ޕެންޝަން ފަންޑުން ދޫކުރި ޓީ ބިލްގެ ތެރެއިން 471 މިލިއަން ރުފިޔާ ޓީ ބޮންޑަށް ބަދަލުކޮށްފި

ޕެންޝަން އޮފީހުގެ ސީއީއޯ މީގެކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފައިލް ފޮޓޯ

ޕެންޝަން ފަންޑަށް ސަރުކާރުން ވިއްކާ ޓީ ބިލްގެ ތެރެއިން 471 މިލިއަން ރުފިޔާ ޓީ ބޮންޑަށް ބަދަލުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބުނެފި އެވެ.

ޕެންޝަން އޮފީހުގެ ޑިރެކްޓަރ، ސްޓޭކްހޯލްޑާ ރިލޭޝަންސް އިސްމާއީލް ސުޖާއު މިއަދު ސަން އަށް ވިދާޅުވީ ޓީ ބިލްގެ ތެރެއިން 471 މިލިއަން ރުފިޔާ ޓީ ބޮންޑަށް ބަދަލުކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ކަމަށެވެ.

މިއީ ޕެންޝަން ފަންޑުން ބޮންޑެއް ވިއްކި ފުރަތަމަ ފަހަރެވެ.

ޓީ ބިލްސް ބޮންޑަށް ބަދަލުކޮށްފައި ވަނީ، ފަސް އަހަރުން އަނބުރާ ދައްކާގޮތަށް ފަސް ޕަސެންޓްގެ އިންޓަރެސްޓްގައި ކަމަށް ވެސް ސުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތިން ބިލިއަނަށްވުރެ ގިނަ ރުފިޔާ މިހާރު ޓީބިލްގައި ވެސް އިންވެސްޓުކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ޕެންޝަން ފަންޑުން އެކިއެކި ތަފާތު އިންސްޓްރުމެންޓުގަ އިންވެސްޓް މިކުރަނީ ބައިވެރިންނަށް ނަފާއެއް ހޯދައިދިނުމަށް. އެނގިވަޑައިގަންނަވާނެ ސަރުކާރުގެ ޓީބިލަކީ ނޫނީ ޓީބޮންޑުކަމަށްވަންޏާ އެއީ ކަށަވަރުކަމާ އެކު އޭގެން ކަށަވަރުކަމާ އެކު އޭގެން ފައިދާ ލިބި ލިބި ހުންނާނެ،" ސުޖާއު ވިދާޅުވި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އޮކްޓޫބަރު މަހުގެ ނިޔަލަށް ސަރުކާރުން ވަނީ 20.1 ބިލިއަން ރުފިޔާގެ ޓީ ބިލާއި ބޮންޑް ވިއްކައިފަ އެވެ.

comment ކޮމެންޓް