ޕްލާސްޓިކު ފުޅި ދެވަނަ ފަހަރަށް ބޭނުން ކުރުމުގެ ކުރިން ވިސްނާލާ!

ޕްލާސްޓިކް ފުޅިއެއް ކިތައް ދުވަސް ވަންދެން ބޭނުން ކުރަން ހެއްޔެވެ؟ ޔަގީނެވެ. އޭގެ ފުޅިއެއް ބޭނުން ކުރަން ފެއްޓި ދުވަހެއްވެސް ހަނދާނެއް ނުހުންނާނެ އެވެ.

މިއީ އަހަރުމެންގެ ތެރޭގައި ދިރިއުޅޭ ގިނަ މީހުންގެ ހާލަތެވެ. ފެން ފިނި ކުރަން ފުރިޖަށް ލާން ބޭނުން ކުރާ ޕްލާސްޓިކު ފުޅިތަކާ ގޭތެރޭގައި އަދި ދަރިފުޅު ސުކޫލަށް ފެން ގެންދަން ބޭނުން ކުރާ ފުޅިތައް އަހަރެއް ވަންދެން ބޭނުން ކުރާ މީހުން އުޅެ އެވެ.

އެހެންމަވެސް ތިޔަ ކުރެވެނީ ކިހާ ވަރުގެ ކަމެއްކަން އިނގޭ ހެއްޔެވެ؟ ތިބާގެ ހަށިގަނޑަށް ތި ދެވެނީ ކިހާ ބޮޑު ގެއްލުމެއް ކަން އިނގޭ ހެއްޔެވެ؟ ތިބާގެ ހަށިގަނޑު ތިޔަ ހުށައެޅެނީ ނުރައްކާތެރި ކިތައް ބަލިތަކަކަށް ކަން އިނގޭ ހެއްޔެވެ؟

ޕްލާސްޓިކު ފުޅީގައި ގިނަ އަދަދަކަށް ބެކްޓީރިއާ ހުރޭ

ޕްލާސްޓިކު ފުޅި އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބޭނުން ކުރުން ރަނގަޅެއް ނޫނެވެ. އެހެންނަމަވެސް ތިމާވެށި ހިމާޔަތް ކުރުމުގެ ނަމުގައި ނުވަތަ ރީސައިކަލް ކުރުމުގެ ނަމުގައި ޕްލާސްޓިކް ފުޅި އެތައް ދުވަހެއް ވަންދެން ބޭނުން ކުރާ މީހުން އުޅެ އެވެ.

ޕްލާސްޓިކް ފުޅީގެ އަނގަ މައްޗަކީ އެ ފުޅީގައި އެންމެ ގިނަ އަދަދަކަށް ބެކްޓީރިއާ ހުންނަ ބައެވެ. ދެން ވިސްނާލާށެވެ. ފެން ބުއިމަށް އެތަކެއް ދުވަހެއް ވަންދެން ތިޔަ ބޭނުން ކުރާ ފުޅީގެ އަނގަމަތީގައި ކިހާ ބެކްޓީރިއާ އެއް ހުންނާނެ ހެއްޔެވެ؟

ގޭގައި ތަރުކާރީ ކޮށަން ނުވަތަ މަސް ކޮށަން ބޭނުން ކުރާ ކަޓިންގު ބޯޑު ފަދައިން ފެން އަޅަން ބޭނުން ކުރާ ޕްލާސްޓިކު ފުޅި ދޮވުނު ނަމަވެސް ބެކްޓީރިއާ އެއް މަދެއް ނުވާނެ އެވެ. ސަބަބަކީ ފުޅީގެ އަނގަ މައްޗާއި އެއްވަރަށް މަތިގަނޑު އަދި ފުޅީގެ އެތެރޭގައިވެސް ބެކްޓީރިއާ ހުރެ އެވެ.

