ކޮންމެ އަގެއް ދައްކައިގެން ވެސް ސެމީގައި ރާއްޖެ ބަލި ކުރަން ޖެހޭ: ނޭޕާލް ކޯޗް

ބަންގުބަންދު ގޯލްޑްކަޕްގައި ނޭޕާލްގެ ޓީމަށް އިރުޝާދު ދެމުން ގެންދާ ބަލްގޯޕާލް މަހަރުޖަން --- ފައިލް ފޮޓޯ

ބަންގުބަންދު ގޯލްޑްކަޕްގެ ސެމީފައިނަލްގައި 'ކޮންމެ އަގެއް' ދައްކައިގެން ވެސް ރާއްޖެ ބަލިކޮށް މުބާރާތުގެ ފައިނަލުން ޖާގައެއް ހޯދަން ޖެހޭ ކަމަށް ނޭޕާލްގެ ކޯޗް ބަލްގޯޕާލް މަހަރުޖަން ބުނެފި އެވެ.

ޕޯސްޓް މެޗް ޕްރެސްގައި ވާހަކަ ދައްކަމަން މަހަރުޖަން ބުނީ ރާއްޖޭގެ ޓީމަކީ ވަރަށް މޮޅަށް ކުޅޭ ޓީމެއް ކަމަށާއި ޓެކްނިކަލީ ވެސް މޮޅެތި ކުޅުންތެރިން ދިވެހި ޓީމުގައި އެބަތިބި ކަމަށެވެ.

އޭނާ ބުނީ 15 ނުވަތަ 10 އަހަރު ކުރިން ރާއްޖޭގެ މައްޗަށް ޑޮމިނޭޓް ކުރަމުން އައީ ނޭޕާލް ކަމަށާއި ނަމަވެސް މިހާރު ރާއްޖެ އިން ވަރަށް ބޮޑަށް ކުރިއެރުން ހޯދާފައިވާ ކަމަށެވެ.

އެގޮތުން ރާއްޖެ އިން ފުޓްބޯޅަ ކުރިއަރުވަން ގިނަ މަސައްކަތްތަކެއްކޮށްފައިވާ ކަމަށާއި ރާއްޖޭގެ ލީގް ސްޓަރަކްޗާ އޮންނަ ގޮތް ވެސް ރަނގަޅު ކަމަށް ކުރިން ނޭޕާލްގެ ގައުމީ ޓީމުގެ ޑިފެންސުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ މަހަރުޖަން ބުންޏެވެ.

އޭނާ ބުނީ ނޭޕާލްގެ ކުޅުންތެރިންގެ ޕާފޯމަންސް ރަނގަޅު ކަމަށާއި ގްރޫޕް ސްޓޭޖުގައި ބައިކޮޅަށް އެންމެ ލަނޑެއް ވެސް ވަދެފައި ނުވުމަކީ ފާހަގަ ކުރަންޖެހޭ ކަމެއް ކަމަށެވެ.

އަދި ގުރޫޕް ސްޓޭޖުގައި ނޭޕަލަށް އެންމެ ލަނޑެއް ޖެހިފައިވާ އިރު ރާއްޖެ މެޗަށް ނުންކުންނަ އިރު ނޭޕާލްގެ އެޓޭކިން ޑިޕާޓްމެންޓް ވަރުގަދަ ކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

ބަންގުބަންދު ގޯލްޑްކަޕަކީ މަހުރުޖަންގެ ކޯޗިންކެރިއާގެ ފުރަތަމަ އިންޓަނޭޝަލް މުބާރާތެވެ. އޭނާ ބުނީ އެހެންވެ މިމުބާރާތުގައި ތާރީޚަށް ދެމިހުންނަ ފަދަ ކާމިޔާބެއް ހޯދަން ބޭނުންވާ ކަމަށެވެ.

ރާއްޖެ އާއި ނޭޕާލް ކުޅޭ ސެމީފައިނަލް ދެ ވަނަ މެޗް އޮނާނީ ރާއްޖޭ ގަޑިން މާދަމާ ހަވީރު 4:30 ގައެވެ.

ސެމީފައިނަލް ފުރަތަމަ މެޗްގައި މިއަދު ހަވީރު 4:30ގައި ބައްދަލު ކުރާނީ މުބާރާތް ބާއްވާ ގައުމު ބަނަގުލަދޭޝްގެ ސީނިއާ ޓީމާއި ބަހްރެއިންގެ 23 އަހަރުން ދަށުގެ ޓީމެވެ.

comment ކޮމެންޓް