ބުންވަރާއި މޮޅު އުކުޅު ދަސްކުރުމަކުން ފުޓްބޯޅައިގައި މޮޅު ކުޅުންތެރިއަކަށް އަދި ނުވެވޭނެއެވެ. ހުނަރާއި ހިތްވަރާއެކު ވިސްނުންތެރިކަމާއެކު ދަނޑިވަޅުގެ ބޭނުން ކުރަން ދަސްވެއްޖެނަމަ އެއީ މޮޅު ކުޅުންތެރިއެކެވެ. ފުޓްބޯޅައަކީ ސިކުނޑިން ކުޅެންޖެހޭ އެއްޗެކޭ ކޯޗުން ބުނަނީ އެހެންވެގެންނެވެ.
ރާއްޖޭގެ އެއް ނަމްބަރު ގޯލް ކީޕަރު އިމްރާން މުހައްމަދަކީ އެފަދަ މޮޅު ކުޅުންތެރިއެކެވެ. އޭނާއަކީ ހުނަރާ އެއްވަރަށް "ސިކުނޑިން ކޫޅޭ" ކުޅުންތެރިއެކެވެ. ގައުމީ ޓީމު ކުޅޭ މެޗުތަކުގައި ރާއްޖެ ބަލިވާން ދަނިކޮށް، އިމްރާންގެ ލީޑާޝިޕްގައި އިދިކޮޅު ޓީމު ޕްރެޝަރަށް ދުއްވާލައިގެން، ހާލަތުގެ ބޭނުން ގައުމީ ޓީމު ހިފާފައި އެބަ ހުއްޓެވެ.
ބަންގްލަދޭޝްގައި ކުރިއަށްދާ ބަންގުބަންދު ގޯލްޑް ކަޕުގައި އިމްރާން ނުކުޅުނަސް، އޭނާގެ ދައުރުގައި ދިވެހި ޓީމުގައި ކުޑައެއް ނޫނެވެ. މުބާރާތުގައި ރާއްޖެއިން ކުޅުނު ދެ މެޗުގައި ވެސް ގޯލު ބެލެހެއްޓި މުހައްމަދު ފައިސަލްގެ ސިކުނޑިއާ އޭނާ އެބަ ކުޅެ އެވެ. އޭނާ އެކަން ކުރަނީ ހުނަރާއި ގާބިލްކަމުގެ އިތުރަށް ފައިސަލަށް ދޭ އިންސްޕިރޭޝަނެއްގެ ގޮތުގަ އެވެ.
ކޮންމެ މެޗެއް ނިމުމުން އިމްރާން ފައިސަލަށް ގުޅަ އެވެ. އޭނާއަށް ގުޅުމަށްފަހު އިމްރާން ދެނީ ހިތްވަރު އެކަންޏެއް ނޫނެވެ. އުމުރުން 35 އަހަރުގެ އިމްރާންގެ ކުޅިވަރުގެ ހަޔާތުގައި ކާމިޔާބީއަށް ކުރި ދަތުރުގެ ފިލާވަޅު ނަގައިދެ އެވެ.
"ސީނިއާ ކުޅުންތެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ހުރިހާ ކޮލިޓީއެއް އިމްރާންގެ ކިބައިގައި އެބަ ހުރި. ކޮންމެ މެޗެއް ނިމުމަށްފަހު ފައިސަލަށް އިމްރާން އެދޭ ހިތްވަރަކީ، ނަމޫނާއެއް. ފައިސަލް ވެސް ވަނީ އެކަން ވަރަށް ބޮޑަށް ފާހަގަކޮށްފައި،" ގައުމީ ޓީމުގެ ފިޒީޝަން އަދި އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީގެ ވައިސް ޗެއާމަން އަޙްމަދު ޝަކީބު (ޑޮކް) ވިދާޅުވި އެވެ.
ޑޮކް ވިދާޅުވީ އެފްއޭއެމުން އެކަން ފާހަގަ ކުރަން ބޭނުންވާ ކަމަށާއި ޢިމްރާންގެ މިސާލަކީ އަރަމުން އަންނަ ކުޅުންތެރިންނަށް ނަމޫނާއެއް ކަމަށެވެ.
