ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް ހަމަޖެއްސެވި އަބްދުﷲ ދީދީ އަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވައިފި އެވެ.
މިއަދު މެންދުރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ބޭއްވި ރަސްމިއްޔާތެއްގައި އޭނާ އަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ޖޭއެސްސީގެ ނައިބު ރައީސް މުހައްމަދު ފައިސަލެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޖޭއެސްސީގެ ބައެއް މެމްބަރުންނާއި ހައިކޯޓުގެ ފަނޑިޔާރު ސުޖާއު އުސްމާނާއި އަބްދުﷲ ހަމީދާއި އަބްދުއްރައޫފް އިބްރާހީމް ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އަބްދުﷲ ދީދީ އަކީ ކުރިން ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރެއްވި ފަނޑިޔާރެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް ހިންގި ތިން ފަނޑިޔާރުންގެ ބެންޗުގެ ރިސާޔަތު ބަލަހައްޓާފައި ވަނީ ވެސް އޭނާ އެވެ.
ހައިކޯޓުގެ އިސްފަނޑިޔާރުގެ މަގާމުގައި ކުރިން ހުންނެވީ އަހްމަދު ޝަރީފް އަލީ އެވެ. ނަމަވެސް އޭނާގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވުމުން ޖޭއެސްސީން ވަނީ އޭނާ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް މިމަހުގެ ހަތް ވަނަ ދުވަހު އަބްދުﷲ ދީދީ ހަމަޖައްސާފައި ވަނީ އެ މަގާމު ހުސްކޮށް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ.