މުލީއާގެ ކައިރިން ފެނުނު އައިއީޑީގެ މައްސަލާގައި ބަންދު ކުރި މީހުންގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

މުލީއާގެ ސަރަހައްދުން ފެނުނީ ގޮވާ އެއްޗެއްތޯ ޔަގީންކުރުމަށް ސްޓޭޑިއަމްތެގޭގައި ސިފައިން ހަރަކާތްތެރި ވަނީ --- ސަން ފޮޓޯ: އަލީ ނަސީރު

މިދިޔަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި މުލީއާގެ ކައިރިން އައިއީޑީއެއް ފެނުނު މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދުގެ މުއްދަތު ހަވަނަ ފަހަރަށް އިތުރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ، އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ. އަދި އެ ދެ މީހުންގެ ބަންދަށް ތިން ދުވަސް ކްރިމިނަލް ކޯޓުން ޖަހާދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވީ، ދެން ތިބި ދެ މީހުންގެ ބަންދުގެ މުއްދަތު އަދި ހަމަ ނުވާ ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކުރި އެންމެންނަކީ ވެސް 18 އަހަރުން މަތީގެ މީހުންނެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ވަނީ މުލީއާގެ ކައިރީގައި ހުރި ޕިކަޕެއްގައި އައިއީޑީއެއް ހަރުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހަވަހާރަކޮށްލުމުގެ ގޮތުން ކަމަށެވެ.

އުމަރު ވިދާޅުވީ، އައިއީޑީ ހަރުކޮށްފައިވާ އުޅަނދު ބާއްވާފައިއޮތް މަގަކީ ރައީސް ޔާމީން އާންމުކޮށް ދަތުރުފުޅުކުރައްވާ މަގެއް ކަމަށެވެ.

އައިއީޑީ ފެނުމާއެކު އެމްއެންޑީއެފުން ވަނީ އޭތި ރައްކާތެރިކަމާއެކު ސްޓޭޑިއަމް ސަރަހައްދަށް ގެންގޮސް އެ ޑިވައިސް ނުގޮވާގޮތަށް ހަދައިފައެވެ.

އެމްއެންޑީއެފްގެ ކެޕްޓަން އަލީ އިހުސާން ވިދާޅުވެފައި ވަނީ، މުލީއާގެ ސަރަހައްދުގައި އެ އައިއީޑީ ގޮވި ނަމަ އެ ސަރަހައްދުގެ އެތައް ގެއެއް ބިމާހަމަވެ، އެތައް ބައެއް މަރުވުމުގެ ފުރުސަތު އޮތް ކަމަށެވެ.

އެ ހާދިސާއަށްފަހު ސަރުކާރުން މިހާރު ވަނީ، މުލީއާގެ ކައިރީ ވެހިކަލްތައް ޕާކުކުރުން މަނާކޮށްފައެވެ.

comment ކޮމެންޓް