ސަރުކާރުން ދެ ބިލިއަން ރުފިޔާގެ ޓީ ބިލް ވިއްކަނީ

ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ސަރުކާރުން ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޓްރެޝަރީ ބިލް (ޓީ ބިލް) ވިއްކަން މިއަދު ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމު ކުރި މައުލޫމާތުގައިވާ ގޮތުން ސަރުކާރުން ވިއްކަން ހުޅުވާލާފައި ވަނީ 2.2 ބިލިއަން ރުފިޔާގެ ޓީބިލެވެ.

އޭގެ ތެރޭގައި، 28 ދުވަހުގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭ 40 މިލިއަން ރުފިޔާގެ ޓީ ބިލާއި 98 ދުވަހުގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭ 240 މިލިއަން ރުފިޔާގެ ޓީ ބިލު ހިމެނެއެވެ. އަދި 182 ދުވަހުގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭ 135 މިލިއަން ރުފިޔާ ޓީ ބިލާއި އަހަރެއް ތެރޭ އަނބުރާ ދައްކަން ޖެހޭ 1.6 ބިލިއަން ރުފިޔާގެ ޓީ ބިލު ހިމެނެއެވެ.

އެ ޓީ ބިލްތަކުގެ އިންޓްރެސްޓު ރޭޓު 3.5 ޕަސެންޓާއި 4.6 ޕަސެންޓާ ދެމެދުގެ އަދަދަކަށް އަރައެވެ.

ޓީ-ބިލްއަކީ، ދައުލަތުގެ ބަޖެޓް ޑެފިސިޓް ފޫބެއްދުމަށް އާމްދަނީ ހޯދުމުގެ ގޮތުން ވަކި އިންޓަރެސްޓް ރޭޓެއްގައި، ފަހުން އަނބުރާ ފައިސާ ދައްކަން ޖެހޭ ގޮތަށް މަރުކަޒީ ބޭންކުން ވިއްކާ މާލީ އިންސްޓްރޫމަންޓެކެވެ.

comment ކޮމެންޓް