ޖަރާސީމާއި ބަލިތަކުން ދުރުވެވޭނެ ގޮތްތައް ޚިޔާރު ކުރޭ!

ބައެއް މީހުންގެ ހަށިގަނޑުގެ ދިފާޢީ ނިޒާމު އެހާ ވަރުގަދައެއް ނޫނެވެ. އެމީހުންނަކީ ފަސޭހައިން ހުން އައިސް، ރޯގާ ޖެހި، ބަލި ވާ މީހުންނެވެ.

އެހެން ނަމަވެސް މާ ގިނައިން ބަލި ވުމަކީ މައްސަލައެކެވެ. ފަހަރުގައި، އެކަން އެ ވަނީ ދިރިއުޅުމުގެ ބައެއް އާދަތަކާއި ގުޅިގެން ކަމަށް ވެދާނެ އެވެ. ނުވަތަ އުޅެވޭ ބައެއް ތަންތަނުގެ ސަބަބުންނާއި ހަނދާން ނެތިގެން ނުކުރެވި ދޫކޮށްލެވޭ ބައެއް ކަންކަމާއި ހެދި ކަމަށް ވެސް ވެދާނެ އެވެ. ތިމާ އުޅޭ ތަންތަނަކީ ޖަރާސީމުން ދުރު، އަދި ތިމާގެ އާދަތަކަކީ ސާފުތާހިރު ތަންތަނާއި ކަންކަމަށް ވާން ޖެހެ އެވެ.

ގިނަ ގިނައިން އަތް ދޮންނާށެވެ. އަތް ދޮވުމަކީ ސާފުތާހިރު ވުމުގެ ގޮތުން ކުރެވޭނެ ކަމެކެވެ. ކެއުމުގެ ކުރިންނާއި، ކެއްކުމުގެ ކުރިންނާއި، ފާހަނާ ކުރުމަށްފަހު އާއި ކުނީގައި އަތް ލުމަށް ފަހު ވެސް އަތް ދޮންނާށެވެ. އެހެން މީހުން ގިނަ ގިނައިން އަތްލައި ހަދާ އެއްޗެއްގައި ތިބާގެ އަތް ޖެހިއްޖެ ނަމަ ލަސް ނުކޮށް އަތް ދޮވުމަކީ ރަނގަޅު ގޮތެކެވެ. އާންމު ތަނެއްގައި ހުރި ސިޑިއެއްގެ އެއްފަރާތުގައިވާ ދަގަނޑު ގަނޑުގައި އަތް ލެވުނަސް އަތް ދޮންނާށެވެ. އަތަކީ އެންމެ ފަސޭހައިން ޖަރާސީމު އަރާ އެއް ގުނަވަނެވެ.

ބޭސް ކާށެވެ. އެއްވެސް ކަހަލަ ބައްޔަކަށް ފަރުވާ ކުރާ ނަމަ، ޑޮކްޓަރު ދީފައި ހުންނަ ބޭސް އޭގެ ގަޑިން ގަޑިއަށް ކާން ޖެހޭނެ އެވެ. ވެކްސިން ޖަހަން ޖެހޭ ނަމަ އެ ވެކްސިން ވެސް ލަސް ނުކޮށް ޖަހަން ޖެހޭނެ އެވެ. ބަލިތަކުން ރައްކާތެރިވުމަށް ކުރަން ޖެހޭ ކަންކަމުގެ މަޢުލޫމާތު ޑޮކްޓަރުންނާއި ސިއްހީ މާހިރުންގެ ކިބައިން އޮޅުން ފިލުވާށެވެ.

