ޓްރިވެންޑްރަމް، އިންޑިއާ (30 ޑިސެމްބަރު) - ދިވެހި ޕާސްޕޯޓެއް އޮތަސް އަދި ދިވެހި މަންމައަކާއި ބައްޕައަކަށް އުފަންވިޔަސް، ފުރިހަމަ ދިވެއްސަކަށް ވުމަށް ތިމާގެ ކިބައިގައި ޝަރުތުތަކެއް ފުރިހަމަވާން ޖެހެ އެވެ. އެއީ ގައުމީ ވަންތަކަމާއި ދިވެހީން އެކަމަކަށް އެންމެ ބޮޑަށް ފަޚުރުވެރިވާ އިސްލާމީ ވަންތަކަމެވެ. އެހެންކަމުން އިސްލާމީ، އަދި ދިވެހީންގެ ރިވެތި އާދަތަކާއި ސަގާފަތާއެކު ދިވެހި ދަރީން ބޮޑުކުރުމަކީ މައިންބަފައިންނާއި ދައުލަތުގެ ވެސް އެންމެ އިސް ވާޖިބުކަމުގައި ދިވެހީން ދެކެ އެވެ. ބަހުގެ އަދަބާއި ދީނީ ތަރުބިއްޔަތަކީ ދިވެހި ދަރިއަކު ބޮޑުވަމުން އަންނައިރު، އެކުއްޖާއަށް ކޮންމެހެން ވެސް ހޯދައިދޭން ޖެހޭ އެއްޗެކެވެ.
އިންޑީއާ އަކީ ޒަމާނުއްސުރެ، ދިވެހީން އެންމެ ގިނައިން ބޭސްފަރުވާއަށާއި އަދި އެނޫންވެސް ގިނަ ކަންކަމުގައި އައިސްއުޅޭ ތަނެކެވެ. އެގޮތުން ސްރީ ލަންކާ ފިޔަވައި ގައުމުން ބޭރުގައި ދިވެހީންގެ އެންމެ ބޮޑު އާބާދީއެެއް ދިރިއުޅެމުން އަންނަ ތަނަކީ އިންޑިއާގެ ޓްރިވެންޑްރަމެވެ. ދަރީންނަށް ތައުލީމު ހޯދައިދިނުމަށާއި، އަދި އެނޫންވެސް ބޭނުންތަކުގައި މިހާރު ޓުރިވެންޑްރަމްގައި ދިރިއުޅޭ ދިވެހި އާބާދީ 8000 އަށްވުރެ މަދެއް ނުވާނެއެވެ. އެތަނުގެ 15 ވަރަކަށް ސްކޫލްގައި ޕްރައިމަރީ އަދި ސެކަންޑްރީ ލެވެލްގައި ދިވެހި ދަރިވަރުން ކިޔަވަމުންދެ އެވެ.
ރާއްޖޭން ބޭރުގައި ދިވެހީންގެ ބޮޑެތި އާބާދީތައް ދިރިއުޅޭ ގައުމުތަކުގައި، ދިވެހި ދަރީންނަށް ދިވެހި ބަހާއި ދިވެހި އާދަކާދައާއި ސަގާފަތުގެ އިތުރުން އިސްލާމީ ތަރުބިއްޔަތު ދެވޭނޭ މަގު ފަހިކޮށްދިނުމަކީ އަދުގެ ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއްދީގެން ކުރަމުން ސަރުކާރުން ވަނީ ބުނެފަ އެވެ. އެގޮތުން ގައުމުން ބޭރުގައި ދިވެހީންގެ އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ ސްރީ ލަންކާގެ ކޮލަމްބޯގައި ރާއްޖޭގެ ކުރީގެ އެމްބަސީ ހިންގި ހިމާރާތްކަމަށްވާ ސޯސަން ވިލާގައި، ސަރުކާރުން ވަނީ އެފަދަ ސެންޓަރެއް ގާއިމުކޮށް ދިވެހީންނަށް ޚިދުމަތް ދޭން ފަށައިފަ އެވެ. އަދި އެ މަސައްކަތް ދަނީ ވަރަށް ކާމިޔާބުކަމާއެކު ކުރިއަށެވެ.
