ލަންކާގެ ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަނީ

ސްރީ ލަންކާގަިއ ބޭނުންކުރާ ފައިސާގެ ނޫޓްތަކެއް --- ފޮޓޯ: ނޭޝަން. އެލްކޭ

ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ޓަކައި ސަރުކާރު މުވައްޒަފުންގެ މުސާރަ އަންނަ އަހަރުން ފެށިގެން ބޮޑުކުރަން ނިންމާފައިވާ ކަމަށް ސްރީ ލަންކާގެ ސަރުކާރުން ބުނެފި އެވެ.

ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ވާހަކަފުޅުދައްކަވަމުން ލަންކާގެ ނައިބް ރައީސް ރަނިލް ވިކްރަމަސިންހާ ވަނީ، ސިވިލް ސާވަންޓުންގެ އަސާސީ މުސާރައަށް އިތުރު 10،000 ރުޕީސް އިތުރުކުރުމަށް އެގައުމުގެ ސަރުކާރުން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ.

ރަނިލް ވިދާޅުވި ގޮތުގައި، ސިވިލް ސާވަންޓުންގެ މުސާރަ ބޮޑު ކުރުމަށް ނިންމާފައި ވަނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި އަންނަ ޖަނަވަރީ މަހުން ފަށައިގެން ސިވިލް ސާވަންޓުންގެ މުސާރައަށް 2000 ރުޕީސްގެ މަހު އެލަވަންސެއް އިތުރު އިތުރުކުރެވޭނެ އެވެ.

ރަނިލް ވިދާޅުވީ، ޕްރައިވެޓް ސެކްޓަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް 2500 ރުޕީސް އިތުރު ކުރުމަށް ބައެއް ޓްރޭޑް ޔޫނިއަންތަކުން އެދިފައިވާ ކަމަށެވެ. އަދި އެގައުމުގެ ފިނޭންސް މިނިސްޓަރު އެންޑް ޓްރެޝަރީއާ މަޝްވަރާކުރެއްވުމަށް ފަހު އެކަމަށް ގޮތެއް ނިންމަވާނެ ކަމަށް އޭނާ ވައުދުވެ ވަޑައިގަތެވެ.

އެކަން އެގޮތަށް ވެއްޖެ ނަމަ، އަންނަ އަހަރުގެ މޭ މަހުން ފަށައިގެން ޕްރައިވެޓް ސެކްޓަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް ވެސް 2500 ރުޕީސް އިތުރުވާނެ އެވެ.

ގައުމީ ސަރުކާރެއް އެކުލަވާލެވުނީ އާ ގައުމެއް ބިނާކުރުމަށް ކަމަށް ވިދާޅުވެ، ނައިބް ރައީސް ރަނިލް ވަނީ ޕެންޝަނަރުންގެ މެދުގައި ތަފާތުނުކުރުމަށް ޓަކައި ކުރިން އުވާލަން ނިންމާފައިވާ ޕެންޝަން ސުކީމު އުވާނުލައި، އާ ޕެންޝަން ސުކީމެއް ތައާރަފްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން، ހުރިހާ ދުއްވާއެއްޗަކުން ކޮންމެ އަހަރަކު ދައްކަންޖެހޭ ރެވެނިއު ލައިސެންސް ފީ 25 ޕަސެންޓުން 15 ޕަސެންޓަށް ކުޑަކުރުމަށް ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް