މިދިޔަ އަހަރު ކިޔެވުން މެދުކަނޑާލާފައި އޮތް ވިލިމާލޭ ޕްރީސުކޫލްގެ ކިޔެވުން މި އަހަރު ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު މަރިޔަމް ސަނާ "ސަން"އަށް މިއަދު ވިދާޅުވީ، ވިލިމާލޭ ޕްރީސުކޫލް ހިންގުމަށް ބަޔަކާ ހަވާލު ކުރުމަށް ބިޑު ކުރުމުގެ އެންމެ ފަހުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
"ކުރިއަށް އޮތް ދެތިން ދުވަސްތެރޭގައި ސުކޫލް ހިންގުން ބަޔަކާ ހަވާލު ކުރެވޭނެ ކަމަށް މި ބެލެވެނީ. މި އަހަރު ސުކޫލްތައް ހުޅުވޭ އިރު އެހާ ތަނަށް މި ޕްރީސުކޫލް ވެސް ހުޅުވިގެން ދާނެ،" ސަނާ ވިދާޅުވި އެވެ.
"ގަލަމް ޕްރީސުކޫލް"ގެ ނަމުގައި ކުރިން ހިންގަމުންދިޔަ އެ ސުކޫލްގެ ކިޔެވުން ހުއްޓާލާފައި ވަނީ އޭރު އެ ސުކޫލް ހިންގަމުން ދިޔަ އެޑިޔު އޮޕްޝަންސް ޕްރައިވެޓް ލިމިޓެޑާއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުން އުވާލުމާ ގުޅިގެންނެވެ.
އެ އެއްބަސްވުން އުވާލުމަށްފަހު ސަރުކާރުން ވަނީ އެ ސުކޫލްގެ ކިޔެވުން ވަގުތީ ގޮތުން ވިލިމާލެ މުހިއްޔުއްދީން ސުކޫލަށް ބަދަލިކޮށްފަ އެވެ.
އެއްބަސްވުން އުވާލުމާ ގުޅިގެން އެޑިޔު އޮޕްޝަންސް ޕްރައިވެޓް ލިމިޓެޑުން ވަނީ އެ މައްސަލަ ކޯޓަށް ވެސް ހުށައަޅާފައެވެ.
ނަމަވެސް ސަރުކާރުން އެ އެއްބަސްވުން އުވާލީ ރަނގަޅަށް ކަމަށް ހައިކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.