"އަޅުގަނޑުމެން ވެސް ވަރަށް ބޮޑަށް އެދޭ އެދުމެއް، ލަންކާގައި ހުންނަ ފަދަ ތަނެއް މިތަނުގައި އުޅޭ ދިވެހީންނަށް ވެސް ސަރުކާރުން ގާއިމުކޮށްދެއްވުން. އަޅުގަނޑުމެންވެސް ބޭނުން ދަރީންނަށް އިސްލާމާއި ދިވެހި ކިޔަވައިދޭން،" ތިން ދަރީން ޓުރިވެންޑްރަމްގެ ސްކޫލަކަށް ވައްދައިގެން މިތަނުގައި ދިރިއުޅޭ ދިވެއްސަކު ބުންޏެވެ.
ޓުރިވެންޑްރަމްގައި ވެސް ދިވެހީންނަށް ކަލްޗަރަލް ސެންޓަރެއް ރަޖިސްޓްރީކުރާން ސަރުކާރުން މަސައްކަތްކުރަމުން އަންނަތާ މިހާރު އަހަރު ދުވަސްވެއްޖެ އެވެ. އެހެން ނަމަވެސް އެކަން އަދިވެސް ވަނީ ނުކުރެވި އެވެ. މި ކަމުގެ ހުއްދަ ހޯދުމަށް 29 ޑިސެމްބަރު 2014ގައި ދިވެހި ސަރުކާރުން ވަނީ، އިންޑިއާގެ ސަރުކާރުގައި އެދިފަ އެވެ. ސަރުކާރުން ވަނީ އެކަމަށް ބަޖެޓް ވެސް ކަނޑައަޅައިފަ އެވެ. އެހެނިހެން ތައްޔާރިތައްވެސް އޮތީ ވެ ނިމިފަ އެވެ. އެހެންނަމަވެސް އިންޑިއާ ސަރުކާރުން އެކަމަށް ބޭނުންވާ ހުއްދަ ނުލިބިގެން އަދިވެސް އޮތީ އެކަން ނުވެ އެވެ.
ރާއްޖޭގައި އިންޑިއަން ކަލްޗަރަލް ސޮސައިޓީ (އައިސީސީ)ގެ ނަމުގައި ޖަމިއްޔާއެއް ރަޖިސްޓްރީކޮށްގެން ހިންގާތާ މިހާރު ފަސްވަރަކަށް އަހަރުވީ އެވެ. އެއީ ރާއްޖޭގައި ދިރިއުޅޭ އިންޑިއާ މީހުންނަށެވެ. މީގެ ފަސް ވަރަކަށް އަހަރު ކުރިން، 28 ޖުލައި 2011 ވަނަ ދުވަހު އެ އެސޯސިއޭޝަން އިފްތިތާހު ކުރުމަށްފަހު މިއަދު، އެތަނުގައި އިންޑިއާގެ ދީނީ އަދި ސަގާފީ ހަރަކާތްތައް ވެސް ކުރިއަށް ގެންދެއެވެ. އެކަމަށް ދިވެހީން ވެސް އަދި ދިވެހި ސަރުކާރުން ވެސް އެއްވެސް ހުރަހެއް ނާޅަ އެވެ. އެހެންނަމަވެސް ދިވެހީންނަށް އިންޑިއާގައި އެފަދަ ސެންޓަރެއް ހުޅުވާން ހުއްދަ ނުލިބިގެން މިއުޅެނީ ކީއްވެތޯ ބަލަން އެބަޖެހޭ ނޫންހެއްޔެވެ.
