ބަންގުބަންދު ގޯލްޑްކަޕުގައި މިދިޔަ ހޯމަ ދުވަހު ކެމްބޯޑިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ގައުމީ ޓީމުގެ ކީޕަރު މުޙައްމަދު ފައިސަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމެޖެހުމެއް ކަމަށް ގައުމީ ޓީމުގެ ފިޒީޝަން އަހްމަދު ޝަކީބު (ޑޮކް) ވިދާޅުވެއްޖެ އެވެ.
އަނިޔާގައި އަހަރަކަށްވުރެ ގިނަ ދުވަސް ހޭދަ ކުރުމަށްފަހު ފުރަތަމަ ކުޅުނު މެޗުގައި ފެނުނު ޕާފޯމަންސާ ބެހޭ ގޮތުން ސުވާލު ކުރުމުން އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ވައިސް ޗެއާމަންކަން ވެސް ކުރަމުންގެންދާ ޝަކީބު ވިދާޅުވީ މެޗުގައި ފައިސަލްގެ ފަރާތުން ފެނުނު ޕާފޯމަންސާ މެދު ކޯޗު ވެސް ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.
"ފައިސަލްގެ ސާޖަރީ ކުރީ ޑރ. ޙުސައިން ޝަކީލު. ފައިސަލްގެ ރިހިބިލިޓޭޝަން ޕްރޮގްރާމް ކުރިއަށް ގެންދިޔައީ. އަޅުގަނޑުގެ ބެލުމުގެ ދަށުން. އެހެންވެ ފައިސަލްގެ ފަރާތުން ރަނގަޅު ޕާފޯމަންސެއް ފެނުމުން ވަރަށް ބޮޑަށް ހިތްހަމަޖެހުނު،" ޝަކީބު ވިދާޅުވިއެވެ.
ޑޮކް ވިދާޅުވީ އަނިޔާއަށްފަހު ރިކަވާވުމަށް ހޭދަވި މުއްދަތުގައި ފައިސަލްގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ އެހެން ކުޅުންތެރިންނަށް ނަމުނާއެއް ކަމަށެވެ.
ފައިސަލް ވަނީ އަނިޔާއިން ރިކަވާ ވުމަށްފަހު ކުޅުނު ފުރަތަމަ މެޗަށްފަހު، އަލުން ދަނޑަށް ނުކުތުމުގައި ޑރ. ޝަކީލްއާ ޝަކީބުގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކޮށްފަ އެވެ.
ފައިސަލް އަލުން ދަނޑަށް ނުކުތުމުން ގައުމީ ޓީމުގެ އެއް ވަނަ ކީޕަރު ޢިމްރާން މުޙައްމަދު ވެސް ވަނީ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް ބުނެފަ އެވެ.
ބަންގުބަންދު ގޯލްޑްކަޕްގައި ގައުމީ ޓީމު ދެން ކުޅޭ މެޗްގައި މާދަމާ ބައްދަލު ކުރާނީ ބަންގުލަދޭޝްގެ 23 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅާށެވެ.
އެ މެޗް އޮންނާނީ ރާއްޖޭ ގަޑިން މާދަމާ 5:30 ގަ އެވެ.