މާޒިޔާގެ މައްޗަށް 2-1 ނަތީޖާއަކުން ކާމިޔާބު ހޯދައި އީގަލްސް ތާވަލުގެ ދެ ވަނާގައި ލީގު ނިންމާލައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗްގައި ފުރަތަމަ ލީޑް ނެގީވެސް އީގަލްސްއިންނެވެ.
އެ ޓީމުގެ ލަނޑު 16 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ކެޕްޓަން އިސްމާޢީލް ޢީސާ (މެސީ) އެވެ.
މާޒިޔާއިން އެއް ވަރު ކުރި ލަނޑު މާޒިޔާގެ ކެޕްޓަން އަސަދުﷲ ޢަބްދުﷲ (އަސައްކޮ) ކާމިޔާބު ކުރީ މެޗްގެ 54 ވަނަ މިނެޓްގަ އެވެ.
މެޗުގައި މާޒިޔާއިން އުފެއްދި ގިނަ ހަމާލަތަކެއް އީގަލްސްގެ ޝުރީލަންކާގެ ގައުމީ ޓީމުގެ ކީޕަރު ސޫޖަން ޕެރޭރާ ވަނީ ދިފާއު ކުރުމަށް މޮޅު ސޭވްތަކެއް ކޮށްފައެވެ.
މެޗްގައި ސޫޖަންއަށް އަނިޔާވެ ކުޅުން ވަގުތުތަކަކަށް މެދު ކަނޑާލަން ޖެހުނުއިރު އޭނާ ބަދަލު ކުރުމަށް އީގަލްސްއިން ވަނީ އެ ޓީމުގެ ބަދަލު ކީޕަރު ހުސައިން އަނީސް ލައްވައި ވޯމްއަޕް ކުރުވަން ފަށަފާ އެވެ.
ނަމަވެސް އަށިގަނޑުގައި ދަނޑު ބާލައި ދިން ފަރުވާތަކަށްފަހު ސޫޖަން ވަނީ އަލުން ކުޅުމަށް ނުކުތެ އެވެ.
އީގަލްސްގެ ތިން ވަނަ ލަނޑު އަންސަރު އިބްރާހިމް (އާއްކޮ) ކާމިޔާބު ކުރީ އީގަލްސްއިން އުފެއްދި ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި މާޒިޔާގެ ޑިފެންޑަރުންނަށް ހެދުނު މިސްޓޭކެއްގެ ފައިދާ ނަގައި ލިބުނު ބޯޅަ ގޯލްގެ ތރެއަށް ފޮނުވާލައިގެންނެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗް ޢަލީ ސުޒޭން ބުނީ ލީގު ޗެމްޕިއަން ޓީމު ކަށަވަރުވެފައިވުމުން މެޗު ވެގެންދިޔައީ ފޯރި ނެތް މެޗަކަށް ކަމަށާއި ނަމަވެސް މެޗުގައި އީގަލްސް މޮޅުވީ ވަރަށް ރަނގަޅަށް ކުޅެގެން ކަމަށެވެ.
އީގަލްސްގެ ކޯޗް އިހްސާން ޢަބްދުލް ޣަނީ (ސާންތީ) ބުނީ މުޅި ސީޒަނަށް ބަލާއިރު ލީގްގެ ތިން ވަނައިގައި އޮތުން އީގަލްސްއަށް ހައްގުނޫން ކަމަށާއި އެއީ އީގަލްސްއަކީ މިއަށް ވުރެ ގިނަ ޕޮއޮއިންޓް ހޯދޭނެ ޓީމެއް ކަމަށެވެ.
އީގަލްސްއަށް ތިން ވަނަ ލިބެނީ ލީގުގައި ކުޅުނު 14 މެޗްގެ ތެރެއިން ހަ މެޗުން މޮޅުވެ ހަ މެޗުން އެއްވަރުވެ ދެ މެޗުން ބަލިވެ 24 ޕޮއިންޓާއެކު އެވެ.
މާޒިޔާ ހަތަރު ވަނާގައި ލީގު ނިންމާލީ ކުޅުނު 14 މެޗްގެ ތެރެއިން ހަ މެޗުން މޮޅުވެ ތިން މެޗުން އެއްވަރުވެ ފަސް މެޗުން ބަލިވެ ލިބުނު 21 ޕޮއިންޓާއެކުއެވެ.
ލީގުގެ ފަހު މެޗުގައި މިރޭ ބައްދަލު ކުރާނީ ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ނިއުރޭޑިއަންޓާއި ލީގު ދެ ވަނަ ޓީމް ޓީސީއެވެ.
މިރޭގެ މެޗަށް ފަހު ނިއުރޭޑިއަންޓަށް ލީގުގެ ޗެމްޕިއަން ޓްރޮފީ ހަވާލު ކުރުން އޮންނާނެއެވެ.