މެންޗަސްޓާ ޔުނައިޓެޑުން އިޓަލީގެ ލާޒިއޯ އަށް ކުޅެމުން އަންނަ ފޯވާޑް ފިލިޕޭ އެންޑަސަން ގެނައުމުގެ މަސަތްކަތް ފަށައިފި އެވެ.
އިނގިރޭސި ވިލާތުގެ ދަ ސަން އިން ރިޕޯޓް ކުރި ގޮތުގައި ބްރެޒިލްގެ ޒުވާން ފޯވާޑް އެންޑަސަން ޔުނައިޓެޑަށް ގެނައުމަށް ލާޒިއޯ އާ އެކު ވާހަކަ ދެއްކުމަށް ޔުނައިޓެޑްގެ ޗީފް އެގްޒެކްޓިވް އިޓަލީގެ ރޯމާއަށް ގޮސްފައިވާ ކަމަށާއި އެ ކުލަބުން 35 މިލިއަން ޕައުންޑް ލާޒިއޯ އަށް ހުށަހެޅުމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ.
އުމުރުން 22 އަހަރުގެ އެންޑަސަން ލާޒިއޯ އާއި އެކު ހަދާފައިވާ އެއްބަސްވުން 2017ގެ ނިޔަލަށް ހަމަވާ އިރު ލީގްގައި އެ ޓީމުން ކުޅުނު 13 މެޗުގައި އޭނާ ވަނީ ފަސް ގޯލް ކާމިޔާބް ކޮށްދީފަ އެވެ.
މިސީޒަނުގައި ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް މޮޅެއް ލިބިފައިނުވާ އިރު އެ ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ލަނޑު ނުޖެހުން ކަމަށް އެ ޓީމުގެ ކޯޗް ލުއިސް ވެން ހާލް ވަނީ ދާދި ފަހުން ބުނެފަ އެވެ. އެހެން ނަމަވެސް ވެން ހާލް ކޯޗު ކަމުން ވަކުކުރުމުގު އަޑު ވެސް ވަނީ ގަދަ ވެފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގްގައި އެންމެ ގިނަ ފަހަރު ލީގް ހޯދާފައިވާ އެންމެ ކާމިޔާބް ޓީމު ގޮތުގައި ބެލެވޭ ޔުނައިޓެޑް މިސީޒަނުގެއި ނެރެމުން އަންނަ ދަށް ނަތީޖާތަކާއި އެކީ އެ ޓީމް އޮތީ ތާވަލުގެ ހަ ވަނާގައި 30 ޕޮއިންޓާއި އެކީގަ އެވެ.