ތަލަވަނީ ދިރިއުޅުމުގެ އާދަތައް ގެންގުޅޭ ގޮތުން، މި ކަންކަން ހުއްޓާލާ!؟

ފިރިހެނުންގެ 66 އިންސައްތަ މީހުންނަކީ، އުމުރުން 60 އަހަރު ވާ އިރު ބޮލުގެ އިސްތަށިކޮޅު ފައިބައި، ތަލަވެފައި ތިބޭ ބައެކެވެ. ބޯ ތަލަވުމަކީ އުމުރުން ދުވަސް ވުމުގެ ހެއްކެއްގެ ގޮތުގައި ފެންނަ ކަމެކެވެ. އަދި މިކަމަކީ ހަށިގަނޑުގެ އިމޭޖް ވަރަށް ނެގަޓިވް ގޮތެއްގައި އެހެން މީހުންނަށް ދައްކައިދޭ ކަމެކެވެ.

ނަމަވެސް ތަލަވުމަކީ ވެސް ހުއްޓުވިދާނެ ކަމެކެވެ. މިކަން ވަނީ ތިމާއަށް ކުރެވޭ ބައެއް ކަންކަމުން ކަމަށް ވެސް ވެދާނެ އެވެ. އެކަންކަން ކުރުން ހުއްޓާލުމާއެކު، ތަލަވުމުގެ މައްސަލައަށް ހައްލެއް ލިބިދާނެ އެވެ.

ނުބައި ޝޭމްޕޫއެއް ބޭނުންކުރެވެނީތަ؟ ފިރިހެނުންގެ ބޯ ތަލަވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ފިރިހެނުންގެ ހަށިގަނޑުގައި އުފެދޭ ޓެސްޓޮސްޓެރޯން ހޯމޯންގެ ތެރެއިން އަންނަ ޑިހައިޑްރޯޓެސްޓޮސްޓެރޯން (ޑީއެޗްޓީ) ނަމަކަށް ކިޔާ މާއްދާއެކެވެ. ޑީއެޗްޓީއަކީ ހަށިގަނޑުން އިސްތަށި ނުކުންނަ ތަންތަން ނުވަތަ "ހެއާ ފޮލިކްލްސް" ހަލާކު ކުރުވާ މާއްދާއެކެވެ. ޑީއެޗްޓީއާ "ހަނގުރާމަ" ކުރުމަށްޓަކައި ބޭނުންވަނީ "ކެޓަކޮނަޒޮލް" އެކުލެވޭ ޝޭމްޕޫއެކެވެ. ކެޓަކޮނަޒޮލްއަކީ އެންޓި-ފަންގަލް އޭޖެންޓެކެވެ. ޑީއެޗްޓީގެ ބާރު ދަށްކޮށްލައި، ހެއާ ފޮލިކްލްސްގެ ބާރު ގަދަ ކޮށްދެ އެވެ.

މާ ގިނައިން ހޫނުފެނުން ފެންވަރަނީތަ؟ ހޫނު ފެނަކީ ތިބާގެ ހަށިގަނޑާއި އިސްތަށިގަނޑުން ވެސް ފެން މަދުވާން (ޑީހައިޑްރޭޓް) ވާން މެދުވެރިވާ ކަމެކެވެ. ހޫނު ފެން ބޮލުގައި ޖެހުމުން، އިސްތަށިގަނޑު ރައްކާތެރިކޮށް ދިނުމަށް ބޮލުގައި ޤުދުރަތީ ގޮތުން ހުންނަ ތެޔޮ ފިލައިގެން ދެ އެވެ. އަދި ހޫނު ޖެހުމުން ބޮލުގެ އިސްތަށިގަނޑުގެ މޫތައް ހަލާކުވެ އެވެ. އެހެންކަމުން ހޫނު ފެނުން ފެންވެރުމުގެ ބަދަލުގައި، ތާފަނާ ފެނުން ފެންވަރާށެވެ.

މާ ބާރަށް ބޯ ހިއްކަނީތަ؟ ފެންވަރައި ނިމިގެން ގައިން ފެން ހިއްކާ އިރު، ބޮލުގެ އިސްތަށިގަނޑުގައި ހުރި ތެތްކަން ފިލުވުމަށް މާ ބާރަށް ބޮލުގައި ތުވާލި އުނގުޅައިލެވޭ ފަހަރުތައް އާދެ އެވެ. މިއީ ބޮލުގެ އިސްތަށިތައް ނެއްޓުމަށް މެދުވެރިވާ ކަމެކެވެ. ފެން ވެރުމަށް ފަހު މަޑު ތުވާއްޔަކުން، މަޑު މަޑުން ބޮލުގައި ހާކާލާށެވެ.

ތެލާއި ހަކުރުލީ ކާނާ މާ ގިނައިން ކެވެނީތަ؟ މީގެ ކުރިން ޓެސްޓޮސްޓެރޯނާއި ޑީއެޗްޓީގެ ވާހަކަ ވާނީ ލިޔެވިފަ އެވެ. މިއީ އިސްތަށިގަނޑު ފޭބުމަށް މެދުވެރިވާ ދެ ސަބަބެވެ. ތެލާއި ހަކުރުލީ ކާނާ އާއި، ހަށިގަނޑަށް ގެއްލުން ދެނެވި ކާނާ ކެއުމަކީ ޓެސްޓޮސްޓެރޯން ގިނަ އަދަދަކަށް އުފެދުމަށް މެދުވެރިވާ ކަމެކެވެ. ޓެސްޓޮސްޓެރޯނާއި އެކު ޑީއެޗްޓީ ވެސް ރިލީޒް ވާނެ އެވެ. މި މާއްދާ އުފެދުމުން ހެއާ ފޮލިކަލްސްގެ ވަރު ދެރަވެ، ބޮލުން އިސްތަށި ފައިބާން ފަށަ އެވެ. މީގެ ބަދަލުގައި ފެހިކަން ގަދަ ފަތާއި، ގްރީން ޓީ އާއި، ބިހާއި، މިފަދަ ކާނާ ކެއުން އިތުރު ކުރާށެވެ. މިތަކެތީގައި ގިނަ އަދަދަކަށް ވިޓަމިން ބީ އާއި ޒިންކް އާއި އަޔަން އަދި ޕްރޮޓީން ހިމެނެ އެވެ. އެހެންކަމުން އިސްތަށިގަނޑު ވެސް ވަރުގަދަ ކޮށްދޭނެ އެވެ.

މާ ގިނައިން އަވީގައި އުޅެވެނީތަ؟ އަތްވަށް ނުކުމެ މާ ގިނަ އިރު އުޅުމަކީ ވެސް އިސްތަށިގަނޑަށް ގެއްލުން ހުރި ކަމެކެވެ. ރަތްދައްކާ އަވީގައި ގިނަ ވަގުތު އުޅޭނަމަ ބޮލުގެ އިސްތަށިގަނޑުގެ ވަރު ދެރަވެ އެވެ. އިސްތަށީގެ ބޭރުގައި ހުންނަ ރައްކާތެރިކަމުގެ ފަށަލަ ނުވަތަ "ހެއާ ކިއުޓިކަލް" ބާރު ދަށްވެ އެވެ. އެ އާއެކު އިސްތަށި ފައިބަން މެދުވެރިވެ އެވެ. މިކަން ހައްލު ކުރުމަށް، އަތްވަށް ނުކުމެ އުޅޭ އިރު ތޮފި ފަދަ އެއްޗެއް އެޅުމަކީ ބުއްދިވެރި ގޮތެކެވެ.

comment ކޮމެންޓް