"އަޅުގަނޑުމެން މިދަނީ އެކަމަށް ހުއްޓުމެއް ނެތި މަސައްކަތްކުރަމުން. 29 ޑިސެމްބަރު 2014 ވަނަ ދުވަހުން ފެށިގެން އަޅުގަނޑުމެން މިކަމާ އުޅޭތާ އަހަރެއްވީ. އެހެންނަމަވެސް، އަދި މިކަން ހަމަޖެހޭ ގޮތެއް ނުވޭ،" ކަލްޗަރަލް ސޮސައިޓީއެއް ގާއިމު ނުކުރެވިގެން އުޅެނީ ކީއްވެތޯ ސުވާލުކުރުމުން، ޓުރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓްގެ ކޮންސުލް އަލީ އާދަމް (އަލިބެ)އާ ސުވާލުކުރުމުން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓުރިވެންޑްރަމްގައި ދިވެހި ކަލްޗަރަލް ސެންޓަރެއް ގާއިމުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ ސަރުކާރުން އެކަމަށް ބަޖެޓް ހަމަޖައްސަވާދެއްވައިފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެތަނަށް ބޭނުންވާނޭ ޓީޗަރުންގެ ބަޖެޓް ހަމަޖައްސައި ދޭނޭކަމަށް ބުނެފަ އެވެ. އަދި ޔޫތުއެންޑް ސްޕޯޓްސް މިނިސްޓްރީން، ދިވެހި ސަގާފީ ހަރަކާތްތައް އެ ސެންޓަރުގައި ހިންގުމަށް އެކަމަށް ބަޖެޓް ހަމަޖައްސައިދޭނޭ ކަމަށް ބުނެފައިވާކަމަށް ވެސް އަލިބެ ވިދާޅުވި އެވެ.
މި ހުރިހާ ކަމެއް ދިވެހި ސަރުކާރުން ހަމަޖައްސާފައި އޮތްއިރު ވެސް ޓުރިވެންޑްރަމްގައި އެ ސެންޓަރު ނުހެދިގެން މިއުޅެނީ ކީއްވެހެއްޔެވެ؟ ޓުރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓުން ޖަވާބަކީ "އަޅުގަނޑުމެންނަށް އެކަން ކުރެވޭން އޮތީ ހުއްދަ ލިބުމުން،" ކަމަށެވެ.
އިންޑިއާގެ ގައުމީ ދުވަހާއި، މިނިވަން ދުވަހާއި އަދި އެނޫންވެސް އެމީހުން ފާހަގަކުރާން ބޭނުންވާ ދުވަސްތައް އެމީހުން ދަނީ، އައިސީސީގެ ނަމުގައި ހަދާފައިވާ ސޮސައިޓީގެ ދަށުން ބަރާބަރަށް ފާހަގަކުރަމުންނެވެ. ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންނާ ދޭތެރޭ ދިވެހީން ދެކެނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެކަން ދާނީ އެގޮތަށެވެ. އެހެންނަމަވެސް، އިންޑިއާ ސަރުކާރުން ދިވެހީންނާ ދޭތެރޭ ކަންތައް ކުރަނީ އެ ގޮތަށްތޯ އެއީ ސުވާލެކެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި، ޓުރިވެންޑްރަމްގައި ދިވެހީންނަށް ކަލްޗަރަލް ސެންޓަރެއް ގާއިމްކުރުމަށް ދިވެހި ސަރުކާރުން އެކި ފެންވަރުގައި ވަނީ އިންޑިއާ ސަރުކާރާ އެކު ވަނީ ތަފާތު މަސައްކަތްކޮށްފަ އެވެ. އެހެންނަމަވެސް އެކަމަށް އަދިވެސް ވަނީ އެދެވޭ ޖަވާބެއް ނުލިބިފަ އެވެ. އިންޑިއާ ސަރުކާރުން އެކަމާގުޅޭ ގޮތުން އެންމެ ފަހުން އެއްޗެއް ބުނެފައި ވަނީ، މިދިޔަ އޮކްޓޫބަރު މަހުގެ ފަހުކޮޅުގައެވެ.
އެގޮތުން ބުނެފައި ވަނީ، " ދިވެހީންގެ ބޮޑު އާބާދީއެއް ދިރިއުޅޭ ތުުރިވަނަންތަޕޫރަމްގައި ދިވެހީންނަށް ކަލްޗަރަލް ސެންޓަރެއް ގާއިމުކުރުމަށް ދިވެހި ސަރުކާރުން ވަނީ ހުށަހަޅާފައި. އިންޑިއާ ސަރުކާރުން ވަނީ އެ ހުށަހެޅުން ދިރާސާކުރުމަށް އެއްބަސްވެފައި." ކަމަށެވެ.
