ތިނަދޫން: އަހުމަދު ސާއިލް އަލީ
ގދ. ތިނަދޫ އިންޖީނުގޭގައި ޑިއުޓީއަށް ހުރި ދެ މީހުންގެ ތެރެއިން އެކަކަށް އިންޖީނުގޭ ދުންހޮޅިތައް ކައިރިން އާދަޔާއި ހިލާފަށް ދުންއަރާ މަންޒަރު ފެނުނެވެ. އޭނާ އަވަސްވެ ގަތީ ޑިއުޓީގައި ހުރި ދެ ވަނަ މީހާ ކައިރި އެ ވާހަކަ ބުނުމަށެވެ. އޭރު ގަޑިން ދަންވަރު 2:30 އެވެ. ދެ މީހުން އެތަނަށް ދިޔަ އިރު ކަމަކުދާކަށް ނެތެވެ. ހުޅުގަނޑު އެވަނީ ހިފައިފަ އެވެ.
ދެ މީހުން އަވަސްވެ ގަތީ އަލިފާން ނިއްވޭތޯ ބެލުމަށެވެ. އެގޮތުން އަލިފާން ނިއްވާ ފަސް ފުޅި ހުސްވަންދެން އަލިފާން ނިއްވުމުގެ މަސައްކަތް ކުރި އެވެ. އެ ވަރުން ވެސް އަލިފާން ގަނޑު ކޮންޓުރޯލް ވާގޮތެއްނުވި އެވެ. އަވަސް ހިނދުކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ފެތުރިގެން ދިޔަ އެވެ. މިއީ ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވެ 22 މިލިއަން ރުފިޔާގެ އިންޖީނުގެ އަނދައި ހުލިވި ހާދިސާ ހިނގި ގޮތެވެ.
އަލިފާނުގެ ހާދިސާ ފުރަތަމަ ހިނގާފައިވާ ކަމަށް ބެލެވެނީ ތިނަދޫ އިންޖީނުގެ އާއި ފަސް ވަރަކަށް ފޫޓުދުރުގައި ހުންނަ ގުދަނެއްގަ އެވެ. އެތަނަކީ ދަނގަނޑު ފަދަ ބައެއް ތަކެތި ރަށްކާކުރާ ގުދަނެކެވެ. އެ ގުދަނަކީ ކަރަންޓް ލާފައި ހުންނަ ގުދަނެއް ނޫނެވެ. ގުދަނާއި އިންވެގެން ޑަސްބިންތަކެއް ބަހައްޓާފައި ހުންނަ އިރު ބޮޑަށް ބެލެވޭ ގޮތުގައި އިންޖީނުގޭގައި ރޯވެފައި ވަނީ ގުދަނުގެ ބޭރުގައި ރޯވި އަލިފާންގަނޑު ބޮޑުވުމުގެ ސަބަބުންނެވެ.
ތިނަދޫގެ އިންޖީނުގޭގައި އަލިފާން ރޯވެ ތިން ޖަނަރޭޓަރާ އެކު އެތަން މުޅިން އެއްކޮށް އަނދާފައިވާ އިރު އެ ހާދިސާއާ ގުޅޭ ގޮތުން މިވަނީ ތަފާތު ވާހަކަތަކެއް ފެންމަތިވެފަ އެވެ. ކަމާ ގުޅުން ހުރި އެތައް ބަޔަކާ ސަން އިން ވާހަކަ ދައްކާފައިވާ އިރު މި ހާދިސާއާ ގުޅިގެން ރަށުތެރޭގައި ތަފާތު ގޮތްތަކަށް ވާހަކަދެކެވޭ ކަން ފާހަގަވި އެވެ.
ފުރަތަމަ އަލިފާން ރޯވީ ކޮންތާކު؟
ފެނަކަ ކޯޕަރޭޝަން އިން މައުލޫމާތުދޭ ގޮތުގައި ފުރަތަމަ އަލިފާން ރޯވެފައި ވަނީ އިންޖީނުގެ އާ ފަސް ފޫޓު ދުރުގައި ހުންނަ ގުދަނުގަ އެވެ. ބޮޑަށް ބެލެވޭ ގޮތުގައި ގުދަނުގެ ބޭރުގަ އެވެ. އެގުދަނުގައި އަލިފާން ރޯވާ ޒާތުގެ އެއްޗެއް ނުހުންނަ އިރު އަލިފާން ރޯވެފައި ވަނީ އެ ގުދަނާ ފަސް ފޫޓެއްހާ ދުރުގައި ހުންނަ އިންޖީނުގޭ ދުންހޮޅިތަކުން ބޭރުވާ ހޫނުން ކަމަށް ވެސް މިރަށުގައި ވާހަކަދެކެވެ އެވެ.
އަލިފާން ރޯކޮށްލީ ކަމަށް ބުނާ މީހުން ގިނަ!
