ޑާކާ (ޖެނުއަރީ 7): ބަންގްލަދޭޝްގެ އެންމެ ބޮޑު އިސްލާމީ ޕާޓީކަމަށްވާ ޖަމާއަތުލް އިސްލާމީ ޕާޓީގެ ލީޑަރު، މުތީއުއް ރަހްމާން ނިޒާމީގެ މައްޗަށް ކުރި މަރުގެ ހުކުމް އެގައުމުގެ ސުޕްރީމް ކޯޓުން އިއްޔެ ދަމަހައްޓައިފި އެވެ.
ނިޒާމީގެ މައްޗަށް މަރުގެ ހުކުމް ކޮށްފައި ވަނީ 1971 ވަނަ އަހަރު ބަންގްލަދޭޝްގެ މިނިވަންކަމަށް ކުރި ހަނގުރާމާގައި ހިންގާފައިވާ ޖަރީމާތަކެއް އޭނާގެ މައްޗަށް ސާބިތުވުމުންނެވެ. އެ ހަނގުރާމައިގައި ހިނގައި ދިޔަ ޖަރީމާތައް ތަހުގީގު ކުރުމަށް އުފެއްދި ހާއްސަ ޓުރައިބިއުނަލް އަކުން ނިޒާމީގެ މައްޗަށް ކުރި ދައުވާތަކުގެ ތެރޭގައި ރޭޕްކުރުމާއި، އަނިޔާކުރުމާއި، މީހުން މެރުން ހިމެނެ އެވެ.
އިއްޔެ ސުޕްރީމް ކޯޓުން ވަނީ އޭނާގެ މައްޗަށް 2014 ވަނަ އަހަރު ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރުމަށް ދެކޮޅުހަދައިފަ އެވެ.
ހަނގުރާމައިގައި އަނިޔާ ލިބުނު އާއިލާތަކަށް އިންސާފު ހޯދައި ދިނުމަށް ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިހް ހަސީނާ އުފެއްދެވި އެ ޓުރައިބިއުނަލް އިން މަރަށް ހުކުމް ކޮށްފައިވާ ގިނަ މީހުންނަކީ ވެރިކަން ކުރާ ޕާޓީއާ އިދިކޮޅު ފަރާތްތަކެވެ. އޭގެ ތެރެއިން ޖަމާއަތުލް އިސްލާމީގެ ތިން އިސް ލީޑަރުންނާއި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީގެ އެއް މެމްބަރެއްގެ މައްޗަށް އެގައުމުން ވަނީ މަރުގެ ހުކުމް ތަންފީޒުކޮށްފަ އެވެ.
އިންސާނީ ހައްގުތަކާ ބެހޭ ޖަމްއިއްޔާތަކުން ވަނީ އެމީހުންނަށް ހުކުމް ކޮށްފައި ވަނީ ބައިނަލްއަގުވާމީ މިންގަނޑަށް ފެތޭގޮތައް ނޫންކަމަށް ބުނެ، މަރުގެ ހުކުމް ތަންފީޒުކުރުން މެދުކަނޑާލުމަށް ގޮވާލާފަ އެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި އެ ހުކުމްތައް ކޮށްފައި ސިޔާސީ މަގުސަދަށް ޓަކަ އެވެ. ޝެއިހް ހަސީނާ ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ.