ދިވެހިރާއްޖޭގެ އެންމެ ޝަރަފުވެރި މުބާރާތަކީ ގައުމީ މުބާރާތް: އިމްރާން

ފައިނަލް މެޗުގައި ޓީސީ ސްޕޯޓްސް ކްލަބު އަތުން 3-0 އިން މޮޅުވެގެން ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ ގައުމީ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން 12 ވަނަ ފަހަރަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ވަނީ ހޯދާފަ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދިވެހިރާއްޖޭގައި ބޭއްވޭ މުބާރާތްތަކުގެ ތެރެއިން އެންމެ ޝަރަފުވެރި މުބާރާތަކީ ގައުމީ މުބާރާތް ކަމަށް އެ މުބާރާތުގެ އެންމެ ގިނަ ކާމިޔާބުތައް ހޯދާފައިވާ އެއް ކުޅުންތެރިޔާ އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު ބުނެފިއެވެ.

ރާއްޖޭގެ ފުޓުބޯޅަ ސީޒަން ފެށުމަށް އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ ޕްރެޒިޑެންޓްސްކަޕެވެ. މިއީ 2017 ވަނަ އަހަރު އެ މުބާރާތް ބޭއްވިފަހުން ރާއްޖޭގެ ކުލަބުތަކުން މުބާރާތް ކުޅޭނެ ފުރަތަމަ ފަހަރެވެ.

ފުޓުބޯޅައިގައި ރާއްޖެއަށް ރަންވަނަތަކެއް ހޯދުމުގެ މަސައްކަތުގައި އިސް ރޯލެއް އަދާކުރި އިމްރާން ބުނެފައިވަނީ އޭނާގެ ނަޒަރުގައި ރާއްޖޭގައި ބޭއްވޭ ފުޓްބޯޅަ މުބާރާތްތަކުގެ ތެރެއިން އެންމެ ޝަރަފުވެރި މުބާރާތަކީ އަދިވެސް ގައުމީ މުބާރާތް ކަމަށެވެ.

"ދިވެހިރާއްޖޭގައި ބޭއްވޭ ފުޓުބޯޅަ މުބާރާތްތަކުގެ ތެރެއިން އަޅުގަނޑު ދެކޭގޮތުގައި އެންމެ ޝަރަފުވެރި މުބާރާތަކީ ގައުމީ މުބާރާތް. އެހެންވީމަ، ކުޅުންތެރިއެއްގެ ހައިސިއްޔަތުން އެ މުބާރާތް ކާމިޔާބު ކުރުމަކީ ކުޅުންތެރިޔަކަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއްއަދި ވަރަށް ބޮޑު ޝަރަފެއް" އިމްރާން ބުންޏެވެ.

ފީފާ ސެންޗަރީ ކުލަބަށް އެރި ހަމައެކަނި ރާއްޖޭގެ ކުޅުންތެރިޔާ ކަމަށްވާ އިމްރާން ބުނެފައިވަނީ މިހާތަނަށް އޭނާ ގައުމީ މުބާރާތުގެ 12 ތަށި ކާމިޔާބުކޮށްފައިވާއިރު، އެ ތަށި ކާމިޔާބު ކުރުމުގައި ލިބޭ ހިތްހަމަޖެހުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ކުރިން ނިއު އާއި ވިކްޓްރީ އަދި ވީބީއާ އެކު ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި އިމްރާން ބުނެފައިވަނީ އޭނާ ދެކޭގޮތުގައި ރާއްޖޭގައި ބޭއްވޭ ގައުމީ މުބާރާތުގެ ފޯރި އެހެން އަހަރުތަކަށް ވުރެ ވެސް ފޯރިގަދަވާނެ ކަމަށެވެ.

"އަޅުގަނޑު ދެކެނީ ދިވެހިރާއްޖޭގައި ފުޓުބޯޅައިގައި ގައުމީ މުބާރާތުގެ ފޯރި ގަދަވެ އަދި ތަށި ކާމިޔާބުކުރުމުގައި ޓީމުތަކުންނާއި ކުޅުންތެރިން ވަރަށް ބޮޑަށް މަސައްކަތް ކޮށް ރަނގަޅު ފެންވަރުގެ ފުޓުބޯޅައެއް ފެންނާނެ ކަމަށް،" އިމްރާން ބުންޏެވެ.

އެންމެ މަތީ ފެންވަރުގައި 20 އަހަރު ކުޅުމަށް ފަހު ފުޓްބޯޅަ ކެރިއަރު ނިންމާލިއިރު، ގައުމީ މުބާރާތުގައި އެންމެ ޑިމާންޑު ބޮޑު ކުޅުންތެރިޔާ އަކީ ވެސް އިމްރާނެވެ.

އެންމެ ފަހުން 2017 ވަނަ އަހަރުގައި އެ ކަޕް ބޭއްވި އިރު އެމުބާރާތުގެ ޗެމްޕިއަންކަން ނިއުރޭޑިއެންޓުން ހޯދީ އިމްރާނުގެ ކެޕްޓަން ކަމުގެ ދަށުގައެވެ. ނިއުރެޑިއެންޓަށް ޗެމްޕިއަންކަން ނަގައިދިނުމުގައި އިސް ރޯލެއް އަދާކުރީ ރާއްޖޭގެ އެންމެ އިތުބާރު ހިފޭ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) އަދި ހިތްވަރުގަދަ ގޯލް ކީޕަރެވެ.

އިމްރާންވަނީ ގައުމީ މުބާރާތުގެ ތަށި 12 ފަހަރަށް ނަގާ ރާއްޖޭގެ ރެކޯޑް ހަދާފައެވެ. އޭނާ ވަނީ ގައުމީ މުބާރާތްތަކުގެ އިތުރުން ވެސް ވަރަށް ގިނަ މުބާރާތްތަކުގައި ބައިވެރިވެ "އެންމެ މޮޅު ގޯލްކީޕަރު" ކަމުގެ މަގާމް ހޯދާފައެވެ.

އަދި އޭނާ ވަނީ ރާއްޖޭގެ އެންމެ ގިނަ ބައިނަލްއަގްވާމީ މުބާރާތް ކުޅުނު ކުޅުންތެރިޔާއަށްވެ ފީފާ ސެންޗަރީ ކުލަބުގައި ހިމެނި ރާއްޖޭގެ ރެކޯޑް ހަދާފައެވެ.

ގައުމީ ޓީމަށް ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްދިނުމުގައި ފައިނަލް މެޗުގައި އިންޑިއާ ޓީމުން އުފެއްދި ހަމަލާތައް ދިފާއު ކުރި ވަރުގަދަ ފަހުލަވާނަކީ ވެސް އިމްރާނެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ މި މަހު 15 ވަނަ ދުވަހު މާޒިޔާ އާއި ވެލެންސިއާ ބައްދަލުކުރާ އެފްއޭ ޗެރިޓީ ޝީލްޑް މެޗުންނެވެ.

މީގެ އިތުރުން، ރާއްޖޭގެ ޓީމުތައް އަންނަނީ ގައުމީ މުބާރާތަށް ވަަރަށް ގިނަ ތައްޔާރީތައް ވަމުންނެވެ. އެގޮތުން ބައެއް ކުލަބުތަކުން ޕްރެކްޓިސް ފަށާފައިވާއިރު ޓްރާންސްފާ މާކެޓުގައި ރާއްޖޭގެ ކުޅުންތެރިން އަންނަނީ އެކުލަބުތަކަށް ނަގަމުންނެވެ.

comment ކޮމެންޓް