ތިނަދޫ އިންޖީނުގޭ އެއްކޮށް އަނދައި ހުލިވެފައި ވަނީ ބަޔަކު ގަސްތުގައި ހިނގި ކަމަކުން ކަމަށް ބުނާ މީހުން މިރަށުގައި ވަރަށް ގިނަ އެވެ. ޒިންމާދާރު މަގާމުތަކުގައި ތިއްބެވި އެތައް ފަރާތަކުންނާއި އާންމު އެތައް ބަޔަކާ ވާހަކަ ދައްކާލުމުން ވެސް އެތުހުމަތު އެ ގޮތަށް އެބަކުރެ އެވެ. ނަމަވެސް އަލިފާން ރޯކޮށްލީތޯ ނުވަތަ ރޯވީތޯ ކުރެވޭ ސުވާލަށް ރަސްމީ އެއްވެސް ފަރާތަކުން ޖަވާބެއް ނުދެ އެވެ.
ތިނަދޫގެ ޒިންމާދާރު ވަޒީފާއެއްގައި އުޅުއްވާ ބެފުޅަކު ސަން އަށް މައުލޫމާތު ދެއްވި ގޮތުގައި އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްތުގައި ހިންގި ކަމެކެވެ. އެއްބަޔަކު ސަރުކާރާއި ދެކޮޅު ފަރާތްތަކަށް އެ ތުހުމަތުގެ އިނގިލި ދިއްކުރާ އިރު ސިޔާސީ ކަންތައްތަކެއްގެ ސަބަބުން ފެނަކަ ކޯޕަރޭޝަންތެރޭ ބައިބައިވުން އުފެދި ހިނގި ކަމެއް ކަމަށް ވެސް ރަށު ތެރޭގައި ވާހަކަ ދެކެވެ އެވެ.
"މިއީ އެމީހުން އެމީހުން ބޯޅަޖެހުމުގެ ތެރެއިން ހިންގި ކަމެއް. އެކަމަކު ހިޔެއްނުވޭ މިވަރަށް މިކަން ކުރަން އުޅެފާނެ ހެނެއް. ބޮޑަށް ބެލެވެނީ އެބަޔަކު އެކަމެއް ކުރަން އުޅުނު ވަރަށް ވުރެ ހާދިސާ ބޮޑުވީ ކަމަށް،" ޒިންމާދާރު ވަޒީފާއެއްގައި އުޅުއްވާ ބޭފުޅަކު މަސްލަހަތަށް ޓަކައި ނަން ސިއްރުކޮށް ވިދާޅުވި އެވެ.
ނަމަވެސް ފެނަކަ ކޯޕަރޭޝަނުން އެކަން ދޮގުކުރެ އެވެ. ފެނަކަ ކޯޕަރޭޝަންގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު ސަން އަށް ވިދާޅުވި ގޮތުގައި ކޮންމެ ތަނެއްގައި ވެސް މައްސަލަ އުޅޭހެން ފެނަކައިގެ ތެރޭގައި ވެސް މައްސަލަ އުޅުމަކީ ވެދާނެ ކަމެކެވެ. ނަމަވެސް އެފަދަ ކަމަކުން މިފަދަ ހާދިސާއެއް ނުހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލިފާން ރޯވީ އެކްސިޑެންޓަކުންތަ؟
އިންޖީނިއަރިން ދާއިރާއިން މާސްޓާ ޑިގުރީ ހައްދަވާފައިވާ ބޭފުޅަކު ތިނަދޫ އިންޖީނުގޭގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ބައްލަވާލެއްވުމަށް ފަހު ވިދާޅުވި ގޮތުގައި އިންޖީނުތަކުގެ ދުންހޮޅި ބަހައްޓާފައި ހުރި ގޮތުން އަލިފާނުގެ ހާދިސާއެއް ހިނގުމަކީ އެކަށިގެންވާ ކަމެކެވެ.
ކަރަންޓު ދިނުމަށް ބޭނުންކުރާ ތިން ޖަނަރޭޓަރުގެ ތިން ދުންހޮޅީގެ ދަށުގައި ޖެހިގެން ހުންނަނީ ފުޅާޅެކެވެ. ފުރާޅު ހަދާފައި ހުންނަނީ ލަކުޑިންނެވެ.
އިންޖީނިއަރިންގެ ތަޖުރިބާ ކާރު ވިދާޅުވި ގޮތުގައި އެ ދުންހޮޅިތަކުގެ ސަބަބުން އެޓިނު ގަނޑު ހުންނަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އެ ހޫނުގެ ސަބަބުން އެޓިނުގެ ދަށުގައި ހިޔާކުރަން ބޭނުންކޮށްފައި ހުރި ލަކުޑީގައި އަލިފާން ރޯވެ އަލިފާންގަނޑު ފެތުރިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްވެ ފާހަގަ ކުރި ސިނާރިއޯއަކީ ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވަން ދިމާވެދާނެ ސަބަބެއް ކަމަށް ގަބޫލުކުރާ ފަރާތްތައް މިރަށުގައި އުޅެ އެވެ. ހަމައެއާ އެކު އެކަމާ ދެކޮޅަށް ވާހަކަ ދައްކާ މީހުން ވެސް މަދެއް ނޫނެވެ.
