ހައްގުތަކަކީ ވަކި ހުދޫދެއްގެ ތެރެއިން ލިބިދޭންޖެހޭ އެއްޗެއް ކަމަށް ގަބޫލުކުރަންޖެހޭ: އީނާސް

ހިއުމަންރައިޓްސް ކޮމިޝަންގެ ރައީސް އާމިނަތު އީނާސް ޖަލްސާގައި ވާހަކަފުޅުދައްކަވަނީ ---- ފޮޓޯ: ރައީސް އޮފީސް

ތިމާގެ ހައްގު ހޯދުމަށް އަނެކާގެ ހައްގު ނިގުޅައިގަތުމަކީ ކޮށްގެން ވާނެ ކަމެއްނޫން ކަމަށާއި ހައްގު ތަކަކީވެސް ވަކި ހުދޫދެއްގެ ތެރެއިން ވަކި މިންގަނޑެއްގެ ތެރެއިން ލިބިދޭން ޖެހޭ އެއްޗެއްކަން ގަބޫލު ކުރަން ޖެހޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ރައީސް އައިމިނަތު އީނާސް ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަ ކުރުމަށް މިރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަމުން އީނާސް ވިދާޅުވީ އިންސާނީ ހައްގުތައް ގެއްލޭ ކޮންމެ ފަހަރަކު އެ ކޮމިޝަނުން އެކަމަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރާ ކަމަށެވެ.

"މިފަދަ ކޮންމެ ވަގުތަކީ މި ކޮމިޝަނުން އެކަމަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރާ ވަގުތެއް. އެހެން ނަމަވެސް އަޅުގަނޑުމެން ގަބޫލު ކުރަންޖެހޭ ހަގީގަތަކީ މިފަދަ ހާލަތެއް މެދުވެރިވާ ކޮންމެ ވަގުތެއްގައި އެންމެ ހިތްހަމަ ޖެހޭ ގޮތެއްގައި ކަންކަން ހަމަޖެހިގެން ނުގޮސްދާނެ ކަން،" އީނާސް ވިދާޅުވިއެވެ.

އީނާސްގެ ވާހަކަފުޅުގައި އެޗްއާރްސީއެމަށް ހުށަހެޅޭ މައްސަލަތައް އިންސާފުވެރި ކަމާއެކު ބެލުމަށް ވަރަށް ގިނަ ބައެއްގެ އެއްބާރުލުމާ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރެއްވި އެވެ. އެގޮތުން މައްސަލަ ހުށަހަޅާ ފަރާތުން އެއްބާރުލުންދޭންޖެހޭ ފަދައިން މައްސަލަ ކުރިއަށް ގެންދިއުމަށް ބޭނުންވާ މައުލޫމާތު ކަމާ ގުޅުންހުރި މުއައްސަސާތަކުންދޭންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމިޝަނަށް ހުށަހެޅޭ ކޮންމެ މައްސަލައެއްގައިވެސް އިންސާފުވެރި ކަމާއެކު ހައްގު ހޯދައިދިނުމަށް މަސައްކަތް ކުރާ ކަމަށާއި ހައްގުތަކާ އެކީ ޒިންމާތަކެއް ވާކަން ގަބޫލު ކުރަން ޖެހޭ ކަމަށް އީނާސް ވިދާޅުވިއެވެ.

"އަދި ހަމަ އެހެންމެ ހައްގު ތަކަކީވެސް ވަކި ހުދޫދެއްގެ ތެރެއިން ވަކި މިންގަނޑެއްގެ ތެރެއިން ލިބިދޭން ޖެހޭ އެއްޗެއްކަން ގަބޫލު ކުރަން ޖެހޭ. ތިމާގެ ހައްގު ހޯދުމަށް އަނެކާގެ ހައްގު ނިގުޅައިގަތުމަކީ ކޮށްގެން ވާނެ ކަމެއްނޫން،" އޭނާ ވިދާޅުވިއެވެ.

ހަމައެހެންމެ އިންސާނީ ހައްގުތަކުގެ ވާހަކަ ދައްކާ އިރު، މިކަމުގައި ހުރި ގޮންޖެހުން ތަކަކީ ކޮބައިތޯވެސް ބަަލަން ޖެހޭ ކަމަށާއި އެފަދަ ކަންކަން ހައްލު ކުރުމަކީ މުހިންމު ކަމެއް ކަމުގައި ގަބޫލު ކުރަން ޖެހޭ ކަމުގައި އީނާސް ވަނީ ވިދާޅުވެފައެވެ.

އީނާސް ވިދާޅުވީ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގައި ރާއްޖެއިން ސޮއިކޮށްފައިވާ އެއްބަސްވުންތަކާ މުއާހަދާތަކުގައި ވާ ގޮތަށް ކަންކަން ތަންފީޒު ނުކުރެވޭކަން ފާހަގަ ކުރެވޭ ކަމަށާއި ކަމާ ގުޅެ ގާނޫނުތަކާ ގަވާއިދުތައް އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަމަށެވެ.

"ވީހާވެސް ބޮޑަށް އިންސާނީ ހައްގުތައް ރައްކާތެރި ކުރެވޭނެ ގޮތަކަށް ސިޔާސަތު ތައް ބައްޓަން ކުރެވި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ގާނޫނީ އޮނިގަނޑު ފުރިހަމަ ކޮށް ހައްގުތައް ގެއްލޭ ފަރާތްތަކަށް ހުރި ހުރަސްތައް ނައްތާލައި އަނިޔާ ލިބޭ ފަރާތްތައް ބޭނުންވާ ރައްކާތެރިކަން މިހާރަށް ވުރެ ބޮޑަށް އެބަ ލިއްބައިދޭން ޖެހޭ،" އީނާސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމަކީ ހަމައެކަނި ދައުލަތާއި ވަކި މުއައްސަސާތަކެއްގެ ޒިންމާއެއް ނޫންކަަމާއި، އެއީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް ކަމަށެވެ.

comment ކޮމެންޓް