ނޭޕާލްގެ ކުރީގެ ރަސްގެފާނު އުޅުއްވާ ގަނޑުވަރުގެ ކަރަންޓު ބިލް ނުދައްކާތާ 8 އަހަރު!

ނޭޕާލްގެ ކުރީގެ ރަސްގެފާނު ގަޔަންދުރާ ޝާހް -- ފޮޓޯ: ރޮއިޓާސް

ކަތަމަންޑޫ (ޖެނުއަރީ 14): ނޭޕާލްގެ ކުރީގެ ރަސްގެފާނު ގަޔަންދުރާ ޝާހް އުޅުއްވާ ނަގަރްޖުނާ ގަނޑުވަރުގެ ކަރަންޓު ބިލް ނުދައްކާތާ އަށް އަހަރު ވެއްޖެ ކަމަށް އެގައުމުގެ އިލެކްޓްރިސިޓީ އޮތޯރިޓީ (އެންއީއޭ) އިން ބުނެފި އެވެ.

ނަގަރްޖޫނާ ޕެލަސްއަށް ރަސްގެފާނު ޝާހް ބަދަލުވެ ވަޑައިގެންނެވީ 2008 ވަނަ އަހަރު އެވެ. އަދި އެ ގަނޑުވަރަށް ކުރީގެ ރަސްގެފާނު ބަދަލުވެވަޑައިގަތް ފަހުން ގަނޑުވަރުގެ ކަރަންޓު ބިލް ދައްކާފައި ނުވާ ކަމަށް އެންއީއޭގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެންއީއޭގެ އެސިސްޓެންޓް ޑިރެކްޓަރު، މުކުންދާ މަން ޗިތްރަކާ ވިދާޅުވީ ކަރަންޓް ބިލުގެ ނޯޓިސް ތަކުރާރުކޮށް ނަގަރުޖުނާ ގަނޑުވަރަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެނޯޓިސްތަކަށް އެގަނޑުވަރުގެ މުވައްޒަފުން އިޖާބަދީފައި ނުވާ ކަމަށެވެ. އަދި އޭގެ ސަބަބުން ފާއިތުވި އަށް އަހަރު ތެރޭގައި އެންއީއޭ އަށް ހަތް މިލިއަން ރުޕީސްގެ ގެއްލުންވެފައިވާ ކަމަށް ޗިތްރާކާ ވިދާޅުވި އެވެ.

ނޭޕާލްގެ އިލެކްޓްރިސިޓީ އެކްޓުގައިވާ ގޮތުން، އެގައުމުގެ ރައްޔިތަކަށް ދެ މަސްވަންދެން ކަރަންޓު ބިލް ދައްކަން ނުކުޅެދިއްޖެ ނަމަ އެގެއެއްގެ ކަރަންޓު ކަނޑާލަންޖެހޭނެ އެވެ. އަދި ހަ މަސް ވަންދެން ބިލް ނުދައްކައިފި ނަމަ އެމީހެއްގެ ގެޔާއި ބިން ވިއްކުން މަނާކުރެވޭނެ އެވެ.

އިލެކްޓްރިސީ އެކްޓުގައިވާ ގޮތަށް އެންއީއޭ އިން އަމަލުކޮށްފައި ނުވަނީ ރަސްގެފާނު ޝާހުއަކީ މީގެ ކުރިން ގައުމުގެ އިސް ފަރާތަކަށް ވާތީއާއި ގިނަ ބަޔެއްގެ އިހުތިރާމް ލިބިވަޑައިގެންފައިވާ ފަރާތަކަށް ވާތީ ކަމަށް ޗިތްރާކާ ވިދާޅުވި އެވެ.

ނޭޕާލަކީ ޖުމްހޫރިއްޔާ އެއްކަމަށް ކަނޑައެޅުމަށް ފަހު އެގައުމުގެ ސަރުކާރުން ވަނީ ޝާހީ ގަނޑުވަރުތައް ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. އެހެންކަމުން، ނަގަރުޖުނާ ގަނޑުވަރުގެ ބިލުތައް ވެސް ދައްކަން ޖެހޭނީ ބޮޑު ވަޒީރުގެ އޮފީހުން ކަމަށް އެގަނޑުވަރުގެ މުވައްޒަފުން ބުނެ އެވެ.

އެންއީއޭ އިން މިހާރު ވަނީ އެމައްސަލަ ބޮޑު ވަޒީރުގެ އޮފީހަށް ހުށަހަޅާފަ އެވެ. (ޒީނިއުސް)



ގުޅޭ ޓެގު
comment ކޮމެންޓް