ރާއްޖެއަކީ ސަރަހައްދުގެ ފުޓްބޯޅައިގެ ބާރެއްގެ ގޮތުގައި ސަރަހައްދުގެ މީޑިއާތަކުން ގުނާ ޓީމެކެވެ. "އަވޭ"ގައި ކުޅުނަސް ރާއްޖެއަކީ ސަރަހައްދުގެ ދަނޑުތަކަށް ފަރިތަ ޓީމެކެވެ. ރާއްޖެ އިން ވަނީ އެކަން ތަކުރާރުކޮށް ސާބިތުކޮށްދީފަ އެވެ.
މި ސަރަހައްދުގެ ގައުމުތަކުގެ ފުޓްބޯޅަ ދަނޑުތަކުގެ ތެރޭން ދިވެހި ޓީމް އެ ދަނޑަކަށް ފަރިތަ، އެފަދަ އެއް ދަނޑަކީ ބަނގުލަދޭޝްގެ ގަންގުބަންދު ސްޓޭޑިއަމް އެވެ. ޚާއްސަކޮށް ރާއްޖެއަކީ އެ ދަނޑުގައި ސެމީ ފައިލަށް ވަރަށް ފަރިތަ ޓީމެކެވެ. ހަމައެޔާ އެކު އެ ދަނޑުގައި ރާއްޖެ އިން ކުޅޭ ފައިނަލް މެޗުތައް ވެފައި ވަނީ ބަދު ނަސީބަކަށެވެ.
ނަމަވެސް މިއަދު މިއޮތީ ފައިނަލެއް ނޫނެވެ. ސެމީ ފައިނަލެކެވެ. ބަނގުލަދޭޝްގައި މިހާރު ކުރިއަށްދާ ބަނގުބަންދު ގޯލްޑްކަޕްގައި ރާއްޖެ އިން އަނެއްކާ ވެސް ބަންގުބަންދު ސްޓޭޑިއަމްގައި ސެމީ ފައިނަލަކަށް ނުކުންނަނީ އެވެ.
ރާއްޖެ އެންމެ ފުރަތަމަ ބަންގުބަންދު ނޭޝަނަލް ސްޓޭޑީއަމްގައި ކުޅުނު ސެމީފައިނަލް މެޗަކީ 2003 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލް މެޗެވެ. ޕާކިސްތާނާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗްގައި ރާއްޖެ އިން ޖެހި ހަމައެކަނި ގޯލް ޖަހައިދިނީ ތިން ސެމީ ފައިނަލެއްގައި ރާއްޖެ އަށް ގޯލް ޖަހައިދީފައިވާ ގައުމީ ޓީމުގެ ކުރީގެ އެޓޭކިން މިޑްފީލްޑަރު އިބްރާހިމް ފަޒީލު (އޮއްޕޮ) އެވެ.
ރާއްޖެ އިން ދެން ބަންގުބަންދު ސްޓޭޑިއަމްގައި ކުޅުނު ސެމީފައިނަލަކީ، 2009 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީފައިނަލެވެ. އަވަށްޓެރި ސްރީ ލަންކާއާ ދެކޮޅާށް ކުޅުނު ސެމީފައިނަލް ރާއްޖެ އިން ކާމިޔާބު ކުރީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ދެކުނު އެޝިއާ ސަރަހައްދުން ބޭރުން ވެސް ޓީމުތައް ވާދަ ކުރާ ބަންގުބަންދު ގޯލްޑްކަޕްގައި ރާއްޖެ އިން ސެމީ ފައިނަލްގައި ނިކުންނަނީ ސަރަހައްދުގައި ރާއްޖޭގެ ފުޓްބޯޅައިގެ ވާދަ ވެރިޔެއް ކަމަށްވާ ނޭޕާލާ ދެކޮޅަށެވެ.
ރާއްޖެއާ ނޭޕާލު ކުރިމަތިލާ އިރު ދެ ޓީމުގެ ކުރިމަތިލުންތަކުގެ ފުރަތަމަ ކޮޅު ނޭޕާލުން ވަނީ ރާއްޖޭގެ މައްޗަށް ކާމިޔާބު ހޯދައިފަ އެވެ. ނަމަވެސް ނޭޕާލްގެ ކޯޗް ބަލްގޯޕާލް މާހަރަޖަން ބުނި ފަދައިން ރާއްޖެ އިން ވަނީ ފުޓްބޯޅަ ތަރައްގީކޮށް ނޭޕާލަށް ވުރެ ކުރިއަރަފާ އެވެ. މިއަދު ރާއްޖެއާ ނޭޕާލުގެ ރެކޯޑް ބުރަވަނީ ނޭޕާލާ ދެކޮޅަށެވެ.
ރާއްޖެ އިން ނޭޕާލްގެ މައްޗަށް ހަތް ފަހަރު ކާމިޔާބު ހޯދާފައިވާ އިރު، ނޭޕާލަށް ރާއްޖޭގެ މައްޗަށް ކާމިޔާބު ހޯދިފައިވަނީ ހަތަރު ފަހަރު އެވެ. އަދި 1999 ވަނަ އަހަރުގެ ފަހުން ނޭޕާލަށް ރާއްޖެ ބަލިކުރެވިފައެއް ނުވެ އެވެ. ނަމަވެސް ރާއްޖެ އިން ވަނީ އެ މުދަތަށް ފަހު ނޭޕާލްގެ މައްޗަށް ދެ ފަހަރަށް ކާމިޔާބު ހޯދައި ދެފަހަރަށް އެއްވަރުކޮށްފަ އެވެ.
ނޭޕާލުން މި މުބާރާތަށް ޒުވާން ކުޅުންތެރިންނާ އެކު ޓީމުގެ ގިނަ ސީނިއާ ކުޅުންތެރިންނަށް ފުރުސަތު ދީފައިވީ ނަމަވެސް ރާއްޖޭ ޓީމުގައި މިފަހަރު ގިނައީ ޒުވާން ކުޅުންތެރިންނެވެ. އަދި މުބާރާތުގައި މިހާތަނަށް ޒުވާން ކުޅުންތެރިންގެ ފަރާރުން އެންމެ ރަނގަޅު ނަތީޖާއެއް ނެރެފައިވަނިވެސް ރާއްޖޭގެ ޓީމުންނެވެ.