ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސްރީ ލަންކާގެ ސުނައިޕަރު ޝޫޓަރުގެ ބަންދުގެ މުއްދަތު ހަތަރު ވަނަ ފަހަރަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު "ސަން" އަށް ވިދާޅުވީ ސުނައިޕަރުގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާދީފައިވާ ކަމަށެވެ.
ފުލުހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އުމުރުން 27 އަހަރުގެ އެމީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ރާއްޖެއިން ކަމަށެވެ.
އެމީހާ ރާއްޖެ ގެނެސްފައި ވަނީ ދިވެހީންގެ ބަޔަކު ފައިސާދީގެން އޭނަ ލައްވައި ރައީސް ޔާމީން އަވަހާރަކޮށްލަން ކަން ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މިދިޔަ ސެޕްޓެމްބަރު 28 ވަނަ ދުވަހު ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމާއި ދައުލަތުގެ އިސްވެރިން ދަތުރުފުޅުކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި ބޮންގޮއްވާލީ މައްސަލައާ ގުޅިގެން މިހާތަނަށް ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އެ މައްސަލައިގެ ތަހުގީގަށް ބޭނުންވާ ބައެއް މީހުން ހޯދަން ފުލުހުންނާއި ނޭޝަނަލް އިންކުއަރީ ކޮމިޝަނުން ވަނީ އިއުލާންކޮށްފަ އެވެ.