އިމްރާންގެ ތާއީދު ޓޮމްއަށް

ނިއުގެ ދަގަނޑޭ(ކ)، ކީޕަރު އިމްރާން(މ) އަދި އޮއްޕޮ(ވ)، އެފްއޭ ކަޕްގެ ތަށްޓާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްކަމަށް ކުރިމަތިލައްވާކަން އިއުލާންކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު (ޓޮމް)އަށް، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު ތާއީދުކޮށްފިއެވެ.

މީގެ ކުރިން ވެސް އެފްއޭއެމްގެ ރައީސްކަމުގެ މަގާމު އަދާކުރައްވާފައިވާ އަލުން ކުރިމަތިލައްވާކަން އިއުލާންކުރެއްވީ އިއްޔެ ކުރެއްވި ޓުވީޓެއްގައެވެ. އެ ޓުވީޓުގައި ޓޮމް ވިދާޅުވީ ފުޓްބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރުމުގައި ކުލަބުތަކާއި ފުޓްބޯޅަ ކޮމިއުނިޓީގެ އެހީތެރިކަން ދިނުމަށް އެދޭ ކަމަށެވެ.

ގައުމީ ޓީމުގެ ގޯލު 17 އަހަރުވަންދެން ބެލެހެއްޓި ކީޕަރު އިމްރާންގެ ތާއީދު ޓޮމްއަށް އޮތްކަން ހާމަކުރުމަށް އޭނާ ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ ޓޮމްގެ ނިންމެވުން ރަނގަޅު ކަމަށާއި ޓޮމްގެ ކިބައިގައި ކަންކުރެވޭނެ ގާބިލުކަމާއި ހުނަރު ހުންނާނެ ކަމާމެދު ސުވާލެއް ނެތް ކަމަށެވެ.

"ފުޓުބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމުގައި ކުލަބުތަކާއި ފުޓްބޯޅަ ކޮމިއުނިޓީގެ އެހީތެރިކަން ދެއްވުން އެދެން. އަޅުގަނޑުގެ ތާއީދާއި އެއްބާރުލުން ތާރިގަށް. ކާމިޔާބީއަށް އެދެން،" އިމްރާން ކުރި ޕޯސްޓުގައި ބުންޏެވެ.

ޓޮމް އަދި އިމްރާން ވެސް ނިސްބަތްވަނީ ފުޓުބޯޅައިގެ ރަށެއްގެ ގޮތުގައި އޮތް މަހިބަދޫއަށެވެ. ކުޅުންތެރިންގެ ގޮތުގައި ޓޮމް އާއި އިމްރާން ވަނީ ގައުމީ ޓީމުގެ އިތުރުން ކްލަބު ފެންވަރުގައި ވެސް އެކުގައި ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އެ ދެ ކުޅުންތެރިން ހިމެނެނީ މަހިބަދޫން އުފެދުނު އެންމެ މޮޅު ދެ ކުޅުންތެރިންގެ ގޮތުގައެވެ.

އަންނަ އަހަރު ބާއްވާ އެފްއޭއެމް އިންތިހާބުގައި ޓޮމް ވާދަކުރައްވާކަން އިއުލާންކުރެއްވި އިރު، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އެފްއޭއެމްގެ ރައީސްކަމަށް ގެނައުމަށް ވެސް ދާދިފަހުން ސޯޝަލް މީޑިއާގައި ވަނީ ކެމްޕޭނެއް ފަށައިފައެވެ. ދަގަނޑޭ އެފްއޭއެމްގެ ރައީސްގެ މަގާމަށް ޝައުގުވެރިވާކަން "ސަން"އަށް ވަނީ ކަށަވަރުވެސް ވެފައެވެ.

އެހެންކަމުން ކުރިއަށްއޮތް އެފްއޭއެމްގެ އިންތިހާބުގައި ޓޮމް އާއި ދަގަނޑޭގެ ކުރިމަތިލުމެއް ފެނުން އެކަށީގެންވެއެވެ. ނަމަވެސް ރަސްމީކޮށް ކުރިމަތިލާކަން ދަގަނޑޭ އަދި އިއުލާންކޮށްފައެއް ނުވެއެވެ.

