ތިނަދޫ އިންޖީނުގެ އެނދުމުން 22 މިލިޔަން ރުފިޔާގެ ގެއްލުންވި: ފެނަކަ

ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ނިމާލު ނޫސްވެރިންނާ ވާޙަކަފުޅު ދައްކަވަނީ. ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ގދ. ތިނަދޫގައި ފެނަކަ ކޯޕަރޭޝަނުން ހިންގަމުން އައި އިންޖީނުގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުމުގެ އަގު ޖުމްލަ 22 މިލިޔަން ރުފިޔާ އަށް އަރާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ފެނަކަ ކޯޕަރޭޝަނުގެ އޮފީހުގައި އެކުންފުނިން މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އެކޯޕަރޭޝަނުގެ މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ނިމާލު ވިދާޅުވީ ލިބުނު ގެއްލުމުގެ އަދަދު 22 މިލިޔަން ރުފިޔާ އަށް އަރާކަން މިހައިތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

"...ކުންފުނީގެ ވަރަށް އަގުބޮޑެތި މުދާތަކަށް މިވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައި. އަޅުގަނޑުމެން މިހައިތަނަށް ހޯދި ހޯދުމަށް ބަލާއިރުގައި މިލިބުނު ގެއްލުމުގެ އަދަދު 22 މިލިޔަން ރުފިޔާއަށް އަރާ،" ނިމާލް ވިދާޅުވި އެވެ.

ނިމާލް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި އިރު ތިނަދޫ އިންޖީނުގޭގައި 1000 ކިލޯވޮޓްގެ ޖަނަރޭޓަރަކާއި 720 ކިލޯ ވޮޓްގެ ޖަނަރޭޓަރަކާއި 600 ކިލޯވޮޓްގެ ޖަނަރޭޓަރެއް ހުރި ކަމަށާއި އެތިން ޖަނަރޭޓަރު ވެސް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.

ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހަލާކުވީ ތަކެތީގެ ތެރޭގައި ޖަނަރޭޓަރުތަކުގެ އިތުރުން ދެ އެއާ ސާކެޓް ބްރޭކަރް ޕެނަލްއާއި ޑިސްޓްރިބިއުޝަން ޕެނަލަކާއި އިންޖީނުގޭގެ ފުރާޅުމަތީގައި ހަރުކޮށްފައިވާ 172 ސޯލާ ޕެނަލްގެ ތެރެއިން ދެބައިކުޅަ އެއްބައި ހިމެނޭ ކަމަށް ނިމާލް ވިދާޅުވި އެވެ. ނިމާލް ވިދާޅުވީ ހަލާކުވި ސޯލާ ޕެނަލް ތަކަކީ 43 ކިލޯވޮޓްގެ ކަރަންޓް އުފެއްދުމުގެ ގާބިލްކަން ހުރި ޕެނަލް ތަކެއް ކަމަށެވެ.

ހާދިސާއާ ގުޅިގެން ތިނަދޫއިން ކަރަންޓް ކެނޑިފައި ވިޔަސް އެރަށުން ފެނުގެ ހިދުމަތް ނުކެނޑޭނެ ކަމަށް ނިމާލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހާދިސާ ހިނގި އިރު ތިނަދު އަށް 800 ޓަނުގެ ފެން ރައްކާކޮށްފައި ހުރި ކަމަށެވެ.

"...އެވްރެޖްކޮށް ތިނަދޫގައި ބޭނުން މިކުރަނީ ދުވާލަކު 100 ވަރަކަށް ޓަނު. އެހެންވީމާ އަދި ކުރިއަށް ހައެއްކަ އަށެއްކަ ދުވަހު ވެސް އިރާދަކުރެއްވިއްޔާމު ތިނަދޫ ރައްޔިތުން ބޯފެނަށް ޖެހިގެން އުޅޭކަށް ޖެހިވަޑައެއް ނުގަންނަވާނެ،" އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް