ބަންގުބަންދު ގޯލްޑްކަޕްގައި މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝްގެ ސީނިއާ ޓީމާ ނޭޕަލް ބައްދަލު ކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުން ގުރޫޕް 'އޭ'ގެ އެއްވަނައިގައި ބަނގްލަދޭޝް ސެމީ ފައިނަލްގެ ޖާގަ ކަށަވަރު ކުރިއިރު ނޭޕާލް ދެ ވަނައިގައި ސެމީ އިން ޖާގަ ހޯދައިފި އެވެ.
ބަނގްލަދޭޝްގެ ވެރިރަށް ޑާކާގެ ބަންގުބަންދު ގޯލްޑްކަޕަގައި މިރޭ ކުޅުނު މެޗު އެއްވަރުވެގެން ނިމުމުން ދެޓީމަށް ވެސް ލިބިފައި ވަނީ ފަސް ޕޮއިންޓެވެ. ނަމަވެސް ބަނގްލަދޭޝް އަށް އެއްވަނަ ލިބެނީ ލަނޑުގެ ތަފާތުން ކުރީގައި އޮތުމުންނެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބަނގުލަދޭޝް އިން ފަސް ލަނޑު ޖަހާފައިވާ އިރު ނޭޕާލަށް ޖެހިފައި ވަނީ އެންމެ ލަނޑެކެވެ.
މިއަދުގެ މެޗުގައި ދެޓީމުން ވެސް ވަނީ ލަނޑު ޖާހާނެ ރަނގަޅު ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ.
މެޗުގައި ބަނގުލަދޭޝް އިން އުފެއްދި ހަމަލާތައް ދިފާއު ކުރުމުގައި ނޭޕާލްގެ ކީޕަރުވަނީ މުހިންމު ސޭވްތަކެއް ކޮށްފަ އެވެ.
މުބާރާތު ސެމީގައި ބަނގްލަދޭޝްއާ ވާދަ ކުރަން ޖެހޭ ޓީމެއް ފައިނަލް ވެގެންދާނީ ގުރޫޕް 'ބީ'ގައި މާދަމާ ރާއްޖެއާ ބަހްރެއިން ވާދަ ކުރާ މެޗުން ނަތީޖާ ނިކުންނަ ގޮތަކުންނެވެ. މެޗު އެއް ވަރުވިޔަސް ރާއްޖެ އަށް ގްރޫޕްގެ އެއް ވަނަލިބޭނެ އެވެ.
އެހެންވެއްޖެ ނަމަ ރާއްޖެ އިން ސެމީގައި ވާދަ ކުރަން ޖެހޭނީ ނޭޕާލާ ދެކޮޅަށެވެ.
ރާއްޖެ ހިމެނޭ ގްރޫޕުން މިހާތަނަށް ސެމީގެ ޖާގަ ކަށަވަރުކޮށްފައި ވަނީ ރާއްޖެ އެކަންޏެވެ. ސެމީގެ ދެ ވަނަ ޖާގަ ފުރުސަތު އެންމެ ބޮޑީ ބަހްރެއިން އަށެވެ.