ރާއްޖެއަށް ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ތައްޓެއް ހޯދައިދިނުމުގައި ޓޮމް އާއި ދަގަނޑޭ އަދި އިމްރާންގެ ދައުރު ފާހަގަކޮށްލެވެއެވެ. ސާފް ޗެމްޕިއަންޝިޕް 2008 ކާމިޔާބުކުރި އެ ޓީމު ފާހަގަވެގެން ގޮސްފައިވަނީ ރާއްޖޭގެ "ރަން ޓީމު"ގެ ގޮތުގައެވެ.

އެފްއޭއެމްގެ ރައީސްކަމުގެ މަގާމަށް މީގެ ކުރިން ޓޮމް އިންތިހާބުވީ ނަމަވެސް، ހިންގާ ކޮމިޓީގެ ހުރިހާ މެންބަރުން އިސްތިއުފާދިނުމާއެކު ޓޮމްއަށް އެ މަގާމު ގެއްލިގެންދިޔައެވެ. އޭރު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީއަކަށް ހުންނެވީ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

ބައްސާމް އެފްއޭއެމްގެ ރައީސްކަމަށް ފުރަތަމަ ފަހަރަށް 2016 ވަނަ އަހަރު އިންތިހާބުވީ ޓޮމްއާ ވާދަކޮށްގެންނެވެ.

އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި މިހާރު ހުންނެވި ބައްސާމް އެ މަގާމު އަދާކުރައްވާތާ މިހާރު ހަތް އަހަރުވާ އިރު، އޭނާއަށް ވަނީ ގިނަ ފާޑުކިޔުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އެފްއޭއެމްގެ ދަރަނީގެ މައްސަލަތަކާއެކު ކޮރަޕްޝަންގެ ތުހުމަތުތަކެއް ވެސް ވަނީ އަމާޒުވެފައެވެ.

އެފްއޭއެމަށް ގަވާއިދުން ލީގު ހިންގޭ ގޮތް ނުވުމުން އެކަމުގެ އަސަރު ގައުމީ ޓީމުން ވެސް ފެނެއެވެ. ދެކުނު އޭޝިއާގެ ދެވަނައަށް އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި އޮތުމަށްފަހު، މިހާރު ނޭޕާލް އަދި ބަންގުލަދޭޝް ފަދަ ޓީމުތަކާ ދެކޮޅަށް ނަތީޖާތައް ނެރުމަށް ވަނީ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައެވެ.

އެފްއޭއެމަށް ވަނީ އެ އިދާރާގެ މުވައްޒަފުންނަށް މުސާރަ ދެވޭ ގޮތް ވެސް ނުވެފައެވެ. އޭގެ އިތުރުން ކުރިން ގައުމީ ޓީމުގައި މަސައްކަތްކުރި ޓެކްނިކަލް މުވައްޒަފުންނަށް މުސާރަ ދީފައިނުވުމުން، ފީފާގައި ވެސް އެފްއޭއެމްގެ މައްސަލަތައް ކުރިއަށްދެއެވެ. އަދި ރާއްޖޭގެ ކޯޓުތަކުގައި ވެސް އެފްއޭއެމްގެ މައްސަލަތައް ކުރިއަށްދެއެވެ.

އެފްއޭއެމް ތެރޭގައި މައްސަލަތަކެއް ޖެހި، ދާދި ފަހުން ހިންގާ ކޮމިޓީގެ ދެ މެންބަރަކު ވެސް ވަނީ އިސްތިއުފާދީފައެވެ. އެއީ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ސީއީއޯ ހުސެއިން ޝާފިއު (ކޮއްކީ) އާއި ހިންގާ ކޮމިޓީގެ މެންބަރު އަދި ކްލަބު ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލް (މުއާބެ) އެވެ.

comment ކޮމެންޓް