މާލޭގައި އެންމެންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ބަޖިޔާ ކަމަށްވާ "ހުސްނޫގޭ ބަޖިޔާ" ގެ ބާނީ ޒަހުރާ ޔޫސުފް މިއަދު ހެނދުނު ނިޔާވެއްޖެ އެވެ.
އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ޒަހުރާ ނިޔާވެފައިވާއިރު އުމުރަކީ 78 އަހަރެވެ.
ހުސްނޫގޭ ބަޖިޔާ އަކީ އެންމެންގެވެސް މަގުބޫލުކަން ހޯދާފައިވާ ބަޖިޔާ އެކެވެ. މިހާރު ޒަހުރާގެ ރެސިޕީ ބޭނުންކޮށްގެން ހަމަ އެރަހައިގައި ބަޖިޔާ ތައްޔާރު ކުރަމުން ދަނީ އޭނާގެ ކުދިންނެވެ.
ބަޖިޔާ ގަތުމަށް ހަވީރު ތިނަކުން ފެށިގެން ގިނަ އަދަދެއްގެ ބަޔަކު ކޮންމެ ދުވަހަކުވެސް ހުސްނޫގޭ ބަޖިޔާ ވިއްކާ ގޭ ކައިރި މަޖީދީ މަގުގައި ކިއުޖެހެ އެވެ. ކޮންމެ މީހަކުވެސް ދެކޭގޮތުން އެ ބަޖިޔާއަކީ ގިނަ އިރުމަޑުކޮށްގެންވެސް ކާލުމަށް އެކަށީގެންވާ ރަހައެއްދޭ މީރު ބަޖިޔާ އެކެވެ.