ތިނަދޫ ފެނަކައިގެ އިސް މުވައްޒަފަކު ވިދާޅުވި ގޮތުގައި އެގޮތަށް ރޭގަނޑު އަލިފާނުގެ ހާދިސާއެއް ހިނގުމަކީ ދުރު ކަމެކެވެ. ދުވާލުގެ ހޫނު ވަގުތު އަލިފާން ރޯވުމުގެ ބަދަލުގައި ރޭގަނޑުގެ ފިނިވަގުތު އެގޮތަށް ޓިނު ހޫނުވެގެން އަލިފާން ރޯވުމަކީ ދުރުކަމެއް ކަމަށް އޭނާ ގަބޫލްކުރެ އެވެ.
"ދުވާލު ވެއްޖެއްޔާ މިހުންނަނީ ދެ ހޫނެއް، އެއީ ދުންހޮޅީގެ ހޫނާއި އިރުގެ ހޫނު، އެއާ ހިލާފަށް ރޭގަނޑު ތިނަދު އަށް ވަރަށް ފިނިވާނެ، އެހެންވެ އަޅުގަނޑު ގަބޫލް ކުރާ ގޮތުގައި ދުވާލު އެގޮތަށް އަލިފާން ރޯނުވެ ރޭގަނޑު އަލިފާން ރޯވުމަކީ ދުރުކަމެއް." އޭނާ ވިދާޅުވި އެވެ.
ތިނަދޫ ފެނަކައިގެ ޓެކްނިކަލް މެނޭޖަރު މުސްތަފާ ހަސަން ވެސް ވިދާޅުވަނީ ހަމަ އެފަދަ ވާހަކަތަކެކެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގަން ޖެހޭ އެއްވެސް ސަބަބެއް ނުވިސްނެ އެވެ. މުސްތަފާ ވިދާޅުވި ގޮތުގައި މިހާތަނަށް އެ އިންޖީނުގެ ހިންގާފައިވާ ގޮތަށް ބަލާ އިރު އިންޖީނުގޭގައި ހިނގި ހާދިސާއަކުން ރޯވި އަލިފާން ކަމަށް ބުނުން ވަރަށް ދައްޗެވެ.
އަލިފާން ރޯކޮށްލުމުގެ ފުރުސަތު އެބައޮތްތަ؟
ތިނަދޫ އިންޖީނުގެ ދަންވަރު ބަލަހައްޓަމުން ގެންދަނީ ދެ މީހުން ނެވެ. އޭގެ ތެރެއިން އެކަކު އިންޖީނު ގޭތެރެ ބަލަހައްޓާ އިރު އަނެކަކު ބަލަހައްޓަމުން ދަނީ އިންޖީނުގޭ ގޯތިތެރެ އެވެ. އެއިންޖީނުގޭގެ ފާރަކީ ތިރިކޮށް ގާތްގަނޑަކަށް ހަތަރު ފޫޓު ހުންނަ ފާރަކަށް ވުމުން އެފާރު ހުރަސްކޮށް އިންޖީނުގޭ ތެރެއަށް ވަނުމަކީ އުނދަގޫ ކަމެއް ނޫނެވެ. ނަމަވެސް ފެނަކަ ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިހާތަނަށް ބެލިބެލުމުން އިންޖީނުގޭ ތެރެއަށް އިތުރު މީހަކު ވަދެފައިވާކަން ފާހަގަ ވެފައެއް ނުވެ އެވެ.
މިރަށު ތެރޭ ދެކެވޭ ވާހަކަތަކާއި ތަޖުރިބާ ކާރުންގެ ވާހަކަތަކަށް ބަލާ އިރު ހާދިސާ ހިނގިގޮތް މިއޮންނަނީ ދެކޮޅަށް ކިރިކިރި އެވެ. ކަމާ ގުޅޭ މުއައްސަސާއަކުން އެމައްސަލަ ތަހުގީގުކޮށް ވަކި އެއްޗެއް ހާމަ ނުކުރާތީ އަސްލު ކަންވީ ގޮތް މިވަނީ ނޭނގުމެއްގެ ތެރޭގަ އެވެ. މިއަދު ކުރެވޭ ބަހުސަކީ އިންޖީނުގޭގައި ރޯކޮށްލީތޯ ނުވަތަ ރޯވީތޯ ކުރެވޭ ސުވާލެވެ. އެ ސުވާލުގެ ސައްހަ ޖަވާބު ލިބުމަކީ، ސިޔާސީ ގޮތުން "ދެކަފިވެފައިވާ" މުޅި ތިނަދޫގެ ސިޔާސީ ހަމަޖެހުމަށް ވަރަށް ބޭނުންތެރި ކަމެކެވެ.