ނިންމާފައިވަނީ ސީމެގް އެޖެންޑާގައި ރާއްޖެ ނުހިމަނަން: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ---- ސަން ފައިލް ފޮޓޯ

މޯލްޓާގައި ކުރިއަށް ދިޔަ ކޮމަންވެލްތުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ނިންމާފައި ވަނީ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ އެޖެންޑާގައި ރާއްޖެ ނުހިމަނަން ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީ އިން މިރޭ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ، މި ހެން ބުނެފައި ވަނީ ސީމެގް އެޖެންޑާގައި ރާއްޖެ ހިމެނުމާ މެދު ރަސްމީކޮށް ވިސްނަން ފަށާފައިވާ ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން ވިދާޅުވުމާއި ގުޅިގެންނެވެ.

ފޮރިން މިނިސްޓްރީން އިތުރަށް ބުނެފައި ވަނީ ރާއްޖެގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ބޭރުގެ ގައުމުތަކާ އެކު ރާއްޖެ އިން އުފެއްދުންތެރި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ކޮމަންވެލްތު ހެޑްސް އޮފް ގަވަމަންޓް މީޓިންގް (ޗޮގްމް) އަށް ފަހު އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހަށް ދެއްވި ތަގްރީރެއްގައި ކެމަރަން ވިދާޅުވީ ސީމެގް އެޖެންޑާގައި ރާއްޖެ ހިމެނުމާ މެދު ވިސްނާނެކަން އެގްރޫޕުން އަންގާފައިވާ ކަމަށެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ ----

ކެމެރަން ވަނީ ސީމެގް އިން ޗޮގްމަށް ފަހު ފޮނުވި ރިޕޯޓަށް މަރުހަބާ ކިޔުއްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ސީމެގްގެ އެޖެންޑާގައި ރާއްޖެ ނުހިމަނަން ނިންމީ ކޮމަންވެލްތާ އެކު ރާއްޖެއިން އެކަށީގެންވާ ގޮތެއްގައި މަސައްކަތްކުރަމުން ދާތީ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ކުރިން ބުނެފައެވެ.

ސީމެގްގެ އެޖެންޑާގައި ރާއްޖެ ކުރިން ހިމެނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ބަދަލުވުމާ ގުޅިގެން ވެރިކަން ބަދަލުވި ގޮތާ މެދު އުފެދުނު ނުތަވަނަސްކަމާ ގުޅިގެންނެވެ. އަދި ކޮމަންވެލްތުގެ ވެސް ބައިވެރިވުމާއި އެކު އެ ހާދިސާ ތަހުގީގުކުރުމަށް ފަހު އެޖެންޑާއިން ރާއްޖެ ނެގިއެވެ.

comment ކޮމެންޓް