކޮށްފައިވާ ކަމަށް ބައްސާމް ވިދާޅުވިއެވެ.

"ފުރަތަމަ މުބާރާތުން އަޅުގަނޑުމެން އެންމެ ބޭނުންވި ވަރަށް މަގުސަދު ހާސިލުވިއެކޭ ނުދެންނެވޭނެ. ނަމަވެސް ސެމީ ފައިނަލަށް ދަތުރު ކުރި ޓީމުގައި އެފެންވަރުގެ ކުޅުންތެރިން ގިނަކަން ފާހަގަ ކުރެވޭ.ގައުމީ ކޯޗްވެސް ވަނީ ސެމީ ފައިނަލް މެޗުން ފެށިގެން ހުރިހާމެޗެއް ބަލާފައި، ކޯޗް ވަނީ ގިނަ އަދަދެއްގެ ކުޅުންތެރިން ފާހަގަކޮށްފައި" ބައްސާމް ވިދާޅުވިއެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ފުރަތަމަ ޑިވިޝަންގެ ބައެއް ކުލަބުތަކުން ވަނީ މިނިވަން 50 ޗެމްޕިއަންޝިޕްގައި ފާހަގަ ކުރެވުނު މުޅިން އާ ކުޅުންތެރިންނާއެކު އެއްބަސްވުމަކަށް އައިސް އެކުޅުންތެރިން އެޓީމުގައި ހިމެނުމަށް ވާހަކަ ދައްކާފައެވެ.

ބައްސާމް ވިދާޅުވީ މިނިވަން ފަންސާސް ޗެމްޕިއަންޝިޕްގެ ތެރެއިން ރަށްރަށުގެ ދަނޑުތައް ރަނގަޅު ފެންވަރަކަށް ގެނައުމަކީ އަމާޒެއް ކަމަށާއި އެގޮތުން މިފަހަރު ޗޭންޖިން ރޫމް ހެދުމަށް ހުށަހެޅިއިރު މިއަހަރު ފަށާ މުބާރާތުގައި ދަނޑުގައި ފެންސް ޖެހުމަށް ހުށަހަޅުއްވާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.

comment ކޮމެންޓް