ޕާޕާ ބަންދުކޮށްފައި ވަނީ ރަނގަޅަށްތޯ ބަލަން ކޯޓަށް ދިއުމަށް ޕީޖީގައި އެދިއްޖެ

ކާނަލް އަހުމަދު ފަޔާޒް (ޕާޕާ): ބަޑި ގުދަން ހިންގުމުގެ ވެރިޔާގެ މަގާމުން ވަނީ ދުރުކޮށްފައި-- ސަން ފައިލް ފޮޓޯ

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއަށްފަހު ބަންޑާރަކޮށީގައި ކާނަލް އަހްމަދު ފަޔާޒު އަލީ ރިޒާ ބަންދުކޮށްފައި ވަނީ ރަނގަޅަށްތޯ ކަނޑައަޅައިދިނުމަށް ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅައިދިނުމަށް އޭނާގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި އެދިވަޑައިގެންފި އެވެ.

މަހުފޫޒު މިރޭ ސަން އަށް ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލްގެ އަރިހުން އެގޮތަށް އެދިވަޑައިގެންފައި ވަނީ މިއަދު ޕީޖީ އޮފީހަށް ފޮނުވި ސިޓީއެއްގައި ކަމަށެވެ.

މަހުފޫޒު ވިދާޅުވީ ކާނަލް ފަޔާޒު ބަންދުން ދޫކޮށްދިނުމަށް އަމުރުކޮށްދިނުމަށް އޭނާ ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅުމުން ކާނަލް ފަޔާޒު ސިފައިންގެ އެއްވެސް މަރުކަޒެއްގައި ބަންދުކޮށްފައި ނުވާ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވި ކަމަށެވެ. އަދި އެ ސިޓީގެ މައްޗަށް ބިނާކޮށް އެ މައްސަލަ ކްރިމިނަލް ކޯޓުން ބަލައި ނުގަތް ކަމަށް މަހުފޫޒު ވިދާޅުވި އެވެ.

"އެ އެންގެވުމާ ގުޅިގެން ކްރިމިނަލް ކޯޓުން އެ މައްސަލަ ބެލޭނޭ ތަނެއް ނެތް ކަމަށް އެ ކޯޓުގެ ރަޖިސްޓްރާ ކަނޑައަޅުއްވާފައި ވާތީ، އެ ނިންމުން މުރާޖައާ ކޮށްދެއްވުމަށް އެދި ކްރިމިނަލް ކޯޓަށް އަޅުގަނޑު މައްސަލަ ހުށަހެޅިން. ނަމަވެސް އެ މައްސަލައާ ގުޅޭ ގޮތުން މިހާތަނަށް ޖަވާބެއް ލިބިފައި ނުވާތީ ޕްރޮސކިއުޓާ ޖެނެރަލަށް އަޅުގަނޑު ފޮނުވި ސިޓީގައި އެކަން ފާހަގަކޮށްފައި ވާނެ،" މަހުފޫޒު ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓްރީން އެހެން ބުނި ނަމަވެސް ކާނަލް ފަޔާޒުގެ އާއިލާއަށް އޭނާއާ ފޯނުން ވާހަކަ ދެއްކެވީ ޑިފެންސް މިނިސްޓްރީ އިން ބުނާ ނަންބަރަކަށް އެސްއެމްއެސް ކުރުމުން ކަމަށް ވެސް މަހުފޫޒު ވިދާޅުވި އެވެ.

ޕީޖީގެ ކައިބައިން އެގޮތަށް އެދިވަޑައިގަތީ ކީއްވެގެންތޯ ދެންނެވުމުން މަހުފޫޒު ވިދާޅުވީ ޝަރީއަތަށް މައްސަލަ ހުށަހެޅުމުގެ ކުރީގައި މީހަކު ހައްޔަރުކޮށް ނުވަތަ ބަންދުކޮށް، ނުވަތަ އެނޫން ވެސް ގޮތަކުން މީހެއްގެ މިނިވަންކަން ހިފެހެއްޓޭނޭ ހާލަތްތަކާއި ޝަރުތުތައް މުޠާލިއާކުރުމާއި، މުރާޖަޢާކުރަމުން ގެންދިއުމާއި، އެ އުސުލުތަކާ އެއްގޮތަށް އަމަލުކުރަމުން ގެންދޭތޯ ބެއްލެވުމަކީ ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ބ) ގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތެއް ކަމަށެވެ.

"ގާނޫނުއަސާސީގެ އެންމެހައި ހަމަތަކާއި، ގާނޫނާއި، އެންމެހައި ފަރުދުންގެ މިނިވަންކަން ނެގެހެއްޓުމަކީވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތެއް،" މަހުފޫޒު ވިދާޅުވިއެވެ.

comment ކޮމެންޓް