ޓުރިވެންޑްރަމަށް އަންނަ ދިވެހީން ކޮންސިއުލޭޓްގައި ރަޖިސްޓްރީ ވުމަށް އެދިއްޖެ

އިންޑިއާގެ ޓްރިވެންޑްރަމުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީހުގެ ކޮންސުލް އަލީ އާދަމް -- ސަން ފޮޓޯ: ފަޔާޒު މޫސާ

ޓުރިވެންޑްރަމުން: އަހުމަދު މުޖުތަބާ

ޓްރިވެންޑްރަމް، އިންޑިއާ (30 ޑިސެމްބަރު) - އެކިއެކި ބޭނުންތަކުގައި އިންޑިއާގެ ޓްރިވެންޑްރަމަށް އަންނަ ދިވެހީން، އެ ފަރާތްތަކުގެ މައުލޫމާތު ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮސިއުލޭޓާ ހިއްސާކޮށް އެތަނުގައި ރަޖިސްޓްރީ ވުމަށް އެ ކޮންސިއުލޭޓުން އެދިއްޖެއެވެ.

މިހާރު ޓްރިވެންޑްރަމްގައި ކުރިއަށްދާ ސާފް ސުޒުކީ ކަޕް ކަވަރުކުރުމަށް، އިންޑިއާގައި ހަރަކާތްތެރިވަމުންދާ ދިވެހި ނޫސްވެރީންނާ ބައްދަލުކުރައްވައި، ކޮންސުލް އަލީ އާދަމް (އަލިބެ) ވިދާޅުވީ، ދިވެހީންގެ ގިނަ ބަޔަކު ޓްރިވެންޑްރަމަށް ޒިޔާރާތްކުރަމުން ދާއިރު، އެފަރާތްތަކުގެ މައުލޫމާތު ކޮންސިއުލޭޓް އޮފީހަށް އެނގިފައި އޮތުމަކީ އެފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޭނުންތެރި، މުހިއްމު ކަމެއް ކަމަށެވެ.

"ޓްރިވެންޑްރަމްގައި ވަރަށް ގިނަ އަދަދެއްގެ ދިވެހީން އެބަ ދިރިއުޅުއްވާ. އަދި ކޮންމެ ދުވަހަކުހެން އެތައް ދިވެހީންނެއް މިތަނަށް އައިސް ގޮސް އެބަ އުޅުއްވާ. އެހެން އުޅުއްވުމުގެ ތެރޭގައި ބައެއްފަހަރު ހިތާމަވެރި ހާދިސާތައް ނުވަތަ ބައެއްފަހަރު ބޮޑެތި މައްސަލަތައްވެސް މެދުވެރިވެފައި އެބަހުރި. އަޅުގަނޑުމެން ބޭނުން މިތަނަށް ވަޑައިގަންވާ ހުރިހާ ދިވެހީންނަށް ވެސް ޚިދުމަތް ފޯރުކޮށްދޭން،" އަލިބެ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޓްރިވެންޑްރަމްގައި ހުންނަ "ފޮރެއިނާސް ރީޖަނަލް ރެޖިސްޓްރޭޝަން އޮފީސް" (އެފްއާރްއާރްއޯ)ގައި ރެޖިސްޓްރީވެފައިވާ 2000 އަށްވުރެ ގިނަމީހުން ޓްރިވެންޑްރަމްގައި ދިރިއުޅޭއިރު، އޭގޭތެރޭން ކޮންސިއުލޭޓްގައި ރަޖިސްޓްރީވެފައި ވަނީ އެންމެ 460 މީހުންކަމަށެވެ.

"އެކިއެކި ބޭނުންތަކުގައި ޓްރިވެންޑްރަމަށް އައިސް އުޅޭ ދިވެހީންގެ އަދަދު ގާތްގަނޑަކަށް 7000 އަށްވުރެ އިތުރުވާނޭ ކަމަށް ބެލެވޭ. އެކަމަކު އޭގެތެރެއިން 460 ބޭފުޅުން ކޮންސިއުލޭޓްގައި ރަޖިސްޓްރީވެފައި ތިއްބެވީ،" އަލިބެ ވިދާޅުވިއެވެ.

އިންޑިއާއަށް އަންނައިރު، އެމީހަކު ހުންނަ އެޑްރެހަކާއި އަންނަ ބޭނުން އިންޑިއާގެ އިމިގްރޭޝަނާ ހިއްސާކުރާން ޖެހެއެވެ. އެމީހަކު ހުންނަނީ ގެސްޓްހައުސްއެއްގައި ކަމަށް ވިޔަސް ނުވަތަ ރައްޓެއްސަކު ކައިރީގައި ކަމަށްވިޔަސް އަދި އަމިއްލައަށް ހިފާފައިވާ ތަނެއްގައި ކަމަށް ވިޔަސް އެ މައުލޫމާތު، ސީ-ފޯމް މެދުވެރިކޮށް އިމިގްރޭޝަނަށް ހުށަހަޅާން ޖެހެއެވެ.