ނޭފަތުން ނޭވާލާށެވެ. އިންސާނަކަށް ނޭވާ ލުމަށް ދެ ގޮތެއްވެ އެވެ. އެއީ ނޭފަތުން ނޭވާލުމާއި އަނގައިން ނޭވާ ލުމެވެ. ނޭފަތުން ނޭވާލުމަކީ ރައްކާތެރި ގޮތެވެ. ނޭފަތުގެ އެތެރޭގައި ހުންނަ ކުދިކުދި އިސްތަށިތަކަކީ "ފިލްޓަރ"އެއްގެ ރޯލު ކުޅޭ އެއްޗެއްސެވެ. އެ އެއްޗެއްސަކީ، ވައިގެ ތެރޭގައި ހުންނަ ޖަރާސީމުތައް ހިފަހައްޓައި، ތިބާގެ ހަށިގަނޑުގެ އެތެރެއަށް ވަނުމަށް ހުރަސް އަޅާ އައްޑަނަ އެވެ. އަނގައިން ނޭވާލާ ނަމަ، އެފަދަ "ފިލްޓަރ"އެއް ނުހުރެ އެވެ. ތިބާއަށް ނޭވާ ލެވޭނީ ޖަރާސީމާ އެކު ހުންނަ ވައެވެ. ރައްކާތެރި ގޮތަކީ ނޭފަތުން ނޭވާލުމެވެ.

ކިނބިހި އަޅާ މީހުންނާ ދުރުގައި ތިބޭށެވެ. ކިނބިހި އަޅާ އިރު، އެމީހެއްގެ ހަށިގަނޑުން ގިނަ ޖަރާސީމު ބޭރުވެ އެވެ. އޭނާ އަނގަ މަތީގައި އަތް ނުވަތަ ރުމާލެއް އަޅައިގެން ކިނބިހި އެޅިޔަސް ކޮންމެވެސް ވަރަކަށް ޖަރާސީމު އޭނާގެ ވަށައިގެން އުޅޭނެ އެވެ. ޖަރާސީމުން ރައްކާތެރިވެ ހުރުމަށް އެދޭ ނަމަ، ކިނބިހި އަޅަމުންދާ މީހުންނާ ވީހާ ވެސް ދުރުގައި ހުންނާށެވެ. އަދި އެމީހަކު ކިނބިހި އެޅުމަށް ފަހު އަތް ނުދޮވެ ހުރި ނަމަ، އަތް ދޮވުމަށް އިރުޝާދު ދިނުމަކީ ރަނގަޅު ގޮތެކެވެ. ސިއްހީ ރަނގަޅު އާދަތައް އެކަކު އަނެކަކަށް އުނގަންނައިދީ ހެދުމަކީ ރީތި އާދައެކެވެ.

ބަލި މީހުންގެ ކައިރީގައި އުޅުމަށް ފަހު، ލައިގެން ހުރި އަންނައުނު ދޮންނާށެވެ. ބަލި މީހުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބެލުމަކީ ރަނގަޅު އާދަ އެކެވެ. ނަމަވެސް އެމީހުންގެ ގާތަށް ގޮސް ވެސް، ތިމާގެ އަމިއްލަ ސިއްހަތަށް ވިސްނަން ޖެހޭނެ އެވެ. ބަލި މީހުންގެ ގާތުގައި އުޅުމަށް ފަހު، އެވަގުތަކު ތިމާ ލައިގެން ހުރި އަންނައުނު ވީހާ ވެސް އަވަހަކަށް ދޮވުމަކީ ބުއްދިވެރި ގޮތެކެވެ. މީހަކު ކިނބިހި އަޅައިފި ނަމަ، އޭނާގެ އަނގައިން ބޭރުވާ ޖަރާސީމު، އޭނާއާ ހަތަރު ފޫޓާއި އަށް ފޫޓާއި ދެމެދުގެ ދުރުމިނަކަށް ދަތުރު ކުރާނެ އެވެ. މިފަދައިން ތިމާގެ ގަޔަށް ޖަރާސީމު އެރުމަކީ ވެދާނެ ކަމެކެވެ. އެހެންކަމުން ލައިގެން ހުރި އަންނައުނު ދޮވެ، އޭގެން ޖަރާސީމު ނައްތައިލުމަކީ ކުރުން ރަނގަޅު ކަމެކެވެ.

comment ކޮމެންޓް