ބެކްޓީރިއާ އަކީ ލޮލަށް ނުފެންނަ މައިކްރޯސްކޯޕިކު އެއްޗަކަށް ވުމުން ކިތަންމެ ރަނގަޅަށް ދޮވުނު ނަމަވެސް ފުޅީގެ އަނގަ މައްޗާއި މަތިގަނޑު އަދި ފުޅީގެ އެތެރޭގައި ހުންނަ ބެކްޓީރިއާ އެއް ސާފެއް ނުކުރެވޭނެ އެވެ.

ހޫނު ފެނުން ފުޅި ސާފު ކުރުމުން ފުޅީގައި ހުންނަ ކެމިކަލް ލީކު ވުމުގެ ފުރުސަތު އޮވޭ

ފުޅި ސާފު ކުރުމަށް ބައެއް ފަރާތްތަކުން ހޫނު ފެން ބޭނުން ކުރެ އެވެ. އަދި ތަށި ދޮންނަން ބޭނުންކުރާ ތަފާތު ވައްތަރުގެ އެއްޗެހި ވެސް ޕްލާސްޓިކް ފުޅި ސާފު ކުރުމަށް ބައެއް ފަރާތްތަކުން ބޭނުން ކުރެ އެވެ. އެހެންނަމަވެސް އެއީވެސް ރަނގަޅު ގޮތެއް ނޫނެވެ.

ސަބަބަކީ ޕްލާސްޓިކް ފުޅި ތައްޔާރުކޮށްފައި ހުންނަނީ ހޫނު ފެން އަޅާ ކަށް ނޫނެވެ. އެއީ އެއް ފަހަރު ބޭނުން ކުރުމަށް ފަހު އެއްލާލަން ޖެހޭ ފުޅިއެކެވެ.

ޕްލާސްޓިކް ފުޅިއަށް ހޫނުފެން އެޅުމުން އޭގައި ހުންނަ ކެމިކަލްތައް ލީކު ވުމުގެ ފުރުސަތު ބޮޑެވެ. އެ ފަދަ ކެމިކަލްތައް ފުޅިއަށް އަޅާފައި ހުންނަ ފެނާއި އެއްވެ، އެ ފެން ބޯން ބޭނުން ކުރެވިއްޖެ ނަމަ ހަށިގަނޑަށް ހީނުކުރާހާ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ އެވެ.

ރީ ޔޫސެބަލް ޕްލާސްޓިކް ފުޅި ބޭނުން ކުރާ ފަރާތްތަކުން ވެސް އެ ފުޅިއަކީ ރަނގަޅު ކޮލިޓީގެ ފުޅިއެއްތޯ ޔަގީން ކުރަން ޖެހޭނެ އެވެ. އެފުޅިތަކަކީ ހޫނު ފެން އެޅުމުން ބައްޓަމަށް އެއްވެސް ބަދަލެއް ނާންނަ ފުޅިތަކަކަށް ވާން ޖެހޭނެ އެވެ.

އެހެންކަމުން އެންމެ ބުއްދިވެރި ގޮތަކީ ޕްލާސްޓިކު ފުޅިތަކަށް ނޫނެކޭ ބުނެފަ ބިއްލޫރި ފުޅިތަކަށް އާނއެކޭ ބުނުމެވެ. ބިއްލޫރި ފުޅި ޕްލާސްޓިކް ފުޅިއަށް ވުރެ އަގު ބޮޑުވި ނަމަވެސް، ތިބާގެ ހަށިގަނޑާއި ފުރާނައަށް ވުރެ އަގު ބޮޑެއް ނޫނެވެ.

ތިމާވެށި ހިމާޔަތް ކުރުމަށް ނުވަތަ ޕްލާސްޓިކް ފުޅި ރީސައިކަލް ކުރަން ބޭނުން ނަމަ، އެ ފުޅިއަށް ފެން އަޅައިގެން ބުއިމުގެ ބަދަލުގައި ގަސް ފަދަ އެއްޗެހި އިންދާށެވެ. ނުވަތަ ޒީނަތްތެރި ކުރުމަށާއި ދިރިއުޅުމުގެ އެހެނިހެން ބޭނުންތަކަށް ބޭނުންވާ ސާމާނު އުފައްދާށެވެ.

comment ކޮމެންޓް