ގޯލްޑް ކަޕުގައި ރާއްޖެއިން ކުޅޭ މެޗުތައް ބެލުމަށްފަހު ޢިމްރާން އިސްކަން ދެނީ ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ހިތްވަރު ދިނުމަށެވެ. ސޯޝަލް މީޑިއާއަށް އޭނާ ދޫކޮށްލާ މެސެޖުތަކުން އެކަން ފެނެ އެވެ.
އިމްރާން "ސަން"އާ ވާހަކަ ދައްކަމުން މިއަދު ބުނީ މެޗު ފެށުމުގެ ކުރިންނާއި މެޗަށްފަހު ގައުމީ ޓީމުގެ ގޯލު ބަލަހައްޓާ ކީޕަރުންނަށް އަބަދުވެސް ގުޅާ ކަމަށާއި އެކަން ކުރުމަކީ އޭނާ ކަހަލަ ސީނިއާ ކުޅުންތެރިއެއްގެ ވާޖިބެއް ކަމަށެވެ.
އިމްރާން ބުނީ ބަންގުބަންދު ގޯލްޑް ކަޕުގައި ފައިސަލްގެ ފަރާތުން ފެންނަ މޮޅު ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި އަނިޔާގައި އެއް އަހަރު ދުވަސް ހޭދަ ކުރުމަށްފަހު ފައިސަލްގެ ފަރާތުން ފެންނަ ހިތްވަރަކީ "މިސާލެއް" ކަމަށެވެ.
"އިންޖެރީގައި ތިބި ދުވަސްވަރު އެކީގައި އުޅެވުނު. ވަރަށް ގިނައިން ވާހަކަ ދެކެވި ތަޖުރިބާ ހިއްސާކުރެވުނު. އޭނަ ވެސް ގެއްލިގެން ދާން ބޭނުން ނުވާތީ އެހާ ހިތްވަރު ދެނީ،" ކީޕަރު އިމްރާން ބުންޏެވެ.
ރާއްޖެ ތަމްސީލު ކުރުމުގައި ނަމޫނާ ދައްކަމުންދާ ފައިސަލް އާއި އިމްރާއަކީ އެއް އަތޮޅަކަށް ނިސްބަތްވާ ދެ ކުޅުންތެރިންނެވެ. އިމްރާން ނިސްބަތްވަނީ އދ. މަހިބަދޫއަށެވެ. ފައިސަލް ނިސްބަތް ވަނީ އދ. ފެންފުއްޓަށެވެ.
މި ދެކުޅުންތެރިންގެ ކާމިޔާބީ އާއި ނާކާމިޔާބީއެއްގެ ވާހަކަ ދުނިޔޭގެ ފަލަ ސްރުހީތަކުގައި އެޅި ޒަމާނެއް ވެސް ދިޔަ އެވެ. އެއީ 2012 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕުގެ ސެމީ ފައިނަލުގައި ވިކްޓަރީ އަތުން ނިއު ރޭޑިއަންޓް މޮޅުވި މެޗުގައި ނިއުގެ ކީޕަރަކަށް އޭރުގެ ހުރި ޢިމްރާން ޖެހި ލަނޑުގެ ވާހަކަ އެވެ. އަމިއްލަ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ސައްޕަކުން އިމްރާން ޖެހި ބޯޅަ ވިކްޓަރީގެ ގޯލަށް ވަނީ އެ ޓީމުގެ ކީޕަރަކަށް އޭރު ހުރި ފައިސަލަށް ހެދުނު ގޯހަކުންނެވެ.
ނާކާމިޔާބީއަކީ ކާމިޔާބީގެ ތަޅުދަނޑިއޭ ބުނާ އުސޫލުން ފައިސަލް މިއަދު އެ ދުވަސްތައް ހަނދާން ނައްތާލައިފި އެވެ. ހެދޭ ގޯސްތައް މަދުކޮށް، ސިކުނޑިން ގޭމު ކުޅެން ދަސްކުރަން އޭނާ މިހާރު ދަނެ އެވެ. އިމްރާން ދެއްކި މަގުން ގޮސް، އިމްރާންގެ މަގާމުގައި ފައިސަލް ހުރުމަކީ އެންމެންނަށް ދިން ފިލާވަޅެކެވެ.