ކަލްޗަރަލް ސެންޓަރެއް ގާއިމުކުރެވޭނޭ ކަމުގެ އުންމީދުގައި ޓުރިވެންޑްރަމްގައި ތިބި ދިވެހީން ކިތަންމެ މަސައްކަތެއް ކުރިއަސް، އެކަން އެހާ ފަސޭހަކޮށެއް ނުކުރެވޭނެ ކަމަށް ބައެއް ދިވެހީން ގަބޫލު ކުރެ އެވެ.
"އަސްލު އަހަރުމެންނަށް އެނގިފައިވާ ގޮތުގައި، އެކަމަށް ހުއްދަ ނުލިބިގެން އުޅެނީ، އެތަނުގައި އިސްލާމް އަދި ދިވެހި ކިޔަވައިދޭނެތީ. އެމީހުން ބޭނުން ނުވަނީ، ދިވެހީން މިތަނުގައި ތިބެގެން އިސްލާމީ ތަރުބިއްޔަތު ހޯދަން. ރޯދަމަހު ދިވެހީންނަށް ދަރުސުދޭން ރާއްޖެއިން މިތަނަށް ވަޑައިގެންނެވި ޝެއިޚުންނަށް މިތަނުގެ އިމިގްރޭޝަންގައި ކަންތައް ދިވާވިގޮތް އަހަރުންނަށް އެނގޭ. އެއީ ދަރުސް ދޭން އައިބައެއްކަން އެނގުނު ހިސާބުން އެމީހުން އޮރިޔާން ނުކުރީ ކިރިޔާ،" ޓުރިވެންޑްރަމްގައި ދިރިއުޅޭތާ 12 ވަރަކަށް އަހަރުވެފައިވާ ދިވެއްސަކު އޭނާ ދެކޭގޮތް ހިއްސާކުރި އެވެ.
ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް، ދިވެހި ބިމުގައި އިންޑިއާ ރައްޔިތުންނަށް ލިބިދޭ ހައްގުތައް އިންޑިއާގައި ދިރިއުޅޭ ދިވެހީންނަށް ވެސް ލިބިދޭން ޖެހޭނެ އެވެ. ސަރަހައްދީ އަދި ސިޔާސީ ގުޅުމަކީ ގައުމުތަކުގެ ގުޅުން ބަދަހިކޮށް ރައްޔިތުންނަށް މަންފާކުރަނިވި ކަންތައްތަކަށް މަގުފަހި ކުރުމަށް ބާއްވާ ގުޅުމެކެވެ. ވަކިބައެއްގެ ބާރު ގަދަކުރުމަށް ނުވަތަ ބޮޑު ގައުމު ކުޑަގައުމަށް ބޭނުން ގޮތަކަށް ކަން ކުރުމަކަށް އޮންނަ ގުޅުމެއް ނޫނެވެ.
އާބާދީއާއި ބިމުގެ ގޮތުން އިންޑިއާ ކިތަންމެ ބޮޑު ނަމަވެސް، އދ.ގައި އެގައުމުން ވެސް ދޭނީ ހަމަ އެންމެ ވޯޓެކެވެ. ރާއްޖެއިންވެސް އެއްވޯޓު ދޭނެއެވެ. އެހެންކަމުން ދުނިޔޭގެ ގައުމުތަކުގައި ދިރިއުޅޭ، އަނެއް ގައުމުތަކުގެ ރައްޔިތުންނަށް އެގައުމެއްގެ ކަރާމާތް ނުގެއްލޭނެ ގޮތެއްގެ މަތިން އެޙައްޤުތައް ފޯރުކޮށްދިނުމަކީ 1961 ވަނަ އަހަރު ފާސްކޮށް ޢަމަލުކުރަން ފަށާފައިވާ 'ވިއެނާ ކޮންވެންޝަން" އިން ކަށަވަރުކޮށްދީފައިވާ ޙައްގުތަކެކެވެ. ދިވެހިން އާބާދީ މަދަސް ގައުމުގެ ނިސްބަތް ކުޑަނަމަވެސް ދިވެހިންނަށްވެސް އެ ޙައްޤުތައް ލިބިދޭން ޖެހެ އެވެ.