ޝަހީދު އަލި ގޯޅި ހިނގާފައި އުޅޭ ސަރަހައްދެއްގެ ގޮތުގައި ހަމަޖައްސައިފި

ޝަހީދު އަލި ގޯޅިއަކީ ހިނގާފައި އުޅޭ ސަރަހައްދެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސައިފި އެވެ.

އެ ސަރަހައްދަކީ ހިނގާފައި އުޅޭ ސަރަހައްދެއް ކަމުގައި ހަމަޖެއްސުމަށް މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ތާރިގް އިބްރާހިމް އެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ މިނިސްޓަރ ތާރިގް ވިދާޅުވީ، މާލޭގެ އިތުރުން އަތޮޅުތަކަށްވެސް ރައީސް ޔާމީން ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގަވަމުން ގެންދަވާ ކަމަށެވެ. އަދި މާލެ އަކީ "ވައިބްރަންޓް" ސިޓީއަކަށް ވުމުން، ރަނގަޅު ކަންތައްތަކާ ނުރަނގަޅު ކަންތައްތައް ހުންނާނެ ކަމަށް ތާރިގު ވިދާޅުވި އެވެ. އެެހެންކަމުން އިޖުތިމާއީ ގުޅުން ރަނގަޅު ކޮށްގެން ނޫނީ ގޯސް ކަންތައްތައް ރަނގަޅު ނުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ޝަހީދު އަލީ ގޯޅި ހިނގާފައި އުޅޭ ގޮތަށް ބަދަލުކޮށްފައި ވަނީ އެ ސަރަހައްދުގެ ރައްޔިތުން އެދުމުން ކަމަށެވެ. އެ ބަދަލާއެކު އިޖުތިމާއީ ގުޅުން ރަނގަޅުވެ ރަނގަޅު ވެއްޓެއް ގާއިމު ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރިފާއު ވިދާޅުވީ ދުއްވާ އެއްޗެހި ގިނަވެ، ތޮއްޖެހުމުގެ ސަބަބުން ޝަހީދު އަލި ގޯޅީގައި ދިރިއުޅޭ ފަރާތްތަކުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑަށް ފެންނަ މަންޒަރަކީ އަންނަ އަހަރު އަންނަ މި ގޯޅީގައި އުޅޭ ކުދިން ދުއްވާ އެއްޗެއްގައި ޖެހުމުގެ ބިރެއް ނެތި ދުވެލާ ކުޅެލާ އުޅޭ މަންޒަރު. އެ ކަންބޮޑުވުން ކުދިންނާ ބެލެނިވެރިންގެ ކިބައިން ދިޔައީ،" ރިފާއު ވިދާޅުވިއެވެ.

މީގެ ކުރިންވެސް ސަރުކާރުން ވަނީ ދެ ގޯޅިއެއް ހިނގާފައިވާ ސަރަހައްދެއްގެ ގޮތުގައި ހަމަޖައްސާފައެވެ. އެއީ ގުއްލަލާ ގޯޅި އަދި އެނބޫ ގޯޅި އެވެ.

comment ކޮމެންޓް