އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ނިއުރޭޑިއަންޓް އެ މުބާރާތުގެ ޝީލްޑް އުފުލާލައިފި އެވެ.
ނިއުއަށް ޝީލްޑް އުފުލާލީ މިރޭ ލީގުގެ ފަހު މެޗުގައި ޓީސީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ގަލޮޅު ދަނޑުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.
ލީގުގެ ޝީލްޑާއެކު ނިއުއަށް ވަނީ އެއް މިލިއަން ރުފިޔާ ލިބިފަ އެވެ.
މިއީ ރާއްޖޭގެ އެންމެ ބޮޑު އެއް ލީގް ނިއުރޭޑިއަންޓުން އުފުލާލި ހަތަރު ވަނަ ފަހަރެވެ.
މިރޭ ވަނީ މިނިވަން ކަމަށް 25 އަހަރު ފުރުނު އަހަރު ނިއުއިން ހޯދި ގައުމީ މުބާރާތުގެ ޝީލްޑް ވެސް ދައްކާލާފަ އެވެ.
ލީގުގެ މިރޭގެ މެޗް 1-1 ގެ ނަތީޖައަކުން އެއްވަރުވެގެން ނިމުނު އިރު ފުރަތަމަ ލަނޑު މެޗުގެ ހަތް ވަނަ މިނެޓުގައި ކާމިޔާބު ކުރީ ޓީސީގެ އިބްރާހިމް ރިޒުވާންއެވެ.
މެޗުގައި ނިއުގެ ކެޕްޓަން އަސްހަދު ޢަލީ (އަޑޭ) ޓީސީގެ ކީޕަރު މުޙައްމަދު ޢިމްރާން (ކުޑަ ޢިމްރާން) އަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ މެޗްގެ 16 ވަނަ މިނެޓްގައި (އަޑޭ) އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.
ނަތީޖާ ހަމަހަމަ ކުރި ލަނޑު ކާމިޔާބު ކުރީ ޓީސީގެ ޕެނަލްޓީ އޭރިއާގެ ބޭރުން ނިއުއަށް ލިބުނު ހިލޭ ޖެހުން ރިލްވާން ވަހީދު (ކަކާ ރިލޭ) ޓީސީގެ ޕެނަލްޓީ އޭރިއާއަށް ހުރަސް ކުރުމުން އަހްމަދު ޢަބްދުﷲ (ލިލީ) ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.