"ގެސްޓްހައުސް ނުވަތަ އެޕާޓްމަންޓް ކުއްޔަށް ދޫކުރާ ފަރާތްތަކުން ބައެއްފަހަރު، ފީއެއް ނަގައިގެން އެ ފޯމް ފުރުމުގެ މަސައްކަތް ކުރޭ. އެކަމަކު، އިންޑިއާއަށް ވަޑައިގަންނަވާއިރު، އަޅުގަނޑުމެންނަށް އެ މައުލޫމާތު ހިއްސާކުރެއްވުމުން، މިތަނުން އެ ފޯމް ހަމަ ހިލޭ ފުރާދޭނެ އިނގޭތޯ،" އަލިބެ ވިދާޅުވިއެވެ.

އިންޑިއާގެ ޓްރިވެންޑްރަމުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓްގައި މިއަދު ނޫސްވެރީންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒު މޫސާ

"މިތަނަށް ވަޑައިގެން އުޅުއްވާ ދިވެއްސަކަށް މައްސަލައެއް ކުރިމަތިވާހިނދު އެކަމާ އުޅެން މިތިބީ ހަމަ އަޅުގަނޑުމެން. މާލޭގައި ތިއްބަވާ އެ ބޭފުޅުންގެ އާއިލާއިން ގުޅުއްވާނީ، ފޮރިން މިނިސްޓްރީއަށް، މިނިސްޓްރީން ގުޅުއްވާނީ އަޅުގަނޑުމެންނަށް. އެހެންކަމުން މިކޮޅަށް އެގޮތަށް ވަޑައިގަންނަވާ، ނުވަތަ މިތަނުގައި ދިރިއުޅުއްވާ ބޭފުޅުންގެ މައުލޫމާތު ކޮންސިއުލޭޓާ ހިއްސާކުރައްވާފައި ވާނަމަ، އެފަދަ ހާލަތެއްގައި އަޅުގަނޑުމެންނަށް ވަރަށް ފަސޭހަވާނެ ދެއްތޯ އެބޭފުޅުންނާ ކޮންޓެކްޓް ކުރަން. ނުވަތަ އެ ދީފައިވާ އެޑްރެހަކަށް ދާން،" ކޮންސިއުލޭޓްގައި ރަޖިސްޓްރީ ވުމުގެ މުހިއްމުކަން ފާހަގަކުރައްވަމުން އަލިބެ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޗެންނާއީގައި ހިނގި ފެންބޮޑުވުމުގެ ހާދިސާގައި، އެތަނުގައި އުޅޭ ދިވެހީންގެ ގިނަބަޔަކަށް ވެސް އޭގެ ދޭނެވޭ އަސަރު ކުރި ކަމަށާއި އަދި އެފަރާތްތަކާ "ކޮންޓެކްޓް"ކުރުމަށް ބޮޑެތި ދަތިތަކަކާ ދިމާވި ކަމަށެވެ.

"އަޅުގަނޑުމެންނަށް ރިޕޯޓްކުރެއްވި 67 ފަރާތެއް. އޭގެތެރޭން 63 ފަރާތަކާ އަޅުގަނޑު އެތަނަށް ގޮސް ބައްދަލުކުރިން. އެކަމަކު އަޅުގަނޑުމެންނަށް އެބޭފުޅުން ތިއްބެވި ތަންތަނާއި އަދި ގުޅޭނޭ ނަންބަރެއް ނެތުމުން ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވި،" އަލިބެ ވިދާޅުވިއެވެ.

ދުނިޔޭގެ އެހެނިހެން ގައުމުތަކުގެ ރައްޔިތުންވެސް، ބޭރުގެ ގައުމުތަކަށް އެކި ކަންކަމުގައި ޒިޔާރާތްކުރާއިރު، އެމީހުން އެތަނަކަށް ދާ ބޭނުމަކާއި، ތިބޭނޭ ތަނެއް ދުރާލައި ހަމަޖައްސައެވެ. އެގޮތުން މިޒަމާނަކީ، އޮންލައިން ބުކިން ހެދުމާއި، އަދި އޮންލައިންކޮށް، ގިނަ ޚިދުމަތްތަކެއް ލިބެންހުރި ޒަމާނަކަށް ވާއިރު، އެފަދަ ވަސީލަތްތަކުގެ ބޭނުން ދިވެހީންވެސް ފުރިހަމަ ގޮތުގައި ހިފުމަށާއި އަދި ކަމާބެހޭ ފަރާތްތަކާ ވީހާވެސް ގާތުން މަސައްކަތްކުރުމަށް ކޮންސުލް އިލްތިމާސްކުރެއްވިއެވެ.

މިއަދުގެ އެ ބައްދަލުވުމުގައި ކޮންސުލް އަލީ އާދަމްގެ އިތުރުން، ޑެޕިއުޓީ ކޮންސުލް ޖާދުﷲ ހުސައިން ތައުފީގާއި، ފަސްޓް ސެކްރެޓަރީ އާމިނަތު އަބްދުﷲ ދީދީއާއި ތާޑް ސެކްރެޓަރީ އަލީ ފިރުޝާން ބައިވެރިވެވަޑައިގަތެވެ.

comment ކޮމެންޓް