މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުނީ ޓީސީގެ ހިތްވަރުން: ނާއިޒު

ދިވެހި ޕްރިމިއާ ލީގްުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާ ނައިޒު ހަވަލުވަނީ --- ސަން ފޮޓޯ/ އަލީ ނަސީރު

ދިވެހި ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުނީ ހަމައެކަނި އޭނާގެ މަސައްކަތުން ނޫން ކަމަށާއި އެއީ މުޅި ޓީސީ ޓީމުން އޭނާއަށް ދިން ހިތްވަރުން ހާސިލު ކުރެވުނު އެވޯޑެއް ކަމަށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ޓީސީގެ ނާއިޒު ހަސަން ބުނެފި އެވެ.

ނާއިޒު "ސަން"އަށް ބުނީ އެވޯޑް ހާސިލުވީ މިންވަރަށް އޭނާއަށް މަސައްކަތް ކުރެވުނީ ޓީސީގެ ކޯޗް މުޙައްމަދު ނިޒާމު އާއި ޓީމުގެ އެހެން ކުޅުންތެރިންނާއި ޓީސީގެ އޮފިޝަލުންގެ ފަރާތުން ދިން ހިތްވަރުގެ ސަބަބުން ކަމަށެވެ.

"މިއީ އަޅުގަނޑު އެކަނި މަސައްކަތެއް ނޫން. މިއީ ކޯޗާއި ޓީމުގައި އަހަންނާ އެއްކޮށް ކުޅުނު އެހެން ކުޅުންތެރިން ދިން ހިތްވަރު. އެ ހިތްވަރާއެކު މަސައްކަތް ކުރީމަ ﷲ ގެ ވާގިފުޅާއެކު މި އެވޯޑް މި ލިބުނީ،" ނާއިޒު ބުންޏެވެ.

ނާއިޒު ބުނީ އެވޯޑާއެކު ކުރިއަށް އޮތް ތަނުގައި އިތުރު އެވޯޑްތައް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށާއި ދިވެހި ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު އެ ކަމަށް އިތުރު ހިތްވަރެއް ލިބިގެން ހިނގައްޖެ ކަމަށެވެ.

ނާއިޒަށް މޮޅު ކުޅުންތެރިޔާގެ އެވޯޑް ނާއިޒާ ހަވާލުކޮށް ދެއްވީ ދިވެހި ޕްރިމިއާ ލީގ ފަހު މެޗަށްފަހު މިރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރު ޢަލީ ޢުމަރެވެ.

މި ސީޒަންގައި ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރި ޓީސީ ލީގުގެ ދެ ވަނައާ ހަމައަށް ގެންދިއުމުގައި ނާއިޒު ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ގައުމީ ޓީމުގައި ހިމެނު ފަހުން އޭނާ އަންނަނީ ގަވާއިދުން ގައުމީ ސްކޮޑުން ޖާގަ ހޯދަމުންނެވެ.

comment ކޮމެންޓް